ބައެއް މީހުން ބުނެއެވެ! "އަހުރެން ﷲ ތަޢާލާ ދެކެ ލޯބިވަމެވެ. ބިރުވެތިވެސް ވަމެވެ. ފަރުޟަތައް އަދާކުރަމެވެ. ސުންނަތް ނަމާދު ކުރަމެވެ. ސުންނަތް ރޯދަވެސް ހިފަމެވެ. ފަރުޟް ޙައްޖު އަދާކޮށްފީމެވެ. މަސައްކަތް މިކުރަނީ ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެ ހުންނާށެވެ."
ބުނަން ހެއްޔެވެ؟ އެބުނި ހުރިހާ ކަމެއް ކުރިނަމަވެސް އެހެން މީހުންނަށް ނުބައިބަސްތައް ބުނެ ހިތުގައި ޖައްސުވައި އަނިޔާވެރިވާ މީހަކީ ﷲ ތަޢާލާ ދެކެ ލޯބިވާ އަދި ބިރުވެތިވާ މީހަކަށްވެސް ނުވެވޭނެއެވެ. އެހެނީ ކޮންމެ މީހަކީވެސް ﷲ ތަޢާލާ އުފައްދަވާފައިވާ އެކަލާނގެ އަޅެކެވެ. އެކަލާނގެ އަޅުތަކުންނަށް ހެޔޮކޮށް ހިތައި އުފާވެރިކަން ހޯދައި ދިނުމަށާއި އަނިޔާވެރި ނުވުމަށް ﷲ ތަޢާލާ ވަނީ ގަދަ އަމުރުފުޅުން އަމުރުފުޅުކުރައްވަވައިފައެވެ.
އެމީހެއްގެ އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންނަށް އަޅާލައި ލޯބިދީ ހެޔޮކޮށް ހިތަން ﷲ ތަޢާލާ ވަނީ ވަރަށް ވަރުގަދައަށް އަމުރުފުޅުކުރައްވަވައިފައެވެ. ޖުމުލަކޮށްލާފައި ބުނާނަމަ ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކު ﷲ ތަޢާލާގެ އެއްވެސް އަޅަކަށް ދެރަވާނެ ގޮތަކަށް، ހިތުގައި ޖެހޭނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގަދައަޅައި މަސައްކަތްކުރަންވީ ފުރިހަމަ މާނައިގައި ﷲ ތަޢާލާ އަށް ކިޔަމަންތެރި، ﷲ ތަޢާލާ ދެކެ ލޯބިވާ އަދި ބިރުވެތިވާ އަޅަކަށްވުމަށެވެ. ކުރާ އަޅުކަމުގެ ފައިދާ ޙާޞިލްވާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން