ފިރިންނަށް ހެދޭ ބޮޑު ގޯހެއް!: ވިސްނާ ނުލާ އަނބިމީހާ އެހެން މީހަކާ ޙަވާލުކޮށްފަ އަނބިމީހާ ކުށްވެރިކުރުމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ފިރިންނަށް ހެދޭ ބޮޑު ގޯހެއް!: ވިސްނާ ނުލާ އަނބިމީހާ އެހެން މީހަކާ ޙަވާލުކޮށްފަ އަނބިމީހާ ކުށްވެރިކުރުމަކުން ކުރާނެ ފައިދާއެއް ނެތް!

އަނބިމީހާ ކަމަކަށް އެދުމުން ބައެއް ފިރިން ވަރަށް ފަސޭހައިން މިވެނި މީހެއްގެ ގާތުގައި ބުނަން ބުނެއެވެ. ގިނަ ފަހަރު ބުނާނީ އިތުބާރުކުރެވޭ ކޮންމެވެސް ރައްޓެއްސެއްގެ ވާހަކައެވެ. އެކަމުން ދެން ނުކުމެދާނެ ނަތީޖާއަކަށް ނުވިސްނައެވެ.  

ބުނަންހެއްޔެވެ؟ އަނބިމިހާއަށްޓަކާ ފިރިމީހާ ކޮށްދޭންޖެހޭ އަދި ފިރިމީހާއަށް ކޮށްދެވޭނެ ކަންކަން ކޮށްދޭން ހަމައެކަކާއިވެސް ޙަވާލުނުކުރާށެވެ! ހަމައެކެއްގެ ގާތުންވެސް އެދެން ނުބުނާށެވެ. އެއީ ކިތަންމެ ބޮޑަށް އިތުބާރުކުރެވޭ އެކުވެރިއެއް ނަމަވެސްމެއެވެ. އަދި އެއީ އެކުވެރިޔާއަށް އަގުދީގެން ކުރުވަންޖެހޭ ކަމެއް ނަމަވެސްމެއެވެ.  

މައްސަލަތައް ޖެހިގެން ލަފާހޯދަން އަންނަ މީހުންގެ ވާހަކަތަކަށް ބަލައި ޔަޤީންކަމާއިއެކު ބުނަންޖެހެނީ އެެހން މީހުންގެ ކިބައިން ކަންކަމަށް އެދެން އަނބިމީހާއަށް ޖެއްސުވުން ގިނަ ފަހަރު ވެފައި އޮންނަނީ އަނބިމީހާ އެމީހަކާއި ޙަވާލުކުރުން ފަދަ ކަމަކަށެވެ. ޚާއްޞަކޮށް ދެމަފިރިން އެކަނި ގޭގައި ދިރިއުޅޭނަމަ އެމައްސަލަ އިތުރަށް ބޮޑުވެގެންދެއެވެ. އެއީ ފިރިމީހާ ގޭގައި ނުހުންނަ ވަޤުތުތަކުގައި ގޭގައި ހުންނާނީ އަނބިމީހާ އެކަނިކަމަށްވުމުންނެވެ.  

ގެއަށް މީހަކު ގެނެސްގެން ކުރަންޖެހޭ ކަންކަން ކުރުވަން މީހެއްގެ ގާތުގައި ބުނާނަމަ ބުންނަވާނީ ފިރިމީހާއެވެ. ތިމާއަށްވެސް ގޭގައި ހުރެވޭނެ ވަޤުތުގައެވެ. ނޫންނަމަ އެމީހާ މަސައްކަތްކުރަން އަންނަ ގަޑިއަށް ތިމާ ގެއަށް އަންނަންވާނެއެވެ. އެދެމީހުން އެކަނިވިޔަދީގެން ނުވާނެއެވެ.  

މިފަދަ މައްސަލަތައް ކުރިމަތިވަނީ ކޮންމެހެން އަނބިމީހާ ގޯސްވެގެނެއް ނޫނެވެ. ޝައިޠޯނާ އެކަމުގެ ތެރެއަށް ވަދެގަތީމާ ޝައިޠޯނާގެ ބަހަށް ހެއްލެވެނީއެވެ. އަނބިމީހާ ޙިމާޔަތްކޮށް ބެލެހެއްޓުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެއް ކަމުގައި ލައްވަވާފައިއެވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ކަންކަން ހަމައިން ނެއްޓި ގޯސްވެގެންއެދަނީ ދީނުގައި އޮތްގޮތަށް ޢަމަލުނުކުރެވޭތީއެވެ.  

ގިނަ ބައެއްގެ އާދައަކަށްވެފައި އޮންނަނީ ތިމާއަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކޮށް ހުރެ ކަންކަން ގޯސްވީމާ ނުވަތަ ނުބައިމަގަކުން ދިއުމުން އަނެކާ ކުށްވެރިކުރުމެވެ. ކިތަންމެ ވަރަކަށްވެސް އަނެކާ ކުށްވެރިކުރެވިދާނެއެވެ. ނަމަވެސް އެކަމަކުން ކުރާނެ ފައިދާއެއް ނެތެވެ. ގޯސްކޮށްވެފައި އޮތްކަމެއް އޮންނާނީ ވެނިމިފައެވެ.  

ވީމާ ކޮންމެ ފިރިއަކުވެސް އަހުރެން މިދެއްކި ވާހަކަކޮޅަށް ވިސްނައި ޢަމަލުކުރުމަށް ނަޞީޙަތްތެރިވަމެވެ. ނޫންނަމަ ކިތަންމެ ރަނގަޅު އަންތބަކަށްވިޔަސް ގޯސްތައް ހެދުން އޮންނާނީ ދާދި ގާތުގައެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން