2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު، ތަޢުލީމީ ދާއިރާއާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑެތި ޚަރަދުތަކެއް ކަނޑައަޅާފައިވާކަން ވަނީ ހާމަވެފައެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ހުށަހެޅުއްވި މި ބަޖެޓުގައި، ތަޢުލީމީ ދާއިރާއަށް 5.6 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް 8.3 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.
ތަޢުލީމީ ދާއިރާއަށް ކަނޑައެޅިފައިވާ 5.6 ބިލިޔަން ރުފިޔާގެ ތެރެއިން، ޕްރީ ސްކޫލް އަދި ފަށާ ތަޢުލީމަށް 1.9 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ސާނަވީ ތަޢުލީމަށް 1.2 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މަތީ ސާނަވީ ފެންވަރަށްފަހު ދެވޭ ތަޢުލީމަށް 218.1 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، މަތީ ތަޢުލީމަށް ޚާއްސަކޮށް 831.7 މިލިޔަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ. ތަޢުލީމީ ދާއިރާގެ އެކި މަޝްރޫޢުތަކަށް ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) އިން ޖުމްލަ 779 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ސްކޫލް އިމާރާތްކުރުމާއި އަޕްގްރޭޑްގެ މަސައްކަތްތަކަށް 598.5 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މަތީ ތަޢުލީމްގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް 124.2 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ޚާއްސަކޮށްގެން 116.8 މިލިޔަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.
އާއްމު އިޖުތިމާޢީ ދާއިރާތަކުން ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައި 8.3 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، މި ޚަރަދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި ބިންހިއްކުމާއި، ދަތުރުފަތުރުގެ ދަތިކަން ޙައްލުކުރުންފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މި ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށެވެ. ޖުމްލަ 2.4 ބިލިޔަން ރުފިޔާ މި ދާއިރާއަށް ހޭދަކުރާއިރު، ޕީއެސްއައިޕީގެ ދަށުން އިޖުތިމާޢީ ބޯހިޔާވަހިކަމަށް އެކަނި 1 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ބޯހިޔާވަހިކަމަށްފަހު ދެން އެންމެ ބޮޑު ހޭދައެއް ކުރާ ދަތުރުފަތުރާ ބިނާރީ ތަރައްޤީގެ ދާއިރާއަށް 2.3 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ޕީއެސްއައިޕީ ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ބްރިޖްތަކާއި ޓަނަލްތަކަށް 798.6 މިލިޔަން ރުފިޔާ، އެއަރޕޯޓުތަކާއި އޭވިއޭޝަނަށް 540.6 މިލިޔަން ރުފިޔާ، އަދި މަގުތަކާއި ހައިވޭތަކަށް 556 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން، ހޮސްޕިޓަލްތަކަށް 430.4 މިލިޔަން ރުފިޔާ، ބިންހިއްކުމަށް 429.7 މިލިޔަން ރުފިޔާ، އަދި ބަނދަރު ތަރައްޤީކުރުމަށް 393.6 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ޖުމްލަ 413.6 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ގޮނޑުދޮށް ޙިމާޔަތްކުރުމަށް 218.6 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ދީނީ ޚިދުމަތަށް 385.7 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީގެ ދަށުން މިސްކިތް އިމާރާތް ކުރުމަށް 46.2 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މި ބޮޑު ބަޖެޓުތަކާއެކު، ސަރުކާރުން އަމާޒުކުރަނީ ތަޢުލީމީ ފެންވަރު މަތިކުރުމާއި، ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ކަމަށް ބެލެވެއެވެ.