ޢިލްމީ ދިރާސާ ކުރުމަށް އެހީތެރިކަންދިނުމަށް އެމް.އެން.ޔޫ، އައި.ޔޫ.އެމް އަދި ވިލާ ކޮލެޖަށް ސަރުކާރުން ދޫކުރާ ގްރާންޓް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޢިލްމީ ދިރާސާ ކުރުމަށް އެހީތެރިކަންދިނުމަށް އެމް.އެން.ޔޫ، އައި.ޔޫ.އެމް އަދި ވިލާ ކޮލެޖަށް ސަރުކާރުން ދޫކުރާ ގްރާންޓް ދީފި

ދިވެހިރާއްޖޭގެ ޢިލްމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެމުންގެންދާ އެހީތެރިކަމުގެ ދަށުން، ޤައުމީ ޔުނިވަރސިޓީތަކާއި ކޮލެޖަކަށް ޢިލްމީ ދިރާސާ ކުރުމަށް ހާއްސަ ގްރާންޓް ދޫކޮށްފިއެވެ. މި ގްރާންޓް ދީފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައި.ޔޫ.އެމް) އަދި ވިލާ ކޮލެޖަށެވެ.

މި ގްރާންޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ނެޝަނަލް ރިސަރޗް ކައުންސިލާއި (އެން.އާރް.ސީ)، މި ތިން މުއައްސަސާގެ މެދުގައެވެ. މި ރަސްމިއްޔާތުގައި ވަނީ ރިސަރޗް ގްރާންޓް މެނޭޖްމަންޓް އެގްރީމަންޓްތަކުގައި ސޮއިކުރެވިފައެވެ. މި އެއްބަސްވުންތަކުގެ މަޤްސަދަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން ފުޅާ ދިރާސާތައް ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ރިސާރޗް ގްރާންޓަށް ފުރުޞަތު ހުޅުވާލުމުން، މި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ގްރާންޓަށް އެދިފައިވަނީވެސް މި ތިން މުއައްސަސާއިންކަން ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ތެރެއިން ޢިލްމީ ދިރާސާތަކަށް ދޭ ސަމާލުކަން އިތުރުވަމުންދާކަމުގެ ހެއްކެކެވެ.

ސަރުކާރުން މި ރިސާރޗް ގްރާންޓް ދިނުމުގައި އިސްކަންދޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤައުމީ ސަލާމަތާއި، ހެޔޮ ވެރިކަން ކުރުމާއި، ރައްޔިތުންގެ ވެލް ބީންގް ހިމެނެއެވެ. މީގެ އިތުރުން މުހިންމުކަން ދޭ ދާއިރާތަކުގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީއާއި ދެމެހެއްޓެނިވިކަން (Economic Development and Sustainability)، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އީޖާދީ ޙައްލުތައް (Digital Transformation and Innovation)، އަދި ގްރީން އެޖެންޑާގެ މަސައްކަތްތައް ހިމެނެއެވެ.

ދިރާސާކުރުމުގެ މަސައްކަތްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރު ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެކެވެ. މި ގްރާންޓް ދޫކުރުމަކީ އެ ވަޢުދު ފުއްދުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ސަރުކާރުގެ އަމާޒަކީ ޤައުމީ ތަރައްޤީއަށް ބޭނުންވާ މަޢުލޫމާތާއި ހައްލުތައް ހޯދުމަށް ފަހި މާހައުލެއް ޤާއިމުކުރުމެވެ.

މިއަދު އޮންލައިން