ވެލްނަސް ޕްލެޓްފޯމް ގްރިޓްޒޯންގެ ފަރާތުން، ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ބެލެހެޓުންތެރިންނާއި އެހީތެރިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަ ކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ގްރިޓްޒޯންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ގެ ދަށުން ވަނީ ރާއްޖޭގެ ތިން އަތޮޅެއްގައި ހަރަކާތްތަކެއް ހިންގާފައެވެ.

މި ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގައި ހިންގާ ފިޔަވަތި، ބ. އަތޮޅު އެދަފުށީގައި ހިންގާ ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ، އަދި ކުޅުދުއްފުށި ސިޓީގައި ހިންގާ ހދ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގައި މަސައްކަތް ކުރައްވާ ހުރިހާ ބެލެހެއްޓުންތެރިންނާއި އެހީތެރިންނަށް އެބޭފުޅުންގެ އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރަމްޒީ ހަދިޔާއަކާއި ދުވަހާ ގުޅޭ ކާޑެއް ވަނީ ހަވާލުކުރެވިފައެވެ. މިއީ މުޖުތަމަޢަށް އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ގްރިޓްޒޯންއިން ކުރި މުހިންމު މަސައްކަތެކެވެ.
ގްރިޓްޒޯންއަކީ މީގެ އެއް އަހަރު ކުރިން ވެލްނަސް ކޯޗުންކަމުގައިވާ ކޯޗް އަހްމަދް ފާރިޝް، ކޯޗް އައިޝަތު ޝާމިލާ ޝަމީމް، ކޯޗް މިރުފަތު ފާއިޒް އަދި ކޯޗް މަރިޔަމް ޝިޔާމާ، މެލޭޝިޔާގެ ވެލްނަސް އެކްސްޕާރޓްސްއާ ގުޅިގެން އުފައްދާފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގެ މައިގަނޑު އަމާޒަކީ އުފާވެރި، ނަފްސާނީގޮތުން އަދި ޖިސްމާނީގޮތުން ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމެވެ. މީގެ އިތުރުން މާލީ ގޮތުން ފުދުންތެރި މުޖުތަމައުއެއް ބިނާކޮށް މީހުން ބާރުވެރިކުރުމަށް މަސައްކަތްކޮށް ފުރުސަތުތައް ހޯދައިދިނުމަކީވެސް އެބޭފުޅުންގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ގްރިޓްޒޯންއިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިންގެ ކާމިޔާބީ މިންކުރަނީ ޚާއްޞަ އުސޫލަކުންނެވެ. އެގޮތުން، ކަސްރަތުކުރުމުން %20، މިންހެޔޮކޮށް ކެއުމުން %80، އަދި އަމިއްލަ ނަފްސަށް އިތުބާރުކޮށް ކުރިއަށް ދިއުމުން %100 ހާސިލުވާނެކަން ބުނެދީ، ބައިވެރިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ވަރަށް ބޮޑަށް ހިތްވަރުދީ އެހީތެރިވެދެއެވެ.
ބެލެހެއްޓުންތެރިންނާއި އެހީތެރިންގެ ދުވަސް ފާހަގަކޮށް، މުޖުތަމަޢަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ، ގްރިޓްޒޯންގެ އަމާޒުތަކާ ގުޅިފައިވާ ކަމެކެވެ. މިފަދަ ސީ.އެސް.އާރް ހަރަކާތްތަކުން އެނގިގެންދަނީ ދުޅަހެޔޮ، ބާރުވެރި މުޖުތަމަޢެއް ބިނާކުރުމަށް އެ ޕްލެޓްފޯމުން ދެމުންދާ ބޮޑު ސަމާލުކަމާއި އަޅާލުމެވެ.