ބައިވެރިޔާގެ ހިތުގަ ޖައްސުވަން މާޒީގެ ވާހަކަތައް ދައްކައި ލަދުގަންނަވާއިރު ތިމާގެ މާޒީ ހުދުކާފޫރުހާ ހުދީތަ؟ ﷲ ބޭޒާރުކުރައްވަވައިފިނަމަ ޖެހޭނީ ކޮން ޙާލެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބައިވެރިޔާގެ ހިތުގަ ޖައްސުވަން މާޒީގެ ވާހަކަތައް ދައްކައި ލަދުގަންނަވާއިރު ތިމާގެ މާޒީ ހުދުކާފޫރުހާ ހުދީތަ؟ ﷲ ބޭޒާރުކުރައްވަވައިފިނަމަ ޖެހޭނީ ކޮން ޙާލެއްތަ؟

މީސްތަކުންގެ އަޚްލާޤް ހުރިގޮތުން މާޒީ އެންމެ ރީތި މީހުން މިހާރު ވަރަށް މަދުވާނެއެވެ. ގިނަ ބައެއްގެ ފަސްބައިގައި ލައްތަކެއް ހުންނާނެއެވެ. އެކިމީހުންގެ ހުންނާނީ އެކިވަރަށެވެ. އެކި ކުލައިގައެވެ.  

ކޮންމެ މީހަކާއިމެދުވެސް ބަލަންވީ އެމީހެއްގެ މާޒީއަކަށް ނޫނެވެ. މިހާރު އޭނާ އުޅޭ ގޮތަށެވެ. އޭނާގެ މާޒީއަށް ބަލައި ނިކަމެތިބަސްތައް ބުނުން ދީނުގައި ހުއްދައެއްވެސް ނޫނެވެ. އެއީ ފާފަވެރިވެސްވާނެ ކަމެކެވެ.  

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެއޮތީ އެކަން ނިމިފައެވެ. ތައުބާވާއިރަށް ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. އެހިސާބުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަނެގެން ހުރި މީހަކަށް ނިކަމެތި ބަސްތައް ބުނުމަކީ އެމީހަކަށް އެކަމުގެ ޢުޤޫބާތް ޙައްޤުވާނެ ކަމެކެވެ.  

ބުނަން ހެއްޔެވެ؟ މީހެއްގެ މާޒީއާއިމެދު ހިތްހަމަ ނުޖެހޭނަމަ އެމީހަކާއި ކައިވެނިނުކުރާށެވެ. ކައިވެނިކުރުމަށްފަހު އެވާހަކަތައް ދައްކައި އޭނާ ލަދުގެންނެވުމުން ވަރަށް ބޮޑަށް ހިތުގައި ޖެހޭނެއެވެ. ތިމާއަށް ރަނގަޅު މުސްތަޤްބަލެއް ނެތްކަމަށް ވިސްނި މާޔޫސްކަން ބޮޑުވެ ދިރިއުޅުންމަތިން ފޫހިވެދާނެއެވެ. އެއިރުން ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ.  

ހަމައެއާއިއެކު ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްވެސް އެބައޮތެވެ. މިވާގޮތަކީ ބައިވެރިޔާއަށް ކުރެވިފައިވާ ކުށްތައް ތިބާއަށް އެނގުނީއެވެ. ތިބާއަށް ކުރެވިފައިވާ ކުށްތައް ބައިވެރިޔާއަށް ނުއެނގުމަކީ ތިބާ އެއްވެސް ކުށެއް ނުކޮށް ހުރިކަން އަންގައިދޭ ސަބަބެއް ނޫނެވެ. ތިބާއަށްވެސް ހުންނާނީ ކުށްތަކެއް ކުރެވިފައެވެ. އެކަންކަން ސިއްރުވެފައި އަދި އޮތީއެވެ. މާދަމާވެސް ބޭޒާރުވެ ފަޟީޙަތްވުމަކީ ދާދިގާތުގަ އޮތްކަމެކެވެ.  

އަހުރެންގެ ބަސްކޮޅު ނިޞްބަތް މިކުރަނީ އަންހެނުންނަށް ނުވަތަ ފިރިހެނުންނަކަށް ނޫނެވެ. އަންހެނުންނަށާއި ފިރިހެނުންނަށެވެ. ފިރިންނަށާއި އަނބިންނަށެވެ. ދެމީހުންވެސް މިކަންކަމަށް ވިސްނައި ސަމާލުކަންދޭށެވެ. ދިރިއުޅުމަށް އެކަމުން ފައިދާކުރާނެއެވެ. ވަރަށް ބޮޑަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން