މިރޭވެސް ފަށަމުން މިބުނަނީއެވެ. މިދައްކަނީ ދިރިއުޅުމުގައި މަކަރުހަދައި ބޭވަފާތެރިވާ އަނބިންގެ ޥާހަކައެއް ނޫނެވެ. ހެޔޮލަފާ އަނބިންގެ ވާހަކައެވެ. ހެޔޮލަފާ އަނބިންނަށް ކުރެވޭ ކުށްތަކަށް މާފުކުރުމުގެ ވާހަކައެވެ.
ލޮބުވެތި އެކުވެރިންނޭވެ! ކުށެއް ކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ތިމާގެ އަމިއްލަ ނަފުސާއިމެދު ވިސްނުމުންނެވެ. އިރުއަރައި އިރުއޮއްސިގެންދާއިރު ކޮންމެ ދުވަހަކު ތިމާއަށް ކުރެވެނީ ކިތައްކުށްކަން އެނގޭހެއްޔެވެ؟ ގުނަންވެސް ނުއެނގޭހައި ގިނަ ކުށްތައް ހުންނާނީ ކުރެވިފައެވެ.
ރަނގަޅަށް ވިސްނާށެވެ! ޙަރާމްކުރައްވަވާފައިވާ ކަންކަމުގެ އިތުރުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކޮންމެ ކަމެއް ކުރުމަކީވެސް ކުރެވޭ ކުށެކެވެ. ދެން ނިކަން ބުނެބަލާށެވެ! މިއަދު ކިތައް ކުށް ކުރެވުނު ހެއްޔެވެ؟ އެކުށްތަކަށް ﷲ ތަޢާލާ މާފުނުކުރައްވަވާނަމަ ތިބާގެ ޙާލަކީ ކޮބައި ހެއްޔެވެ؟
ވީމާ ދިރިއުޅުމުގައި ތިބާގެ ހިތް ނުއެދޭގޮތަށް އަނބިމިހާއަށް ކުރެވޭ ކޮންމެ ކަމަކީ އޭނާކުރި ކުށެއް ކަމަށް ބަލައި އަދަބުދޭންވެއްޖެނަމަ އަނބިމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ތިބާގެ ހިތް ނުއެދޭ ގޮތަށް ކަމެއް ކުރެވިއްޖެނަމަ އެކަން ބުނެލާށެވެ! ނަޞީޙަތްދޭށެވެ. ހެޔޮލަފާއަނބިން އެކުށް ތަކުރާރު ނުކުރަން މަސައްކަތްކުރާނެއެވެ. އަދި ކީއްހެއްޔެވެ؟ އެކަމުގެ ސަބަބުން ތިބާގެ މައްޗަށް ލޯބި އިތުރުވެ މާރަނގަޅަށް ޚިދުމަތްކުރާނެއެވެ. އެއިރުން ތިބާއަށް ލިބޭ އުފަލާއި ހިތްހަމަޖެހުން މާބޮޑުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން