ޢިބްރަތްތެރި ވާހަކަ: ގެއަކާ ކައިވެނިކުރި އަންހެނަކަށް ޖެހުނު ޙާލު- އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
ޢިބްރަތްތެރި ވާހަކަ: ގެއަކާ ކައިވެނިކުރި އަންހެނަކަށް ޖެހުނު ޙާލު- އަގުހުރި ފިލާވަޅެއް!

އަހުރެންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަގެ އިތުރުން ބައްޕަވެސް  އަހުރެން އަހުރެން ތަރުބިއްޔަތުކުރުމުގައި ބޮޑު ދައުރެއް އަދާކުރިއެވެ. މަންމައަށް ހެޔޮކޮށްހިތަން ވަރަށް ގިނައިން ނަޞީޙަތް ދިނެވެ. 

ބޮޑުވެ ކައިވެނިކޮށް އަމިއްލަ ދިރިއުޅުމެއް އުޅެންފެށިތަނާހެން މަންމަ ކުއްލި ގޮތަކަށް ނިޔާވުމުން މަންމައަށް ޚިދުމަތްކުރަން މާބޮޑު ފުރުޞަތެއް ނުލިބެއެވެ. އެހިސާބުން މާމައަށާއި ބައްޕައަށް ސަމާލުކަންދީގެން ވީހާ ރަނގަޅަކަށް ކަންކަން ކޮށްދޭން މަސައްކަތްކުރީމެވެ. އެހެންވެ މަދުވެގެން ހަފްތާއަކު 2 ދުވަހު ޒިޔާރަތްވެސް ކުރަމެވެ. 

މަންމަ މަރުވިތާ އަހަރެއްހައި ދުވަސްފަހުން ބައްޕަ ދެވަނަ ކައިވެނިކުރިއެވެ. އެކަމަކަށް ބަހެއް ނުބުނަމެވެ. ބައްޕަގެ ޢުމުރަކީ 50 އަހަރުކަމަށްވުމުން އެހީތެރިއަކަށް ބޭނުންވާނެކަން ވިސްނޭތީއެވެ. 

ދެމަފިރިން އެކުގައި ބައްޕައަށް ޒިޔާރަތްކުރިރެއެކެވެ. މާމަފެންނަން ނެތުމުން ކޮބައިތޯ ސުވާލުކުރުމުން ބުނީ ކޮޓަރީގައި ކަމަށެވެ. ވަޤުތުން މާމަގެ ކޮޓަރިއަށް ވަނީމެވެ. މަންމަ އޮތީ އޮށޯވެއެވެ. އަހުރެން ފެނުމާއިއެކު ތެދުވެ އެނދުގައި އިށީނެވެ. ގާތުގައި އިށީނުމުން ރޮވެން ފެށިއެވެ. އެދުނީ އަހުރެންގެ ގާތަށް މާމަ ގެންދިއުމަށެވެ. 

އަހުރެން ބުނީމެވެ. މާމާއެވެ. އަހުރެން މިއުޅެނީ އެއްކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. ވީމާ މާމަގެންގޮސް ގާތުގައި ބެއިންދުން ފަސޭހައެއް ނޫނެވެ. ތިއަވާ ގޮތް ވިސްނިއްޖެއެވެ. ތިއަ ަމއްސލަ ހައްލުކުރަން ކުރަންވީ ކަންތައްވެސް ވިސްނިއްޖެއެވެ. މާމަ ކަންބޮޑުނުވާށެވެ! އަހުރެމެން ދެމަފިރިން މާދަމާ މިގެއަށް ބަދަލުވާނަމެވެ. މާމަ ބަލާނީ އަހުރެމެން ދެމަފިރިންނެވެ." 

މާމައަށް ހިތްވަރުދީފައި ނުކުމެ ބައްޕަގާތުގައި އަހުރެންގެ ނިންމުން ބުނީމެވެ. މާދަމާ ގެއަށް ބަދަލުވާނެކަމަށް ބުނީމެވެ. ބައްޕައަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ދޮންމަންމަ ބުނީ ދިރިއުޅެން ދަސްވާނީ ވަކިން އުޅުނީމައި ކަމަށެވެ. އަހުރެން ބުނީމެވެ. "މިތާކު ދޮންމަންމައާއިބެހޭ ވާހަކައެއް އަދި ނުދެއްކެއެވެ. އަހުރެން މިގެއިން ނުކުތީވެސް އަމިއްލައަށެވެ. ވަންނަން ބޭނުންވީމާ އެނބުރި ނުވަދެވޭ ގޮތަކަށް ނޫނެވެ. މިއީ ބައްޕަގެ ގެއެއްވެސް ނޫނެވެ. މާމަ މަންމައަށް ދީފައިވާ މަންމަގެ ގެއެކެވެ. ގެއެޅީ ބައްޕައެވެ. މަންމައާއި ބައްޕަ ވަނީ މަންމަ މަރުވުމުގެ ކުރިން ގެ އަހުރެންނަށް ރަޖިސްޓްރީވެސްކޮށްދީފައެވެ. އަހުރެންގެ މަންމައަކީވެސް އަދި ބައްޕައަކީވެސް ނަމޫނާ ބައަކަށްވުމުން މިދުވަސް އަންނާނެކަން ކުރިން މަންމައަށް ވިސްނިގެން ކަމަށްވެސް ވެދާނެއެވެ. 

ވީމާ މިކަމުގައި ޒުވާބުކުރަން ނުހަދަމާ ހިނގާށެވެ! އަހުރެން މިގެއަށް ބަދަލުވުމަކުން ދޮންމަންމައަކަށް ވާނެ އުނދަގުލެއް ނުއޮންނާނެއެވެ. އަހުރެންގެ އެއްވެސް ކަމެއްވެސް އަދި އެހިސާބުން މާމަގެ އެއްވެސް ކަމެއްވެސް ކޮށްދޭކަށް ދޮންމަންމައަކަށް ނުޖެހޭނެއެވެ. އަދި ދޮންމަންމައަށްވެސް އެހީތެރިވާނަމެވެ. 

ދެން އޮތީ އަހުރެންގެ ނިންމުން ދޮންމަންމަ ޤަބޫލުނުކުރުމެވެ. ދޮންމަންމަ ބޭނުންނަމަ ގެއިން މިހާރުވެސް ނުކުމެގެން ދެވިދާނެއެވެ. ގެއިން ނުކުމެގެންދާކަށް ބައްޕައަކަށް ހުއްދައެއް ނުދޭނަމެވެ. ނަމަވެސް އެކަން ބައްޕަ ބޭނުންވާ ގޮތަކަށް ނިންމުމާއިމެދަކު އަހުރެންގެ އެއްވެސް މައްސަލައެއް ނެތެވެ." 

ދެން ދޮންމަންމަ ދައްކަންފެށި ވާހަކަތަކުން އެނގުނީ ދޮންމަންމަ ކައިވެނިކޮށްގެން މިއުޅެނީ ބައްޕައާއި ނޫންކަމާއި ގެއާއި ކަމެވެ. ގެއަކީ ބައްޕަގެ ގެއެއްކަމަށް ހީކޮށްގެން ކަމެވެ. އެވާހަކަތަކަކަށް އަހުރެން އެއްވެސް ޖަވާބެއް ނުދެމެވެ. އެއީ އަހުރެންނާއި ގުޅުންހުރި ވާހަކަތަކަކަށް ނުވާތީއެވެ. 

އެހިސާބުން އަހުރެމެން ނުކުމެގެން ދިއައީއެވެ. އަނެއް ދުވަހު ގެއަށް ބަދަލުވީމެވެ. ގެއަށް ބަދަލުވިތާ 3 ވަނަ ދުވަހު ދޮންމަންމަ ވަރިވެ ގެއިން ނުކުމެގެން ހިނގައްޖެއެވެ. 

މިއީ ހަމަ ދާދިފަހުން މާލޭގައި ހިނގިކަމެކެވެ. އަޅުގަނޑުގެ ޢުމުރަކީ އަދި 34 އަހަރެވެ. ވީމާ އެހެން މީހުންނަށް ނަޞީޙަތްދޭން އެހައި މޮޅެއް ނުވާނެއެވެ. އެކަމަކުވެސް ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. އެއީ މައިންބަފައިން ދެކެ ލޯބިވާށެވެ! މާމައާއި ކާފަދެކެވެސް ލޯބިވާށެވެ! ގެދޮރާ ފައިސާއާއި ކައިވެނިކުރުން ހުއްޓާލައި މީހުންނާއި ކައިވެނިކުރާށެވެ! 

ހަމަ ޔަޤީނުންވެސް މިބުނި ރެއާއި ހަމައަށް އެގެއަކީ އަހުރެންގެ ގެއެއްކަމެއް އަހުރެންގެ އަނބިމީހާއަކަށް ނުއެނގޭނެއެވެ. އަމިއްލަ ގެ ހުއްޓައިވެސް އެހައި ދަތިކޮށް ވަކިން ދިރިއުޅެން ފެށީވެސް ދަތި ދިރިއުޅުމަށް އަނބިމީހާ ހާނުވަން މަންމަ ދިން ނަޞީޙަތަށެވެ. 

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކައެކެވެ. މިއަދުނޫހުން ފާހަގަކުރަން ބޭނުންވަނީ މަންމައާއި ބައްޕަ ގުޅިގެން ދަރިން ތަރުބިއްޔަތުކުރުމުން އެކަމުން ދަރިންނަށް ކުރާ ފައިދާގެ ބޮޑުކަމެވެ. 

މިއަދު އޮންލައިން