އަހުރެމެން ކޮންމެ ކަމެއް ކުރުމުގައިވެސް ތަރުތީބަކުން ކަންކަން ކުރަންޖެހޭ ކަމަށް ވަރަށް ގިނައިން ބުނަމެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. އެގޮތުން މިވަޤުތު މިބަލައިލަނީ ކޮންމެ ދަރިއަކުވެސް ފުރަތަމަ ހަދަންޖެހޭ މެޑިކަލް ޗެކަޕަށެވެ. އެއީ ތިމާގެ މައިމީހާގެ މަޑިކަލް ޗެކަޕެވެ. އެކަމަށް އިހުމާލުވެފައި ތިމާ ކިތަންމެ ގިނައިން މެޑިކަލް ޗެކަޕްހަދައި ޑޮކްޓަރުންގެ ގާތަށް ދިއަޔަސް ތިމާއަށް ޝިފާނުލިބިދާނެކަމުގެ ބިރު އޮތުމުންނެވެ.
ބައެއް މީހުން އެމީހުންގެ ޞިއްޙީ ކަންކަން ބަލައި ޗެކްކުރަން ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. ޤަވާޢިދުން ޑޮކްޓަރަށް ދައްކައި މެޑިކަލް ޗެކަޕްތައް ހަދައެވެ. އެއީ ވެސް ހަމަ ކުރަންޖެހޭނެ ކަމެކެވެ.
އެކަމަކު އަހުރެންގެ ސުވާލަކީ ތިމާގެ މައިމީހާ އެތައް ބައްޔެއްގައި އުޅެމުންދާއިރު މައިމީހާގެ ޙާލު ބަލައިލެވޭހެއްޔެވެ؟ މައިމީހާގެ އަތުގައި ފައިސާ ނެތިވެސް ހުރެދާނެއެވެ. އަދި ފައިސާހުރިނަމަވެސް ގޮވައިގެން ޑޮކްޓަރަށް ގޮސްދޭނެ ދަރިއަކު ނުވެގެން ޑޮކްޓަރަށް ނުދެއްކި ވޭން އުފުލަމުން އަންނަ މައިންވެސް މަދުކަމަކަށް ނުބުނެވޭނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުން ވިސްނައިލާށެވެ! ތިބާ ކިތަންމެ ގިނައިން ޑޮކްޓަރަށް ދެއްކި ނަމަވެސް ޝިފާލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. މައިންނަށް އަޅާނުލައި ތިބާގެ އަމިއްލައަށް ހަށިގަނޑަށް ފަރުވާ ހޯދަން އުޅުނީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ހެއްޔެވެ؟ ކުރާ ބޭހުން ފަރުވާ ނުލިބިދާނެކަމަށް ބިރުނުގަންނަނީހެއްޔެވެ؟
މިހިރީ މިއަދު ވިސްނާލަން ޖެހިފައިވާ ކަންކަމެވެ. މައިންނަށް ވަރަށް ރަނގަޅަށް އަޅާލައިގެން ލޯބިވެސް ދީގެން މައިންގެ ކަންކަން ވަރަށް ގާތުން ބަލަހައްޓައިދޭ ދަރިންވެސް އުޅެއެވެ. މައިމީހާ ކިތަންމެ ކުޑަބައްޔެއްވީނަމަވެސް ޑޮކްޓަރަށް ގެންގޮސް ބޭސްފަރުވާ ކޮށްދީގެން ބަލަހައްޓާ ދަރިންވެސް އުޅެއެވެ. މައިމީހާއާއިއެކުގައި ދިރި ނުއުޅުނު ނަމަވެސް މައިންނަށް ކޮންމެ ދުވަހަކުވެސް ގުޅައި ޙާލުބަލާ ދަރިންވެސް އުޅެއެވެ. ބަލަންވީ އެފަދަ ދަރިއަކަށް ވުމަށެވެ.
ބައެއް މައިންނަށް ހުރިހާ ދަރިންނާއިމެދު ކަންކަން ކުރެވިފައި ހުންނާނީ އެހައި ރަނގަޅަށް ކަމަށް ނުވެދާނެއެވެ. އަދި އެއްގޮތަކަށް ކަމަށްވެސް ނުވެދާނެއެވެ. އެކަން މައްސަލައަކަށް ނުހަދާށެވެ! މައިންނަށްޓަކައި އެކަން މާފުކުރާށެވެ! ދަރިއަކަށްވުމުން ﷲ ތަޢާލާ ތިމާއާއި ޙަވާލުކުރައްވަވާފައިވާ ޒިންމާތައް އަދާކުރާށެވެ. އެއިރުން އެދަރިއަކަށް ދާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން