ބައްސާމަށް އިތުރު 5 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބައްސާމަށް އިތުރު 5 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައަކާ ގުޅިގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. މީގެ އިތުރުން އޭނާ ވަނީ 154,000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މިއަދު ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އޭގެތެރެއިން މަނީ ލޯންޑަރިންގެ ކުށުގެ މައްސަލައިގަ އެވެ. އެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ، ބައްސާމަށް ވަނީ 8 އޮކްޓޫބަރު 2025 ގައި 4 އަހަރުގެ ޖަލު ޙުކުމެއްވެސް އިއްވާފަ އެވެ.

ކޯޓުގެ ޙުކުމުގައިވާ ގޮތުން، ބައްސާމް އެ ފައިސާ ބޭނުންކުރީ ޑޮލަރު މާރުކުރުމުގެ ބަދަލުގައި ރެހެންދި ފްލެޓަށް ކުލި ދެއްކުމަށެވެ. ޑޮލަރު މާރުކުރުމުގެ ނަމުގައި އަމިއްލަ އެކައުންޓަށް އެފައިސާ ޖަމާކޮށް، އޭނާ ވަނީ އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ. މިކަމުގެ ސަބަބުން މަނީ ލޯންޑަރިންގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލައިގައި ދައުލަތުން އެދުނީ ބައްސާމްއަށް އެންމެ ހަރުކަށި އަދަބު ދިނުމަށެވެ. އެގޮތުން 15 އަހަރަށް ޖަލަށް ލުމާއި 50,000 ޑޮލަރުން ޖޫރިމަނާ ކުރުމަށް ދައުލަތުން އެދުނެވެ. ނަމަވެސް ބައްސާމްގެ ފަރާތުން ކޯޓުގައި އެދުނީ އޭނާގެ ކުށުގެ ރިކޯޑެއް ނެތުމުން އަދަބު ލުއިކޮށްދިނުމަށެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ކޯޓުން ވަނީ ބައްސާމް ފަސް އަހަރަށް ޖަލަށް ލުމަށާއި 154,000ރ. އިން ޖޫރިމަނާ ކުރުމަށް އަމުރުކޮށްފަ އެވެ. ޖޫރިމަނާ ކުރި އަދަދަކީ 10,000 ޑޮލަރަށްވާ ދިވެހި ފައިސާ އެވެ. މި ޙުކުމާއެކު، ބައްސާމްގެ މައްޗަށް އިއްވާފައިވާ ޖުމްލަ ޖަލު ޙުކުމުގެ މުއްދަތު ވަނީ އިތުރުވެފަ އެވެ.

މިއަދު އޮންލައިން