ކައިވެނިކުރުން ހުއްދަ ފަދައިން ކައިވެނި ރޫޅައިލުންވެސް ހުއްދައެވެ. ކައިވެނިކުރަންވެސް ކަންތައްތަކެއް ފުރިހަމަކުރަންޖެހޭ ފަދައިން ކައިވެނި ރޫޅާލުމަށްވެސް ކަންތައްތަކެއް ފުރިހަމަކުރަންޖެހެއެވެ. އެކަންކަން ފުރިހަމަ ކުރުމަށްފަހުގައެވެ.
ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ފުރަތަމަ ކަމަކަށް ދެމަފިރިން އަމިއްލައަށް މަސައްކަތްކުރާށެވެ! ކާމިޔާބު ނުވިނަމަ ޢާއިލާގެ މީހުންގެ ތެރެއިން އެކަމަށް އެންމެ ރަނގަޅު މީހުން މެދުވެރިކޮށްގެން ކަންކަން ޙައްލުކުރަން މަސައްކަތްކުރާށެވެ! ކައިވެނި ރޫޅައިލުމާއި ހމައަށް ކަންކަން ގެންދަން ޖެހޭނީ އެޙާލަތުން ކައިވެނި ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހުގައެވެ.
ޢާއިލާގެ މީހުން މެދުވެރިކޮށް ކަންކަން ޙައްލުކުރަން މަސައްކަތްކުރުމުން ގިނަ ބައެއްގެ ކައިވެނިތައް ސަލާމަތްކުރެވެއެވެ. ނަމަވެސް އެނަތީޖާ ނެރެވޭނީ ދެމަފިރިންވެސް އެކަމަށް އެއްބާރުލުންދީ ކައިވެނި ދަމަހައްޓަން ބޭނުންވާނަމައެވެ.
މިބައްދަލުވުމުގައިވެސް ތަކުރާރުކޮށްލާނަމެވެ. ބައިވެރިޔާގެ ކިބައިން ކުރިމަތިވާ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމުންވެސް އެކަމަށް ބައިވެރިޔާ އެއްބާރުލުން ނުދޭނަމަ ކައިވެނި ރޫޅާލުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ބޭވަފާތެރިވުމާއި ހިތުގައި ޖެއްސުވުމާއި އަނިޔާވެރިވުމާއި އަޅާނުލައި ފަރުވާކުޑަކުރުން ފަދަ ކަންކަމަކީ އެއްވެސް މީހަކަށް ޢުމުރަށް ކެތްތެރިވެވޭނެ ކަންކަން ކަމަށްނުވާތީއެވެ.
މާތް ﷲ ގެ މަގުގައި ޘާބިތުވެހުރެ، ދެން އެހެން ގޮތެއް ނެތިގެން ވަރިވާ ނުވަތަ ވަރިކުރަންޖެހޭ މީހުންނަށް ﷲ ތަޢާލާ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެތެވެ! އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ސަބަބަކީ ކައިވެނި ދަމަހައްޓަން މަސައްކަތްކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގެންވާ ޢަމަލަކަށްވާތީއެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ކަންކަން ކުރަން މަސައްކަތްކުރާ އަޅުންނަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން