ދިވެހި ސަރުކާރުން 2026 ވަނަ އަހަރު ދައްކަންޖެހޭ ޖުމްލަ 600 މިލިޔަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ) ގެ ބޮޑު ދަރަނި ބުރައެއް ނެތި އަދާކުރެވޭނެ ކަމުގެ ޔަގީންކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ދެއްވައިފިއެވެ. މި ވާހަކަ ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަމުންނެވެ.
ވަޒީރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، 2026 ވަނަ އަހަރަކީ ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ބޮޑު ދަރަނި އަދާކުރަން ޖެހިފައިވާ އަހަރެކެވެ. ވަޒީރު ވިދާޅުވިއެވެ. "2026 ވަނަ އަހަރަކީ، ނިމިދިޔަ ސަރުކޫރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރު. މިފަދަ ބޮޑު ދަރަނީގެ ޒިންމާ އެކީ އެއްފަހަރާ އަދާކުރަން ޖެހިފައިވޭ."
މި ބޮޑު ދަރަނި އަދާކުރުމަށްޓަކައި ސަރުކާރުން ވަނީ ވަކި ރޭވުންތަކެއް ރާވާފައެވެ. ވަޒީރު ވިދާޅުވީ އަންނަ އަހަރު ދައުލަތުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފައިވާ ކަމަށެވެ. މިއީ ދަރަނި އަދާކުރުމަށްޓަކައި ހާއްސަކޮށް ހޯދާ ފައިނޭންސިންގއެވެ.
ދަރަނި އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ފަންޑުގައި މިހާރުވެސް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ ބޭނުމަށް ރައްކާކޮށްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
2026 ވަނަ އަހަރަށް ހުށައެޅި ޖުމްލަ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރޭގައި، ދަރަނި އަދާކުރުމަށް ހިމެނޭ 9.3 ބިލިއަން ރުފިޔާ ނުހިމަނާނަމަ، ބަޖެޓުގެ ޖުމުލަ އަދަދަކީ 55 ބިލިއަން ރުފިޔާކަމަށް ވަޒީރު ވިދާޅުވިއެވެ. 9.3 ބިލިއަން ރުފިޔާގެ އިތުރުވުން އައިސްފައިވަނީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ޖެހޭތީކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ވާރުތަވެފައިވާ ދަރަނިތައް ދެއްކުމުގެ ހަރަދު ނުލާނަމަ 2026 ވަނަ އަހަރަށް ހުށައެޅިފައިވަނީ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށެވެ. މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވުމާއެކު، 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭކަމަށް ޒަމީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ އަންނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށާއި 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާދެމެދު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓްގައި ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، 2026 ވަނަ އަހަރުގައާއި މެދުރާސްތާގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ. ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިބަޖެޓުގައި ސަރުކާރުން ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ދިނުމަށް ނިންމެވުމާއެކު ޝަރުޢީ ދާއިރާއަށް ގްރާންޓެއް ދިނުމަށް ނިންމަވާފައިވާއިރު ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ މިހާރު މި ދާއިރާއަށް ކުރެވޭ ޚަރަދާ އަޅާބަލާއިރު، 250 މިލިޔަން ރުފިޔާގެ އިތުރުވުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިބަޖެޓުގައި އެންމެ އިސްކަމެއް ދެއްވާފައިވަނީ ޞިއްޙީ ދާއިރާގެ ތަރައްޤީއަށެވެ. މިގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދައިރާއަށް ވަނީ 8.8 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.