އެއީ ވަޒިފާއެއް ލިބުން އެދިގެން އެކަމަށް މަސައްކަތްކުރަމުން އައި އަންހެނެކެވެ. އެތައް ތަނަކަށް އިންޓަރވިޔުއަށް ދިއުމުންވެސް ވަޒީފާ ލިބޭނެ ގޮތެއް ނުވުމުން އެކަމުގެ މާޔޫސްކަމުގައި އިން އަންހެނެކެވެ. އެދުވަހަކު ސޯޝަލްމީޑިއާ ސްކްރޯލްކުރަނިކޮށް އާޔަތެއްގެ އަޑުއިވުމުން ކިޔެވިލެއް ރީތިކަމުން މާނަބަލައިލާހިތްވީއެވެ.
ތަރުޖަމާއިން މާނަބަލައިލިއިރު އެއީ މުސްލިމް އަންހެނުންގެ އަޢުރައާއިބެހޭގޮތުން އޮތް ވަޙީބަސްފުޅެކެވެ. އެހިސާބުން އޭނާ އެކަން ބަލައިގަތީ އެއީ އޭނާއަށް ޚާއްޞަ އާޔަތެއްކަމަށެވެ. އެމީހާ މެދުވެރިކޮށް ލިބުނު މެސެޖެއް ކަމަށެވެ. އެހެންވެ އޭނާ އަވަސްއަވަހަށް ސްކާފް އަޅަންފެށިއެވެ.
އެކްން އެގޮތަށް މެދުވެރިވީ ސްކާފްއެޅީތީ ކަމަށް ބުނަނީއެއް ނޫނެވެ. އެއިގެ ފަހުން 10 ވަރަކަށް ދުވަސްވެސް ނުވަނީސް އޭނާއަށް ރަނގަޅު ވަޒީފާއެއް ލިބުނެވެ. މިބާވަތުގެ އެތައް ކަމެއް ކޮންމެ ދުވަހަކުވެސް ހިނގައެވެ. އޮތީ ވިސްނައި ފިކުރުކުރުމެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ގިނަ ބައަކު މިހާރަކަށް އައިސް ސޯޝަލް މީޑިއާ ބަލަން ގިނަ ވަޤުތުތަކެއް ހޭދަކުރެއެވެ. ބަލަމުންދާއިރު ފެންނަ އެމީހަކަށް ފައިދާހުންނަ ޕޯސްޓްތައް ކިޔައެވެ. ވީޑިއޯ އާއި އޯޑިއޯތައް އަޑުއަހައެވެ. އެކަމަކު ޤުރްއާނުގެ އާޔަތްތައް ފެނުމުން ނުވަތަ އަޑުއިވުމުން ސަމާލުކަމެއް ނުދެއެވެ.
މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކީރިތި ޤުރްއާނުގެ އާޔަތެއް ފެނިއްޖެނަމަ ކިޔާށެވެ! އަޑުއަހާށެވެ! މާނަވެސް ބަލާށެވެ! އެހެނީ ސޯޝަލް މީޑިއާ އިން ތިބާއަށް އެފެނުނު އާޔަތަކީ ތިބާއަށް ޚާއްޞަ މެސެޖެއް ކަމުގައިވެސް ވެދާނެއެވެ. ސޯޝަލްމީޑިއާ މެދުވެރިކުރައްވަވައި ތިބާއަށް އަންގަވައި ދެއްވެވީކަމަށްވެސް ވެދާނެއެވެ. އެކަމަށް ސަމާލުކަން ނުދިނުމަކީ ޤިޔާމަތް ދުވަހު ތިބާ އާއި ސުވާލުކުރައްވަވާނެ ކަމަށްވުމަކީވެސް ދުރުކަމެއް ނޫނެވެ. އެއީ ހަމަވުން ވަރަށް ގާތް ކަމެކެވެ.
ވަރަށް ގޯސްކޮށް އުޅެމުން އައި ބައެއް މީހުންނަށް ކީރިތި ޤުރްއާނުގެ އާޔަތެއް މީހަކު ކިޔަވާއަޑުއިވުމުން އެއީ ތިމާއަށް އިއްވެވި މެސެޖެއްކަމަށް ޤަބޫލުކޮށް ތައުބާވެ އިޞްލާޙްވެ މުޅިން ތަފާތު މީހަކަށް ބަދަލުވިކަމުގެ ވާހަކަތައް ދަރުސްތަކުން އަހުރެމެން އަޑުއަހަމުއެވެ. އެޒަމާނަކު ސޯޝަލް މީޑިއާއެއް ނެތެވެ. އަޑު އިވިގެން ނޫނީ އެނގޭނެ ގޮތެއް ނެތެވެ. ނަމަވެސް މިއަދު މިވަނީ ޒަމާން ބަދަލުވެފައެވެ.
އަބަދުވެސް ބުނާފަދައިން ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކަށްވެސް އިޞްލާޙްވާން އެތައް މެސެޖްތަކެއް ލިބެއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ދައްކަވައެވެ. ވިސްނައި ފިކުރުކުރާމީހުން އެކަންކަން ބަލައިގަނެ އިޞްލާޙްވެއެވެ. ނުވިސްނާމީހުން ޣާފިލުވެގެން ތިބެނީއެވެ. އެފަދަ ގިނަ މީހުން މަރުވަނީވެސް އެޣާފިލުކަންމަތީގައެވެ. އެއީ އެމީހުން އަމިއްލައަށް އިޚްތިޔާރުކުރާ ގޮތެވެ.
ކީރިތި ޤުރްއާނުގެ ކޮންމެ އާޔަތަކީވެސް މުހިންމު މެސެޖެކެވެ. އެއިގެ ތެރޭގައި ކޮންމެ މީހަކާއިވެސް ގުޅުން ބޮޑުވެގެންދާ މެސެޖްތައްވެސް ހުންނާނެއެވެ. ވިސްނައި ޢަމަލުކުރުމުން އެމީހަކަށް ތެދުމަގު ދައްކަވާނެތެވެ. ހެޔޮރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން