ދައުލަތުގެ ބަޖެޓުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދައުލަތުގެ ބަޖެޓުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައިފި

ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް ޖުމްލަ 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައިފިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި އަމިއްލަ މީޑިއާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފައިސާއެވެ.

މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް މިނިސްޓްރީން ވަނީ ލިސްޓެއް އާންމުކޮށްފައެވެ. މި ލިސްޓުގައިވާ ގޮތުން، މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތައެވެ.

މި އަހަރު އެންމެ ގިނަ ރުފިޔާ ލިބޭ މީޑިއާތަކުގެ ތެރޭގައި ހިމެނެނީ ޓީވީ ޗެނަލްތަކާއި ބޮޑެތި އޮންލައިން ނޫސްތަކެވެ. އެގޮތުން، ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ، ވީޓީވީއަށް 3 މިލިއަން ރުފިޔާ އަދި އެސްއެސްޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބޭނެއެވެ. އޮންލައިން ނޫސްތަކުގެ ތެރެއިން ވަން އޮންލައިންއަށް 1.37 މިލިއަން ރުފިޔާ، ވޮއިސް އެމްވީއަށް 1.36 މިލިއަން ރުފިޔާ، ދަ ޕްރެސްއަށް 1.34 މިލިއަން ރުފިޔާ، ސަން އޮންލައިންއަށް 1.33 މިލިއަން ރުފިޔާ އަދި ސަންގު އޮންލައިންއަށް 1.3 މިލިއަން ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން މާލީ އެހީ ލިބޭ އެހެން މީޑިއާތަކުގެ ތެރޭގައި ހިމެނެނީ: ދައުރު ނޫސް (1.3 މިލިއަން ރުފިޔާ)، މިހާރު ނޫސް (1.29 މިލިއަން ރުފިޔާ)، ތިލަދުން (1.2 މިލިއަން ރުފިޔާ)، މިހާރުގެ އިނގިރޭސި އެޑިޝަން (1.17 މިލިއަން ރުފިޔާ)، އަދަދު ނޫސް (1.17 މިލިއަން ރުފިޔާ)، ތީރު މީޑިއާ (1.14 މިލިއަން ރުފިޔާ)، ވީނިއުސް އެމްވީ (1.1 މިލިއަން ރުފިޔާ)، ދިޔަރެސް (1.1 މިލިއަން ރުފިޔާ)، ގާފު އޮންލައިން (1 މިލިއަން ރުފިޔާ) އަދި މާލްދީފް އޮންލައިން (899,197.77 ރުފިޔާ) އެވެ.

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ މަގްސަދަކީ މިނިވަން މީޑިއާގެ ދައުރު ފުޅާކޮށް، މީޑިއާގެ ހިންގުން ހަރުދަނާކުރުމަށް އެހީތެރިވުން ކަމަށް ސަރުކާރުން ބުނެއެވެ. މި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ ތަފްސީލު ޔޫތު މިނިސްޓްރީން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން