އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ ރާއްޖެއަށް ލިބިފައިވާ އިޤްތިޞާދީ ކުރިއެރުންތަކަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތާއި އިމާރާތްކުރުމުގެ ސިނާޢަތުގެ ސަބަބުން ލިބިފައިވާ ކުރިއެރުންތައް ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) ގެ 24 ވަނަ އަހަރީ މެންބަރުންގެ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވަނީ ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ސިނާޢަތަކީ ވަކި ނުކުރެވޭނެ ދެ ސިނާޢަތް ކަމަށް ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑަށް ހިއްސާކުރާ ސިނާޢަތަކީ ފަތުރުވެރިކަން ކަމަށާއި، ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ޖީޑީޕީއަށް ކުރަނީ އިމާރާތްކުރުމުގެ ސިނާޢަތުން ކަމަށް ވިދާޅުވިއެވެ. އެކަމަށް އަލިއަޅުއްވާލައްވައި ވަޒީރު ވިދާޅުވިއެވެ. "ޓުއަރިޒަމް އަކީ އެންމެ ވަރުގަދަ އިންޑަސްޓްރީ. އެ ސިނާޢަތާއި ގުޅިފައި އިނީ ކޮންސްޓްރަކްޝަން. ޖީޑީޕީއަށް ދެވަނައަށް އެންމެ ބޮޑަށް ހިއްސާކުރަނީ އެ އިންޑަސްޓްރީ. ކީއްވެގެންތޯ އެހައިސާބަށް އައީ. ތިބޭފުޅުންގެ ވިސްނުމާއި ފިކުރު. މިތާ ކައިރީ ކުދި ޖަޒީރާ ޤައުމުތައް އެބަހުރި. އެކަމަކު ދިވެހި ކޮންޓްރެކްޓަރުން ތިބި ވަރަށް ނެތް. ގޮތް ދޫނުކޮށް ތިއްބެވީމަ އެކަންވީ. ޓުއަރިޒަމް އާއި ކޮންސްޓްރަކްޝަން ވަރިކުރެވެން ނެތް."
ވަޒީރު ވަނީ ދިވެހި ކޮންޓްރެކްޓަރުންގެ ހިއްސާ ފާހަގަކުރައްވައި، އެމީހުންގެ ވިސްނުމާއި ފިކުރަށް ތަޢުރީފުކުރައްވާފައެވެ. އަދި މި ސަރަހައްދުގެ އެހެން ކުދި ޖަޒީރާ ޤައުމުތަކާ އަޅާބަލާއިރު، ރާއްޖޭގެ ކޮންޓްރެކްޓަރުންގެ ހުނަރާއި އަޒުމުގެ ސަބަބުން މި ކުރިއެރުން ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އިޤްތިޞާދު އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޚާއްޞަ އިޤްތިޞާދީ ސަރަހައްދުތަކާ (އެސްއީޒެޑް) ބެހޭ ޤާނޫނަށް ގެންނަ އިސްލާހުތަކުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. މި އިސްލާހުތަކުގެ ދަށުން 500 މިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކުރުމަށްފަހު، މިހާރު ރާއްޖެއިން ނުލިބޭ ސިއްޙީ ޚިދުމަތްތަކާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ބޮޑެތި އިންވެސްޓްމެންޓުތައް ކަނޑައެޅޭ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ފުރުސަތުތައް ދެވޭނީ ވެސް މިވަރުގެ އިންވެސްޓްމެންޓެއް ކުރުމަށްފަހު ކަމަށެވެ. މި އިންވެސްޓްމެންޓުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާވެގެންދާއިރު، މިކަމަށް އިތުރަށް މަގުފަހިކޮށްދެނީ ރާއްޖޭގައި ވަރުގަދަ އިމާރާތްކުރުމުގެ ސިނާޢަތެއް އޮތުމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.