އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 21ސ
އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. 

2026 ވަނަ އަހަރަށް ލަފާކުރާ މި ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ބަޖެޓުގެ ޖުމްލަ އަދަދަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ) ކަމަށެވެ. މި ބަޖެޓުގައި ހިލޭއެހީއާއި އާމްދަނީގެ ގޮތުގައި ޖުމްލަ 40.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު، 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބަޖެޓުގެ އަދަދު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ، ބަޖެޓުގެ ތެރެއިން ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ. އަންނަ އަހަރު އަނބުރާ ދައްކަންޖެހޭ 600 މިލިއަން ޑޮލަރު ނުވަތަ 9.3 ބިލިއަން ރުފިޔާ އަދާކުރުމަށް ވަނީ ބަޖެޓުގައި ހިމަނާފައެވެ. މި ހޭދަ އުނިކުރުމުން ބަޖެޓުގެ އަދަދަކީ 55 ބިލިޔަން ރުފިޔާއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ދަރަނި އަދާކުރުމަށް ހިމެނޭ މި ބޮޑު ހޭދައަކީ 2021 ވަނަ އަހަރު އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަންޖެހުމުގެ ސަބަބުން އައި އިތުރުވުމެއް ކަމަށެވެ. "މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް،" ޒަމީރު ވިދާޅުވިއެވެ.

މެދުރާސްތާގައި ދަރަނި އަދާކުރުމުގެ ހަރަދު ކުޑަވާނެ ކަމަށް ލަފާކޮށް، ސަރުކާރުން ވަނީ 2027 ވަނަ އަހަރަށް 56.8 ބިލިޔަން ރުފިޔާގެ ބަޖެޓަކާއި، 2028 ވަނަ އަހަރަށް 57.0 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާނެ ކަމަށް ލަފާކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ހަރަދުގެ ތެރެއިން 39.9 ބިލިޔަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 އިންސައްތައަކީ ރިކަރަންޓު ހަރަދަށް ކުރާ ހޭދައެވެ. ރިކަރަންޓު ހަރަދު އިތުރުވާ މައިގަނޑު ސަބަބަކީ އަންނަ އަހަރު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް ނިމުމުގެ ސަބަބުންނެވެ.

އާމްދަނީގެ ގޮތުގައި އަންނަ އަހަރު ޖުމްލަ 40.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، މިއީ މި އަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 6.6 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ތެރޭގައި 31.3 ބިލިޔަން ރުފިޔާއަކީ ޓެކުހުގެ އާމްދަނީއާއި، 8.7 ބިލިޔަން ރުފިޔާއަކީ ޓެކުސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ހިމެނެއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، އަންނަ އަހަރު އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއަރޕޯޓުތައް ތަރައްގީވެ، ފަތުރުވެރިކަން ފުޅާވެގެން އަންނާނެ ކަމަށް ބެލެވޭތީ ކަމަށެވެ. "މީގެ ސަބަބުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޓެކުހާއި ފީ ކުރިއަރާނެކަމަށް އަންދާޒާކުރެވޭ. އެގޮތުން، އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އޮންލައިން