ނުރަނގަޅުމަގުން ދަރިން ދިއުން ހުއްޓުވޭނީ ދަރިން ލިބުމުން މިފަދައިން ދުޢާކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ނުރަނގަޅުމަގުން ދަރިން ދިއުން ހުއްޓުވޭނީ ދަރިން ލިބުމުން މިފަދައިން ދުޢާކޮށްގެން!

މައިންބަފައިންނަށް ލިބޭނެ އެންމެ އެންމެ ބޮޑު ހިތާމައަކީ ލޯބިން ބަލައިބޮޑުކުރާ ދަރިން ނުރަނގަޅު މަގުން ދިއުމެވެ. ރަނގަޅު ނޫން ކަންކަން ކުރުމުންނެވެ. ދީނާއި ދުރުހެލިވުމުންނެވެ. މިޙާލަތުގައި އަހުރެމެން ވިސްނަންޖެހޭނެ ކަންކަން ވަރަށް ގިނައެވެ.  

ﷲ ތަޢާލާ ދަރިން ދެއްވަވަނީ އެކަލާނގެ އިރާދަކުރެއްވެވުމުންނެވެ. އިރާދަ ކުރައްވަވާ އަޅަކަށެވެ. އިރާދަ ކުރައްވަވާ އަދަދަކަށެވެ. އެހެންކަމުން ދަރިން ލިބުން ލަސްވެއްޖެ ނަމަ ގިނަ ބައަކު ދަރިން ދެއްވެވުން އެދި ދުޢާ ކުރެއެވެ. ނަމަވެސް މިގޮތުން ކުރާ ދުޢާގައި ގިނަ ބައަކު އެންމެ މުހިންމު ބައި އުނިކުރެއެވެ.  

ދަރިކަލަކު ދެއްވެވުމުން އެދިވަޑައިގެން އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއަށް ވިސްނާށެވެ!

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިއަކު ދެއްވާނދޭވެ!"

(އަލް ޞޯއްފަ ސޫރަތުގެ 100 ވަނަ އާޔަތް) 

އިބްރާހީމްގެފާނު ކުރެއްވެވި ދުޢާ ޢިޖާބަ ކުރައްވަވައި ދަރިން ދެއްވެވުމުން ޝުކުރުވެރިވެވަޑައިގެންނެވި މިންވަރާއި ދަރިންނަށްޓަކައި ކުރެއްވެވި ދުޢާއަށް ވިސްނާށެވެ! 

"ޙަމްދު ހުރީ، اللَّه އަށެވެ. އެކަލާނގެއީ، އަޅު، މުސްކުޅިވެފައިވަނިކޮށް، އަޅާއަށް އިސްމާޢީލް އާއި، އިސްހާޤް  ދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ، ދުޢާއައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. 

އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމް ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލް ކުރައްވަވާނދޭވެ! 

އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބް ޤާއިމް ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއްމިންތަކުންނަށް ފާފަފުއްސަވާނދޭވެ!"

(އިބްރާހީމް ސޫރަތުގެ 39،40، 41) 

ނިކަން ބުނެބަލާށެވެ! ދަރިން ދެއްވެވުން އެދި ދުޢާކުރި ފަދައިން ދަރިން ދެއްވެވުމުން މިފަދައިން އަހަރެމެން ދުޢާ ކުރަމު ހެއްޔެވެ؟ މީސްތަކުންނޭވެ! ދަރިން ދެއްވެވުމުން އެދަރިންނަކީ ނަމާދު ޤާއިމުކުރާ ޞާލިޙް ދަރިން ކަމުގައި ލައްވަވައި ދެއްވެވުން އެދި ވެސް ދުޢާކުރަންވާނެއެވެ.  

މިއަދު މުސްލިމް މުޖްތަމައު ފޭލްވަމުންދާ އެއް ސަބަބަކީ މިދުޢާ ނުކުރެވޭކަމެވެ. ދަރިން ބޭނުންވެއެވެ. ބޭނުންވެގެން ދުޢާކުރެއެވެ. ފަރުވާވެސް ހޯދައެވެ. އެކަމަށް ބޮޑެތި ހޭދަތައްވެސް ކުރެއެވެ. ނަމަވެސް ދަރިން ދެއްވެވުމުން ތަރުބިއްޔަތުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ތަރުބިއްޔަތުކުރަން މިދަނީ ފޭލްވަމުންނެވެ.  

އެހެން ނުހަދާށެވެ! ދަރިން ނުލިބުމަކުން ތިބާއަށް އެއްވެސް ފާފައެއް ނެތެވެ. ނަމަވެސް ދަރިން ލިބުމުން ﷲ ތަޢާލާ އެންގެވި ގޮތުގައި ތަރުބިއްޔަތު ނުކުރެވުމުން ތިބާ ފާފަވެރިވާނެއެވެ. ވީމާ ވިސްނައި ހޭލުންތެރިވާށެވެ!  

ގިނަ ބައަކު ދުޢާކުރަނީ ދަރިން ދެއްވެވުން އެދިއެވެ. އަވަހަށް ދަރިއަކު ދެއްވެވުން އެދިއެވެ. ލޯބިލޯބި ދަރިއަކު ދެއްވެވުން އެދިއެވެ. ނަމަވެސް މިވަރަކުން އަދި ފުރިހަމައެއް ނުވެއެވެ. ހެޔޮލަފާ ޞާލިޙް ދަރިއަކު ދެއްވެވުމަށް އެދެން ޖެހޭނެއެވެ. އެދަރިއެއްގެ ސަބަބުން އިސްލާމް ދީނަށް ނަޞްރު ލިބިގެންދާނެ ދަރިއަކު ދެއްވެވުމަށް އެދެން ޖެހޭނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން