ބައްދަލުވެ އުޅޭ އެކުވެރިންގެ ފަރާތުން ފެންނަ ކަންކަމުގެ ތެރެއިން އަނބިންނަށް ފާހަގަކުރެވޭ އެތައް ކަމެއް ހެޔޮލަފާ ފިރިންނަށް ފާހަގަކުރެވޭނެއެވެ. މީހަކު ހިނިތުންވުމުން އަނބިމީހާއަށް ފާހަގަކުރެވޭ ގޮތާ ފިރިމީހާއަށް ފާހަގަކުރެވޭ ގޮތް ތަފާތުވާނެއެވެ. އަދި ބަލާ ބެލުމުގައިވެސް ދެމީހުންނަށް ފާހަގަކުރެވޭ ގޮތް ތަފާތުވާނެއެވެ.
ބުނަން ހެއްޔެވެ؟ އަންހެނުންގެ ކިބައިގައި ހުންނަ މަކަރުވެރިކަން ގިނަ އަންހެނުންނަކަށް ފާހަގައެއް ނުކުރެވެއެވެ. ނުވަތަ ފާހަގަކުރާކަށް ނުއެނގެއެވެ. ނަމަވެސް ފިރިހެނުންނަށް އޭނާއަކީ ވިސްނުންތެރިއެއް ނަމަ ފިރިހެނުންގެ ހުންނަ މަކަރުވެރި ސިފަތައް ވަރަށް ފަސޭހައިން ފާހަގަކުރެވޭނެއެވެ.
ވީމާ ތިބާއަށް ހެޔޮއެދޭ، ތިބާ ދެކެ ލޯބިވާ ފިރިއަކު ކިތަންމެ ގާތް އެކުވެރިއަކާއިމެދުގައިވެސް ސަމާލުވާން ބުނެފިނަމަ އެކަމަށް ދެކޮޅު ނުހަދާށެވެ! އެއީ ކީއްވެގެންތޯ ސުވާލުވެސް ނުކުރާށެވެ! އަވަހަށް އެކަން ބަލައިގަންނާށެވެ! އޭނާ އެހެން އެބުނަނީ ތިބާއަށްޓަކައެވެ. ދެމަފިރިންގެ ޙައްޤުގައެވެ. ކުރިމަތިވާން އޮތް ބޮޑު ނުރައްކަލަކުން ތިބާ ސަލާމަތްކުރުމަށެވެ. ދެމީހުންގެ ކައިވެނި ސަލާމަތްކުރުމަށެވެ.
"އޭނާއާއިމެދު ގޯސް ގޮތަކަށް ދެކޭކަށް ނުވާނެ! އެއީ ވަރަށް ހިތްހެޔޮ މީހެއް! ވަރަށް މަޖާ މިޒާޖުގެ މީހެއް! ހެއްވާ ކަންތައްތައް ކުރާ މީހެއް!" ކަމަށް ވިސްނައި ފިރިމީހާގެ ބަސް ބޮލާލައި ނުޖަހާށެވެ! އެކަން ކުރެވޭނީ އެންމެ ކަމެއް ހިތަށް ގެނެވިގެންނެވެ. އެކަމަކީ ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައިވެސް އަނބިމީހާއަށް އޮތީ ފިރިމީހާއަށް ކިޔަމަންތެރިވުންކަން ހިތަށް ގެނައުމެވެ.
އަހުރެން މިވާހަކަ މިގޮތަށް މިދެއްކީ ފިރިމީހާގެ ބަސް ވަރުގަދަކޮށްފައި އަނބިމީހާގެ ވިސްނުން ތިރިކުރާކަށް ނޫނެވެ. މިބުނި މައްސަލައަށް ސަމާލުކަން ނުދިނީމާ ފަހުން ޖެހޭ މައްސަލަތައް ބޮޑުވެ އެކަންކަމުން އަރައި ނުގަނެވިގެން ޙައްލު ހޯދަން އަންނަ މީހުން ގިނަވީމައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން