ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސްއެމްއީ ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް "އެސްއެމްއީ ޑިޖިޓަލް" ގެ ނަމަށް ރީބްރޭންޑްކޮށްފިއެވެ.
"ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރީބްރޭންޑްކޮށްފައިވާ މި ބަދަލާއެކު، އެ ކުންފުނީގެ ޚިދުމަތްތައް ހަމައެކަނި ފައިނޭންސަށްވުރެ ފުޅާވެ، ކުދި ވިޔަފާރިތަކަށް ބޭނުންވާ އެހެނިހެން ޑިޖިޓަލް ހައްލުތައް ފޯރުކޮށްދޭ ޕްލެޓްފޯމަކަށް ވެގެންދާނެ ކަމަށް ވަނީ ހާމަކުރެވިފައެވެ.
އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޚަސަން ވިދާޅުވީ، ރީބްރޭންޑް ކުރުމުގެ މަޤްޞަދަކީ ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި އެއް ހިސާބަކުން ހުރިހާ ބޭނުމެއް ފުއްދޭނެ ޑިޖިޓަލް މާހައުލެއް ބިނާކުރުން ކަމަށެވެ. "ކުރިއަށް އޮތްތަނުގައި އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހައި ހައްލެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމްއަކަށް،" ބަދުރުއްދީން ޚަސަން ވިދާޅުވިއެވެ.
މި ބަދަލު އައިސްފައިމިވަނީ އެސްޑީއެފްސީ ދާދިފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށްފަހުގައެވެ. ބީއެމްއެލްއާއިއެކު ކުރިއަށްގެންދާ އިންޓަގްރޭޝަން މަސައްކަތްތަކުގެ ތެރެއިން، އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަނާ އޭޕީއައި މެދުވެރިކޮށް ގުޅުވާލުމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. މިއީ ވިޔަފާރިތަކަށް ފައިނޭންސް ލިބިގަތުމާއި، އެހެނިހެން ބޭންކިންގ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން "އެސްއެމްއީ ޑިޖިޓަލް" ގެ ނަމަށް ރަސްމީކޮށް ރީބްރޭންޑް ކޮށްދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ. މި ރީބްރޭންޑް ކުރުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ކުރިއެރުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.