އަޅުގަނޑުމެންނަށް 5 ކުދިން ލިބިއްޖެއެވެ. އެއް ކުއްޖަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ބާއްވާފައި ދުރަށްދާންވެސް އުނދަގުލެވެ. ދޮށީ ދަރިފުޅުގެ ޢުމުރަކީ 10 އަހަރެވެ.
ފިރިމީހާއަކީ ސަރުކާރުގެ އޮފީހެއްގައި ވަޒިފާއަދާކުރާ މުވައްޒިފެކެވެ. ރޭގަނޑު އޮފީހަށް ނުކުންނަން ޖެހެނީ މަހަކު އެއް ރޭ ހައި މަދުންނެވެ. އެކަމަކު ގެއަށް ނިދަން އަންނަނީ މެންދަންވާ ފަހުންނެވެ. އެކަނި ތެޅިތެޅި ބަލިވެއްޖެއެވެ. ނުރިއްސާ ތަނެއް ނެތެވެ.
އެކަމުގެ ވާހަކަ ދައްކައިފިނަމަ އަންނަނީ ރުޅިއެވެ. މިޙާލަތުގައި ފރިމީހާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ވަރަށް ގިނައިން ލިބޭ ޝަކުވާއެއް، ސުވާލެއް ކަމަށެވެ. އެހެންކަމުން މިގެނެސްދެނީ ތިއަފަދަ ސުވާލަކާއި އެސުވާލަށް ދީފައިވާ ޖަވާބެވެ.
އަޅުގަނޑުގެ ފިރިމީހާ ކޮންމެ ރެއަކުހެން ގެއަށް އަންނަނީ 1،2 ޖަހާއިރުއެވެ. އެއްޗެއް ބުނެފިނަމަ ބުނަނީ އެއީ ތަހްޛީބްމީހުންގެ ސިފައެއް ކަމަށެވެ. މިއީ 20 ވަނަ ޤަރުނުކަމަށާއި ތަޙްޛީބްނުވެ ނުއުޅެވޭނެ ކަމަށެވެ. އެއީ ހަމަ ތެދެއްތޯއެވެ؟ ރޭގަނޑުގެ މެންދަންވާ ފަހުން ގެއަށް އައިސް ނިދުމަކީ ތަހުޛީބު މީހަކަށްވާން ކުރަންޖެހޭ ކަމެއްތޯ؟
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ފިރިންކަލުންގެ ވިސްނުން ރަނގަޅުނޫންކަން ވިސްނަވައިދެއްވަން މަސައްކަތް ކުރައްވާށެވެ! ތިއަޙާލަތުގައި ބޮޑަށް ރަނގަޅުވާނީ ދީނީ އިލްމުވެރިއަކުގެ ގާތަށް ދެމަފިރިން އެކުގައި ދިއުން ކަމަށް ޤަބޫލުކުރެވެއެވެ.
ކޮންމެއަކަސް ޤުރްއާނާއި ﷲ ތަޢާލާ ޢާއި ސުންނަތާއި ދުރަށްޖެހިވިގެން ވެވޭނެ ތަޙްޛީބެއް ނުއޮންނާނެއެވެ. ދުރަށް ޖެހޭ ވަރަކަށް ޖާހިލްކަން ވާނީ ބޮޑެވެ. ތިރީގައިވާ ލިޔުމުން ފައިދާހުރި މަޢުލޫމާތުކޮޅެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ނިދުމަކީ އިންސާނާއަށް ކޮންމެހެން ބޭނުނަވާ ކަމެކެވެ. ފުރިހަމައަށް ނިދި ނުލިބޭނަމަ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ބޮލުގައި ރިހުމާއި ކަންނެތްވުމާއި މިނޫންވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. އެހެންކަމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ނިދުމުގައި އަމަލުކުރަން ޖެހޭ ގޮތް ވެސް ބަޔާންކޮށް ދެއްވަވައިފައެވެ. އެހެންކަމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުން ފެންނަން ހުރި ބައެއް ކަންކަން މިތަނުގައި ހާމަކޮށްލާނަމެވެ.
ފުރަތަމަ ކަމަކީ ޢިޝާ ނަމާދުގެ ކުރިން ނިދުމާއި ޢިޝާ ނަމާދަށްފަހު ވީ އެންމެ އަވަހަކަށް ނިދުމެވެ. މިސުންނަތަށް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުންވެސް ތާއީދުކުރެއެވެ. އެމީހުންވެސް އެކަން ޤަބޫލުކުރެއެވެ. "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ" ކަމެއް ކަމަށް ބުނަންޖެހެނީ މި ސުންނަތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ގިނަކަމުންނެވެ. މި ޢިބާރާތް އެންމެ ފުރިހަމަވާނީ "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ، އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާ، އަދި ތަޤްވާވެރިކަން އިތުރުވާ" ވެސް އިބާރާތުގައި އޮތުމުންނެވެ.
ޢިޝާ ނަމާދުކޮށް، ރޭގަނޑު ކެއުމަށްފަހު އަވަހަށް ނިދާނަމަ އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާކަން އެއީ އެނެގެން އޮތް ކަމެކެވެ. ޢާންމު ދިރިއުޅުމަށް ބަލައިފިނަމަ ރޭގަނޑު ކައިގެން ނުނިދައި ގެއިން ބޭރުގައި ނުއުޅޭނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް މަދުވާނެއެވެ. މައްސަލަ ޖެހެނީ، ކައިވެނިތައް ރޫޅެނީ ތަންތަނަށް ގޮސް ވަގުތު ބޭކާރުކުރާތީއެވެ. އެގޮތަށް ގޮސް ތިބޭ ތިބުމުގައި ގުޅުން އުފައްދަން ނުޖެހޭ މީހުންނާއިއެކު އުފައްދާ ގުޅުންތަކުގެ ސަބަބުންނެވެ. ވީމާ އެގޮތަށް ނުތިބޭނަމަ އެފަދަ ކަންކަން ހިނގުން މަދުވާނެއެވެ.
އިސްލާމް ދީނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ކުށެއް ކުރެވިދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށެވެ. ވީމާ އަވަހަށް ނިދުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިއެވަނީ އެފަދަ ހުރިހާ މައްސަލަތަކުން މީސްތަކުން ސަލާމަތްކޮށްދެއްވެވުމަށްޓަކައެވެ. ޢާއިލީ ގުޅުންތައް ބަދަހިވެފައި އޮތުމަށް މަގުފަހިކޮށްދެއްވެވުމުގެ ގޮތުންނެވެ. ހަމައެއާއިއެކު އިސްލާމް ދީނަށް އަމަލުކުރުމަށް މަގުފަހިކޮށް ދެއްވެވުމަށެވެ. ދަމުނަމާދަށާއި ފަތިސް ނަމާދަށް ހޭލުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. އައު ދުވަހުގެ މަސައްކަތް ތާޒާކަމާއިއެކު ފެށުމަށް މަގުފަހިކޮށްދެއްވެވުމަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން