އަނބިމީހާގެ ޙައްޤުތައް އަދާކުރުމަކީ އިތުރު އަނބިން ބޭނުންވާ މީހާއަށް އެކަމަށް މަގުފަހިކޮށްދެއްވަވާނެ ކަމެއް! އަދާނުކުރެވޭ މީހާ އަނބިން ގިނަކުރާވަރަކަށް ވާނީ ފާފަވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
އަނބިމީހާގެ ޙައްޤުތައް އަދާކުރުމަކީ އިތުރު އަނބިން ބޭނުންވާ މީހާއަށް އެކަމަށް މަގުފަހިކޮށްދެއްވަވާނެ ކަމެއް! އަދާނުކުރެވޭ މީހާ އަނބިން ގިނަކުރާވަރަކަށް ވާނީ ފާފަވެރި!

ފަށަމުން ބުނެލަން ބޭނުންވަނީ ތިމާއަށް ގިނަ އަނބިން ލިބެން އެދޭނަމަ މިހާރު އިން އަނބިމީހާއަށް ހެޔޮކޮށް ހިތައި އޭނާގެ ޙައްޤުތައް އަދާކުރާށެވެ! އިތުރު ކައިވެނިކުރިޔަސް އަނބިމީހާގެ ޙައްޤުތައް އަދާކުރާނެ ކަމުގެ ޔަޤީންކަން ޢަމަލުން ދޭށެވެ. އެޔަޤީންކަން ޑޭންވީ އަނބިމީހާއަކަށް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެއިރުން އިތުރު އަނބިން ﷲ ތަޢާލާ ދެއްވަވާނެތެވެ. އިންޝާ ﷲ  

ކަންކަން އޮތީ މިފަދައިން ނަމަވެސް އަނބިން އިތުރުކުރަން ބޭނުންވާ ގިނަ ބައަކަށް ޢަމަލުކުރެވެނީ މިބުނި ގޮތާއި މުޅިން ޚިލާފަށެވެ. ހުރަސްތައް ކުރިމަތިވުމަށް ގިނަ ފަހަރު މެދުވެރިވާ ސަބަބަކީ އެއީކަމަށް އަހުރެންގެ ތަޖުރިބާއިން ވިސްނެއެވެ.   

ފުރަތަމަ މިޙާދިސާގެ ވާހަކަ އަޑުއަހާށެވެ!  އެއީ ތަނަވަސް މީހެކެވެ. ދެއަތްބަށް ކައިވެނިކޮށްގެން އުޅެނީ އޭނާއަށްވުރެ 25 އަހަރު އަންހެނަކާއިއެވެ. އެއްދުވަހު އައިސް ބުނީ އަނބިމީހާ ރޭގަނޑު ގެއިން ބޭރަށްދާލެއް ގިނަކަމުން ވިސްނައިދޭން ގެއަށް ގޮސްދިނުމަށެވެ. 

އެކަންކޮށްދެވޭތޯ އެގެއަށް ދިއައިމެވެ. އަނބިމިހާއަށް ނަޞީޙަތްދީ ނިމުމުން ބުންޏެވެ. "ޝައިޚް އެވެ! ތިއަ ދެއްކެވި ހުރިހާ ވާހަކަތަކެއްވެސް ޤަބޫލުކުރަމެވެ. ފިރިމީހާ ގާތުގައި ސުވާލެއް ކޮށްލަދެއްވާށެވެ! އޭނާއަށްވުރެ 25 އަަހރު ހަގު ޢުމުރުން 35 އަހަރުގެ އަންހެނާއި ކައިވެނިކޮށް މިގޭގައި ބައިންދާފައި އިންނައިރު، އެއް އެނދުގައި ނިދާއިރު ދެމަފިރިންގެ މެދަށް ބޮޑުފަލަ ކަންނޭލެއް ނުލައި އެންމެ ފަހުން ނިދިރެއެއް ހަނޑާން އެބަހުރިތޯއެވެ. އަޅުގަނޑު ބޭރަށް ދަމެވެ. އެކަމުންވެސް ހިތްހަަމޖެހުމެއް ލިބޭތޯއެވެ. ބޭރަށް ދިއަޔަސް ހިލޭ ފިރިހެނަކާ އަދި އެއްވެސް ގުޅުމެއް ނުހިންގަމެވެ. އެކަމަކު މިރޭ މިގެއިންދާނަމެވެ. މާދަން ގޮސް އަޅުގަނޑު ގޯސްކޮށްފައި ވާހަކަދައްކާނީ ކޮން ޝައިޚަކުގެ ގާތުގައިކަން ނުއެނގޭތީއެވެ. ޝައިޚުންގެ ގާތުގައި އަޅުގަނޑުގެ ވާހަކަ ދައްކަމުން ހިނގުމަކީ އަޅުގަނޑުގެ ބަނޑުކޮޅުގައި އަޅާ ވޭން ކުޑަވާނެ ކަމެއްކަން އަޅުގނަޑަށް އެނގިފައެއް ނެތެވެ. މިގެއިން ދިއައިމަ ވަރިނުކުރިއްޔާ ދެން ކަންކަން މެދުވެރިވާނެ ގޮތެއް ނުއެނގެއެވެ."  

އަނބިމީހާގެ ވާހަކަ އަޑުއަހާފައި އަހުރެންނަށް ބުނަން ޖެހުނީ އަނބިމީހާ އެބުނަނީ ތެދުނަމަ އަވަހަށް އަނބިމީހާ ވަރިކޮށް މިނިވަންކުރުމަށެވެ. ނޫންނަމަ އަނބިމީހާއަށް އަނިޔާވެރިވިކަމުގެ ފާފަ ބޮލުގައި އަލަންޖެހޭނެ ކަމަށެވެ.  

ދެވަނަ ޙާދިސާއެއްގެ ވާހަކަވެސް ކިޔައިދޭނަމެވެ. ދާދިފަހުން ހިނގިކަމެކެވެ. މީހަކު ބުނީ އޭނާ ދެވަނަ ކައިވެންޏެއް ކުރަން އަނބިމީހާ ނުރުހޭ ކަމަށާއި އަނބިމީހާއަށް ވިސްނައިދީގެން އޭނާ ރުއްސަން މަސައްކަތްކޮށްދިނުމަށެވެ.  

އޭނާ ދެއްކި ވާހަކައާއި ގުޅިގެން އެގެއަށް ގޮސް ދެމަފިރިންނާއި ބައްދަލުކުރީމެވެ. އަނބިމީހާ ބުނީ، "އަހުރެންނާއިއެކު މިހާރުވެސް އެއްދާންކުރަނީ 2 މަސްދުވަހަކުން 1 ރޭ ކަމަށެވެ. އެހެންވީމާ ދެވަނަ ކައިވެންޏެއް ކޮށްފިނަމަ 4 މަހުން 1 ރެއަށް ބަދަލުވާނެތީ ފިރިމީހާ އިތުރު  ކައިވެންޏެއް ކުރަން ރުހެވެން ނެތް" ކަމަށެވެ. 

މިދެ ޙާދިސާގައިވފެސް ކުރިމަތިމިވަނީ މާލީ ދަތިކަމުގެ މައްސަލައެއް ނޫނެވެ. ޞިއްޙީ ގޮތުން ނާޤާބިލުކަމުގެ މައްސަލައެވެ.    

މިވާހަކަ މިހައި ގިނައިން ދައްކަން މިޖެހެނީ މިފަދަ ކަންކަން ކުރިމަތިވާތީއެވެ. ފިރިމީހާ ގެއަށް ނުއަންނާތީ އަނބިމީހާއަށް ނިދަންޖެހެނީ އެކަނި އޮވެގެންނެވެ. އެއްދާން ކުރެވެނީ އެތައް ދުވަހެއްވަންދެން އިންތިޒާރުކުރާފަހުންނެވެ. އެކަމަކުވެސް އިތުރު އަނބިން ހޯދަން އެބަ ބޭނުންވެއެވެ؟ އެއީ ކީއްކުރަން ހެއްޔެވެ؟ އެކަކަށް އަނިޔާ ކުރެވޭތީ މަދުވެގެން 2 އަންހެނަކަށް އަނިޔާކުރަން ބޭނުންވާތީ ހެއްޔެވެ؟  

މިރޭވެސް ފާހަގަކޮށްލާނަމެވެ. ނިދާފައި ނުހޭލެވުމަކީ ދަމުނަމާދުކުރަން ޢުޒުރެއް ކަމުގައި ދެއްކިދާނެއެވެ. ނަމަވެސް ދެމަފިރިން ކުރެ ކޮންމެ މީހަކު ބޭނުންވި ނަމަވެސް ޞިއްޙީ މައްސަލައެއް ހުރުން ފިޔަވައި އެއްދާން ނުކުރަން ދެއްކޭނެ ޢުޒުރެއް ނެތްވެ. މީގެ އިތުރުން މުޅިރޭ އަޅުކަމުގައި އިންނަން ބޭނުންވެގެންވެސް އަނބިމީހާ އާއި އެއްދާން ނުކޮށް އަޅުކަމުގައި އިނުމެއް ނެތެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ! މުހިންމީ އަނބިން ގިނަކުރުމެއް ނޫނެވެ. އެންމެ އަންތބަކާއިއެކުވެސް އުފަލުގައި ދިރިއުޅެވުމެވެ. އިން އެންމެ އަނބިމީހާގެ ޙައްޤުތައް އަދާކޮށް ނުދެވޭ ފިރިއަކަށްވެހުރެގެން އިތުރު އަނބިން ހޯދުމެއް ނެތެވެ!  

ނިންމާލަމުން ބުނެލާނަމެވެ! އަނބިމީހާގެ ޙައްޤުތައް އަދާކުރުމަކީ އިން ޝާ ﷲ އިތުރު އަނބިން ބޭނުންވާ މީހާއަށް އެކަމަށް މަގުފަހިވާނެ ކަމެކެވެ! އަނބިމީހާގެ ޙައްޤުތައް އަދާނުކުރެވޭ މީހާ އަނބިން ގިނަކުރާވަރަކަށް ވާނީ ފާފަވެރިއެވެ!  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން