ކޮންމެ ކަމަކަށްވެސް މޫސުން އައުދެއެވެ. މިހާރަށް ބަލައިފިނަމަ އަބަދުވެސް ކުރިއަށްދާ އެއްކަމަކީ ކޮފީ ބުއިމެވެ. އަބަދުވެސް ފެންނަނީ ކޮފީޝޮޕްތައް ފުރާލައި މީހުން ތިބެ ޚިދުމަތް ހޯދާތަނެވެ.
ހިތާމައަކީ ދާއިމަށް ދެމިގެންދާ، ކޮންމެ ދުވަހަކު ކޮންމެހެންކުރަންޖެހޭ 5 ނަމާދުމަތިން ހަނދާން ނައްތައިލެވޭ ކަމެވެ. އެންމެ ކުޑަމިނުން ނަމާދުވަގުތަށް ޚިދުމަތް ދިނުން މެދުކަނޑާލަންވެސް ބޭނުން ނުވުމުން މިވަނީ ކިހިނަކުންހެއްޔެވެ؟
އެކުވެރިންނޭވެ! ޝުކުރުވެރިވާށެވެ! ނަމާދަށް ގޮވުމުން ވަގުތުން އިޖާބަދޭށެވެ! ކޮފީގައި ހޭދަކުރެވުނު ވަގުތު މަދުވެގެން ހިތާމަކުރާކަށް ނުޖެހޭނެއެވެ. ހިތާމަކުރަންޖެހޭނީ ނަމާދު ނުކުރެވުމުންނެވެ. ޖަމާޢަތުގައި ނަމާދުކުރުމުން ދެއްވަވާ ގިނަ ގުނަ ޘަވާބު ނުހޯދުނީތީއެވެ.
ކޮފީދޭ މީހާއަކީ ކިތަންމެ ގާތް ރަޙްމަތްތެރިއެއް ނަމަވެސް ނަމާދުވަގުތަށް ސަމާލުކަން ނުދޭނަމަ އޭނާއަކީ ތިބާގެ އެންމެ ބޮޑު ދުޝްމިނެވެ. އޭނާ އެމަސައްކަތްކުރަނީ ތިބާއަށް ސުވަރުގެ ލިބުނަ ނުދިނުމަށެވެ. އެއީ އެއްވެސް ވަރަކަށް ތިބާއަށް ހެޔޮއެދޭ މީހަކު ކުރާނެކަމެއް ނޫނެވެ.
އަހުރެމެންނަށް މާތް ﷲ ދެއްވެވި ނިޢްމަތް ދެމެހެއްޓުމަށްޓަކައި ޝުކުރުވެރިވެ ރަޙްމަތުގައި ދެމިތިބެން މަސައްކަތްކުރުން އޮތީ އަހުރެމެންގެ އަތްމަތީގައެވެ.
--ޢިލްމްވެރިއަކު ދެއްވާފައިވާ ނަޞޭޙަތަކުން
"ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހަކީ ތިބާގެ މައްޗަށް ނަރަކައިގެ ޢަޛާބު ހުށަހެޅިދާނެ ކަމަށް ބިރުގަންނަ މީހާއެވެ. ޔަޤީން ކުރައްވާށެވެ! ތިބާގެ އާޚިރަތާއިމެދު ނުވިސްނާ މީހަކު ތިބާއަށް ޙަޤީޤީ ހެވެއް ނުއެދޭނެއެވެ."
--ޝައިޚް އިލްޔާސް ޖަމާލް
ޙަޤީޤީ ލޯބި ހާމަކޮށްދޭ އެންމެ މާނަފުން ޢިބާރާތްކަމަށްވިދާޅުވެ ޝައިޚް އިލްޔާސް ޖަމާލް ހާމަކުރައްވާފައިވަނީ އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް ދެއްވެވި ނަޞޭޙަތްފުޅެވެ. " އޭ ބައްޕާއެވެ! ހަމަކަށަވަރުން، ރަޙްމާން ވަންތަ ރަސްކަލާނގެ ޙަޟްރަތުން ޢަޛާބެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، ޝައިޠާނާގެ އެހީތެރިއެއް ކަމުގައެވެ. " (މަރްޔަމް: 45)
ޝައިޚް އިލްޔާސް ޖަމާލުގެ މިބަސްފުޅުން އެނގެނީ ބަންގީގެ އަޑު އިވޭކަމަށް ނުހަދައި ކޮފީ މޭޒުތަކުގައި ތިބޭ މީހުންނަކީ ޙަޤީޤީ އެކުވެރިން ނޫންކަމެވެ. ފާފަތަކާއި ފާފައަކަށް ވެދާނެ އެއްވެސް ކުރުމަށް ތިބާއަށް މަގުފަހިކޮށްދޭ އެއްވެސް މީހަކީ ތިބާގެ ޙަޤީޤީ އެކުވެރިއެއް ނޫން ކަމެވެ. އާޚިރަތް ދުވަހު ނަރަކައިން ތިބާ ސަލާމަތްކުރަން މަސައްކަތް ނުކުރާ އެއްވެސް މީހަކީ ޙަޤީޤީ އެކުވެރިއެއް ނޫން ކަމެވެ. އަދި އެފަދަ އެއްވެސް މީހަކީ ތިބާއަށް ހެޔޮ އެދޭނެ މީހެއް ނޫން ކަމެވެ.