ޑިމާންޑް އިތުރުވުމާއި ގުޅިގެން އެއަރ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ޑިމާންޑް އިތުރުވުމާއި ގުޅިގެން އެއަރ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ޑިމާންޑް އިތުރުވުމާއި ގުޅިގެން، ޔޫއޭއީގެ ބަޖެޓް އެއަރލައިން ކަމަށްވާ އެއަރ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކޮށްފިއެވެ. މީގެ ކުރިން ދުވާލަކު އެއް ދަތުރު ކުރަމުން އައި ނަމަވެސް، މިހާރު ވަނީ އެ އަދަދު ދުވާލަކު ދެ ދަތުރަށް އިތުރުކޮށްފައެވެ.

އެއަރ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައި މިވަނީ، ދަތުރުފަތުރަށް އޮތް ޑިމާންޑް ބޮޑުވުމާއި ގުޅިގެންނެވެ. މި ބަދަލާއެކު، ރާއްޖެއާއި ޔޫއޭއީއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ދަތުރުތައް ކުރަނީ ޔޫއޭއީގެ ޝާރްޖާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ދިވެހިރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ދެމެދެވެ. އެއަރ އަރަބިއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 27 ވަނަ ދުވަހުއެވެ. އެއަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި ދަތުރުތަކަށް ލިބުނު ބޮޑު ތަރުހީބާއެކު މިހާރު ވަނީ ދަތުރުތައް އިތުރުކޮށްފައެވެ.

ދުވާލަކު ދެ ދަތުރުކުރުމަށް މި ނިންމި ނިންމުމަކީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ވެސް ލިބުނު ހިތްވަރެކެވެ. މިކަމުގެ ސަބަބުން މި ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން