އޭނާއަކީ އަހުރެންނާއެކު ކޮލެޖުގައި އުޅުނު ޒުވާނެކެވެ. އޭނާ އެދެމުން އައީ އަހުރެންގެ ކައިވެންޏަށެވެ. ނަމަވެސް އަހުރެން ބުނަމުން އައީ އަހުރެމެންގެ މެދުގައި އޮތީ ހަމައެކަނި އެކުވެރިކަން ކަމަށެވެ. އަހުރެން ޢޭނާދެކެ ލޯބިނުވާކަމަށާއި އެހެންވެ ކައިވެނި ނުކުރެވޭނެކަމަށެވެ.
ކަންތައް ދިމާވިގޮތުން ކޮލެޖު ނިމުނުތަނާހެން ބައްދަލުވި ޒުވާނަކު ދެކެ ލޯބިވެވި ކައިވެނިކުރެވުނެވެ. ފިރިމީހާއަކީ ތަނަވަސްމީހެއްކަން އެއެކުވެރިޔާއަށް އެނގުނީންސުރެ ގުޅައި އުނދަގޫކުރެއެވެ. އެކުގައި އުޅުނަ ނުދޭނެ ކަމަށްބުނެއެވެ. އުނދަގޫ ބޮޑުވެ ނަންބަރު ބްލޮކްކުރީމާ އައީ ގެއަށެވެ. ގެއަށް އައިސް ފިރިމީހާ އާއި ބައްދަލުކޮށްފައި ބުނީ އޭނާ އާއި ކައިވެނިކުރަން އެއްބަސްވެ އަހުރެން އޭނާގެ އަތުން ފަންސާސްހާސް ރުފިޔާ ނަގާފައިވާ ކަމަށެވެ.
އެވާހަކަ ދޮގުކޮށް އެފަދަ ކަމެއް ނުކުރާކަމަށް ބުނުމުން ބުނީ ފައިސާ ނެގީ މަންމަގެ ބޭސްފަރުވާއަށް ކަމަށާއި މަންމައާއި ގުޅާފައި އެހުމުން އެއްބަސްވާނެ ކަމަށެވެ. ފިރިމީހާ ވަޤުތުން މަންމައަށް ގުޅިއެވެ. މަންމައަށް ލިބުނީ ސިހުމެކެވެ. މަންމަ ބުނީ މަންމަގެ ކިޑްނީބައްޔަށް ބޭސްފަރުވާކުރަމުން ދިއަ ދުވަސްވަރު އޭނާ ޞަދަޤާތަކަށް ފަސްހާސް ރުފިޔާ ދިންކަމަށާއި ފަންސާސްހާސް ރުފިޔާ ނުދޭކަމަށެވެ. އެކަން އަޅުގަނޑަށް ނުވެސް އެނގޭނެކަމަށެވެ. އަދި ސިއްރުކޮށްގެން ހުރީ އެއީ ޞަދަޤާތަކަށް ދިން އެއްޗެއް ކަމަށް ބުނުމުން ކަމަށެވެ.
ފިރިމީހާ އެދުނީ އޭނާގެ އެކައުންޓް ނަންބަރަށެވެ. ފިރިމީހާ ބުނީ ކަލޭ ތިއަބުނަނީ ތެދެއްކަމަށް ﷲ ގަންދީ ހުވާކޮށްފިނަމަ ވަޤުތުން ފަންސާސްހާސް ރުފިޔާ ދޭނެ ކަމަށެވެ. އެހެން ބުނުމުން އެއްވެސް ޖެހިލުމެއް ނެތި ހުވާކުރިއެވެ. ނަމަވެސް ފިރިމީހާއަށް ފައިސާ ޓްރާންސްފަރ ނުކުރެވެނީސް ތުރުތުރު އަޅަންފަށައިފިއެވެ. މޮޔަވާހަކަ ދެއްކެން ފަށައިފިއެވެ.
އެހިސާބުން އޭނާ ކުރީ ދޮގުހުވައެއްކަން ފިރިމީހާއަށް ޔަޤީންކުރެވުނެވެ. ޔަޤީންކުރެވުނީމާވެސް ފަންސާސްހާސް ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށްދިނެވެ. ފިރިމީހާ ބުނީ ފައިސާ ޖަމާކުރީ އެކަމަށް ފިރިމީހާ ވަޢުދުވީތީ ވަޢުދު ފުއްދަން ކަމަށެވެ. ކުރި ހުވައަކީ ދޮގެއްނަމަ އެކަން ނިންމަވާނީ މާތް ﷲ ކަމަށެވެ.
އެއިގެ 3 ދުވަސްފަހުން ހަވީރު މީހަކު ބެލްޖެހުމުން ފިރިމީހާ ދޮރުހުޅުވިއިރު އައިސްހުރީ އެމީހާއެވެ. ތުރުތުރުއަޅައަޅައި އޮތް އަތަކުން ފިރިމީހާގެ އަތަށް ފަންސާސްހާސް ރުފިޔާގެ ބޮޑިއެއް ލައިދޭން އުޅުނީމާ ފިރިމީހާ ބުނީ ބޭނުން ނޫންކަމަށާއި ދެންވެސް އިޞްލާޙްވެ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރުމަށެވެ. އެއިގެ ފަހަކުން އޭނާއާއި ބައްދަލެއް ނުވެއެވެ.
އަޅުގަނޑު މިކިޔައިދިނީ މާކުރީގެ ޒަމާނެއްގައި ހިނގާފައި އޮތް ކަމެއްގެ ވާހަކައެއް ނޫނެވެ. މިދިއަ ޖުލައި މަހު ހިނގި ކަމެއްގެ ވާހަކައެވެ. ވިސްނައިފި މީހަކަށް ޢިބްރަތަކަށް ފުދޭނެ ފިލާވަޅެއް ކަމަށް އުންމީދުކުރަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް