ލޯބި ނުވަތަ ލޯބިވުން އެކިމީހުން މާނަކުރާނީ އެކިގޮތަށެވެ! ވީމާ އެބަހުސަށް ދާކަށް ނެތީމެވެ. އަޅުގަނޑުގެ ވިސްނުމުން ބުނެލަން މިއުޅެނީ ކައިވެނި ކުރުމަށްފަހު ދެމީހުންގެ ހިތުގައި ޙަޤީޤީ ލޯބި ދެމިއޮތްނަމަ ދިރިއުޅުމުން ފާހަގަކުރެވޭނެ ބައެއް ކަންކަމެވެ. އެކަންކަމުގެ ސަބަބުން ލިބޭނެ ބޮޑު ހިތްހަމަޖެހުމެވެ. އިން ޝާ ﷲ
ދެމީހުންގެ މެދުގައި ލޯބި އޮންނަންޖެހޭ ގޮތަށް އޮންނަނަމަ ލިބޭނެ އެންމެ ބޮޑު އުފަލަކީ ތިމާއަށް މިހުރެވެނީ ރައްކައުތެރިކަމުގައިކަން ޤަބޫލުކުރެވުމެވެ. އަނެކާ ތިމާއާއި ވަކިނުވާނެކަމާއި ތިމާއަށް ދެރައެއް ނުދޭނެކަމަށް ޤަބޫލުކުރެވުމެވެ.
އެކަންކަން އެގޮތަށް އޮންނަމަ ބައިވެރިޔާއަށް ފާރަލާކަށް ނުޖެހޭނެއެވެ. ބައިވެރިޔާއަށް ސިއްރުން އޭނާގެ ފޯނު ޗެކްކުރާކަށްވެސް ނުޖެހޭނެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ މިބުނި ފަދަ ހިތްހަމަޖެހުމެއްގައި ދިރިއުޅެވޭނީ އެފަދަ މާޙައުލެއްގައި އުޅެވި ތަރުބިއްޔަތު ލިބިފައިވާނަމައެވެ.
އަމިއްލަ ގޭތެރެއިން ލިބޭ ތަރުބިއްޔަތު މުހިންމުވަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. މިޘާލެއްގެ ގޮތުން ބުނެލާނަމެވެ. ކައިވެންޏަށްފަހު އޯގާތެރިވެ ލޯބިދީގެން ދިރިއުޅެން މަސައްކަތްކުރުމުން އެއީ ކީއްވެގެން؟ ކީއްކުރަން އުޅޭ ގޮތެއްތޯ؟ ހަރުކަށި ނުވަނީ ކީއްވެގެންތޯ؟ ބައިވެރިޔާ އާއި ސުވާލުކޮށްފައި އެބަހުއްޓެވެ. އެސުވާލު އެގޮތަށް އެކުރަނީ އެމީހުންނަށް ދިރިއުޅެންޖެހުނު ގޭތެރެއިން ފެނުނު ނުބައި ކަންކަމާއި ލިބުނު ނުބައި ތަރުބިއްޔަތުގެ ސަބަބުންނެވެ.
މައިންބަފައިން އެދޭނީ ދަރިންނަށް ވީހައި ރަނގަޅު ގޮތްތައް މެދުވެރިވުމަށެވެ. އެހެންވެ ހެޔޮ ނަޞޭޙަތްވެސް ދެއެވެ. ކައިވެންޏަށްފަހު އުޅެންޖެހޭނެ ރަނގަޅު ގޮތްވެސް ކިޔައިދެއެވެ. އެކަމަކު ގޭތެރެއިން ދަރިންނަށް ދައްކުވައިދެވެނީ ނުބައި ނަމޫނާއެއް ކަމުގައިވާނަމަ ދޭ ނަޞޭޙަތުން ދަރިންނަށް ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ.
ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯބި ރަނގަޅު ގޮތުގައި އޮންނަނަމަ ފިރިމީހާ ބޭރަށްދާން އުޅޭއިރަށް މާގިނަ ސުވާލުތަކެއް ނުކުރާނެއެވެ. އަދި އަނބިމީހާ އޭނާގެ އެކުވެރިންނާއިއެކު ބޭރަށް ގޮސްލަން އުޅުނު ނަމަވެސްމެއެވެ. އެދޭނީ އަވަހަށް އެނބުރި ގެއަށް އައުމަށެވެ. އެއީ ގެއިން ބޭރުގައިވީނަމަވެސް ތިމާ ދެރަވާންޖެހޭނެ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ހިތުގައި އޮންނާތީއެވެ.
މައްސަލަތައް އިތުރުވެ ހޫނުވަމުން މިދަނީ، އަދި ކައިވެނި ރޫޅުން ގިނަވަމުން މިދަނީ ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ލޯބި ފުރިހަމަ ގޮތުގައި ނުއޮންނާތީއެވެ. އިތުބާރު ނުކުރެވުމުގެ މައްސަލަތައް އުފެދޭ ސަބަބަކީވެސް ހަމައެއީއެވެ.
- ވާޞިފާ / މިއަދުނޫސް