އަޅުގަނޑޫ 2 ކައިވެނިކުރީމެވެ. 2 ކައިވެނީގައިވެސް ދަރިންލިބުނެވެ. ވަރިކުރަނީ ދަރިން ލިބޭ ފަހުންވީމައެވެ. ފުރަތަމަ ފިރިމީހާ ވަރިކޮށްލައި ގެއިން ގެއިން ބޭރުކޮށްލީމާ ވަރަށް ދަތި ޙާލުގައި 5 މަސްދުވަހު އިނީމެވެ. ދެވަނަ ފަހަރު 4 މަސްދުވަހު އިންނަން ޖެހުނެވެ. އިމްތިޙާނުތަކުން ފާސްވީމާ އިނާމަކަށް ލިބުނު 3 ކައިވެނީގައި މިހާރު 12 އަހަރެވެ. މިގެންދަނީ އުފަލުން ނަށަމުންނެވެ.
އެކަމަކު އަޅުގަނޑަށް އެ ދެރަ ދިން އެދެމީހުން މިހާރުވެސް ތިބީ އެކަނިވެރިކަމުގައެވެ. އެކަކު 3 ކައިވެނި، އަނެކަކު 4 ކައިވެނިކޮށްފިއެވެ. ކޮންމެ ކައިވެންޏެއްވެސް ދަނީ ފަނުފުލުންނެވެ. އެކަމާ ވަރަށް ދެރަވަމެވެ. އެއީ އެދެމީހުންނަކީވެސް އިންސާނުންގެ އިތުރުން އެމީހުންނަށް ލިބިފައި ތިބި ދަރިންގެ ބައްޕައިން ވީމައެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރި ކަނބަލެއްގެ ބަސްކޮޅެކެވެ. ވިސްނަންވީ މިފަދަ ކަންކަން މެދުވެރިވާ ސަބަބަށެވެ. ތިރީގައިވާ ލިޔުމުން ސަބަބު ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ އިން ޝާ ﷲ
ކައިވެނިކޮށްގެން އެކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ކުށެއްނެތި އަނބިން ދޫކޮށްލާ މީހުން ވިސްނާލަންޖެހޭނެ ކަންކަން ވަރަށް ގިނައެވެ. ތިމާއަށް ކަންކަން މިކުރެވެނީ ހަމަރަނގަޅަށްތޯ އެތައް ފަހަރަކު ވިސްނާލަންވާނެއެވެ.
ފިރިހެނުންނާއި އަންހެނުން އުފައްދަވާފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެހެންކަމުން ކައިވެނިކޮށްގެން އެތައް ދުވަހެއް ވަންދެން އެކުގައި ދިރިއުޅުނަސް ފިރިހެނުންގެ ހަށިގަނޑުން ބައެއް ގެއްލިގެނެއް ނުދެއެވެ. ނަމަވެސް އަނބިންނަށް އެކަންވަނީ އެހެނެއް ނޫނެވެ. ކައިވެނިކޮށްގެން ގިނަދުވަސްތަކެއް ވަންދެން އެކުގައި އުޅުމުން އެމީހުންގެ ހަށިގަނޑުން ބޮޑުބައެއް ގެއްލިގެންދެއެވެ. އަދި ގެއްލިގެންދާބައި އަނބުރާ ހޯދުމަކީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.
އަނބިން ތެދުވެރިކަމާއިއެކު ތިބިނަމަ އެކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. އޭނާ އެވަނީ އޭނާގެ ހަށިގަނޑުން ބޮޑުބައެއް ތިބާއަށްޓަކައި ހަދިޔާކޮށްފައެވެ. އެކަމަށް ފައިސާއިން އަގުދިނުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަންކަމުގެ އިތުރުން ދެމަފިރިން އެކުގައި ޢުމުރަށް ދިރިއުޅެންވެފައިވާ ވަޢުދުތައްމަތިން އަބަދުވެސް ހަނދާންކުރަންވާނެއެވެ.
މިވާހަކަ ދައްކަން މިޖެހެނީ ބައެއް ފިރިހެނުން ދެކޭގޮތުގައި ތިމާއަށް އުފާވެރިކަން އިތުރަށް ލިބޭނެ މަގެއް ފެނިއްޖެނަމަ އަނބިމީހާ ވަރިކުރަންވީއެވެ. ވަރިކުރުމަކުން އަނބިމީހާއަށް ލިބޭނެ އެއްވެސް ގެއްލުމެއްވެސް ނެތެވެ. އެކަމަކު މިއީ ވަރަށް ނުބައި ވިސްނުމެކެވެ.
ތެދުވެރި އަނބިން ވަރިކޮށްލިޔަސް ކުރިމަތީގައި ނުރޮއިފާނެއެވެ. ހިތްވަރު އެބަހުރިކަން ދައްކަމުން ގެއިން ނުކުމެގެންވެސް ހިނގައިދާނެއެވެ. އެކަމަކު އެކަނބަލުން ގެއިން ނުކުމެގެން އެދަނީ އެކަނބަލުންގެ ކަރުނަތައް ލޮލުން ބޭރުކުރުމުގެ ބަދަލުގައި ހިތުން ރޮއި ކަރުނަތައް އެތެރެއަށް އޮއްސަމުންނެވެ.
އެކަމުގެ ހިތިކަން އެމީހަކަށް ކުރާނެއެވެ. އަނބިމީހާ ފަދައިން ނުވަތަ އެއަށްވުރެ ބޮޑަށް ތިމާއަށް ރޮއި ކަރުނަ އަޅަންޖެހޭނެ ދުވަސް ތިމާއާއި ބައްދަލުކުރާނެއެވެ. އެހެނީ އަނިޔާވެރިންނަށް އެކަމުގެ ޢުޤޫބާތް ދުނިޔޭގައިވެސް ދައްކަވަތެވެ. ވީމާ މިހުންނަނީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލަން ޖެހޭނެ ކަންކަމެވެ.
- އަލަފް / މިއަދުނޫސް