މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ހިންގި ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ހިންގި ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން، 2025 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޯހަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ހިންގުނު މުހިންމު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހިންގާފައިވަނީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއިއެކު މި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ގުޅިގެންނެވެ. 12 ދުވަހުގެ މުއްދަތަށް ހިންގުނު މި ކޯހުގައި ޖުމްލަ 10 ބައިވެރިއަކު ބައިވެރިވެފައިވެއެވެ. ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކ. މަނިޔަފުށީގައެވެ.

ކޯސް ފުރިހަމަ ކުރެއްވި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އައި.އެސް.ޑީ.ބީ ރީޖިނަލް ހަބް މެނޭޖަރ މުޙައްމަދު ސުލައިމާންއެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ފުޅާކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ދިވެހި ޒުވާނުންނަށް ދަސްކޮށްދިނުމެވެ.

ބޭސިކް މެރިކަލްޗަރ ކޯހުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދެވުނު ބައިތަކުގެ ތެރޭގައި އެކުއާކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމުގެ އުޞޫލުތައް ހިމެނެއެވެ. މީގެ އިތުރުން، މަހުގެ ބަޔޮލޮޖީ، ފާނަ އާލާކުރުން، ހުއިފި ލަނޑާ އާލާކުރުން އަދި ދިވެހި މާގަނޑު މަސް އާލާކުރުމުގެ ޢަމަލީ މަސައްކަތްތައް ދަސްކޮށްދެވުނެވެ. އަދި އިތާމުތް އާލާކުރުމާއި، މޫދުވިނަ ހަދައި އާލާކުރުން ވެސް މި ކޯހުގެ މުޤައްރަރުގައި ހިމެނުނެވެ.

އެކުއާކަލްޗާރގެ ދާއިރާގައި މުހިންމު ދެ ބަޔަކަށް ކަމަށްވާ އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުމުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، އެކުއާކަލްޗާރ ކުރާއިރު ތިމާވެށި ރައްކާތެރިކުރުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމަށް ވެސް މި ކޯހުގައި އަލިއަޅުވާލާފައިވެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ލަފާކުރެއެވެ.

މިއަދު އޮންލައިން