މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމަސްގެ މަޤާމުގައި ތިއްބެވި ދެ ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު މަޤާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ދެ ބޭފުޅުން ވަކިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ) ދިރާސާކުރެއްވި މުހިންމު ދެ މައްސަލައަކާ ގުޅިގެން، މަޖިލީހުން ރައީސްއަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށެވެ. މީގެ ތެރޭގައި ހިމެނެނީ “ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް” ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓް ކާޓޫނުތަކެއް ދިވެހިރާއްޖެއަށް އެތެރެކުރި މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި ޤާނޫނާ ޚިލާފަށް ނެރެފައިވާ މައްސަލައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މައްސަލަތަކާ ގުޅިގެން ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ވަކިކުރުމުގެ އިތުރުން، ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރައްވަމުންގެންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކަސްޓަމްސް ސަރވިސް އަށް އަންގަވާފައިވާ ކަމަށެވެ.
މި މައްސަލަތަކާ ގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މި ރިޕޯޓުގައި 4 އިދާރާއަކަށް ވަނީ ކަންކަން އިސްލާހުކުރުމަށް އެންގުންތައް އަންގާފައެވެ. އެ އިދާރާތަކަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ދާޚިލީ ވުޒާރާއާއި ދަތުރުފަތުރާބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތް ހިމެނޭ އިދާރާތަކެވެ.