އިސްލާމްދީނުގައި ބަޔާންވެގެންވާ ކަންކަން ކުރުމުގައި ދެއްވަވާފައިވާ ލުއިފަސޭހަ ގޮތްތަކުގެ ބޭނުންހިފުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މަސައްކަތްކުރަންވީ ނަމާދުވަޤުތުޖެހުމުން ވުޟޫކޮށްގެން ނަމާދުކުރުމަށެވެ.
އޮފީސްތަކަށް ވަޒީފާ އަދާކުރަންދާ ބުރުގާއެޅި ބައެއް އަންހެނުންނަށާއި ބުރުގާއަޅާ ދަރިވަރުންނަށް ރަސްމީ ވަގުތުތަކުގައި ވުޟޫކުރަންދަތިވާކަމަށްބުނެއެވެ. އަދި އެކަމުގައި ލުއިފަސޭހަގޮތަކާއިމެދު ސުވާލުކުރާތީ ގެނެސްމިދެނީ މިކަމުގައި އޮތް ލުއިފަސޭހަ ގޮތެވެ.
"ބުރުގާ އަޅާ އަންހެނަކު ވުޟޫ ކުރަން ބުރުގާ ނެގުން ދަތިވާ ޙާލަތުގައި ބޮލާއި ކަންފަތުގައި ފެންލުމަށް ބުރުގާ މަތިން ފެން ޖެއްސިދާނެއެވެ. އަދި ބުރުގާ ދަށުން ނިތްކުރިމަތިން އިސްތަށީގައި ފެންޖެއްސުމުން ވެސް ފުދޭނެއެވެ.
ދެއަތަށް ފެންލާއިރު އަތްތިލައާއި އުޅަނބޮށްޓާއިއެކު އަތުގައި ހޭކޭ ގޮތަށް ފެންލާން ޖެހޭނެއެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ ބުރުގާ އަޅައިގެން ސްކޫލްތަކަށް ދާ ދަރިވަރުން ސްކޫލްގައި ވުޟޫކުރާއިރު ބުރުގާ ނަގައިގެން ވުޟޫ ކުރަން އުނދަގޫވާކަމަށް ބުނެ ބައެއް ބެލެނިވެރިން ހުށަހެޅި ސުވާލަކާއި ގުޅިގެންނެވެ.