ތިމާ ދިރިއުޅޭގައި އުޅޭ ކޮންމެވެސް އަޚަކު، އުޚުތަކު ނުވަތަ ޅިޔަނަކު ނުވަތަ ފަހަރިއަކު ނުވަތަ ކޮންމެވެސް މީހަކު ކުރާ ކަމަކާއި ގުޅިގެން "ދުވަހަކުވެސް އޭނާއަށް މާފުނުކުރާނަން" ކަމަށް އެބަ ބުނެވެއެވެ. އަދި ބައެއް މީހުން އަންނަ ރުޅީގައި އެމީހަކަށް މާފުނުކުރާނަން ކަމަށް ބުނެ ﷲ ތަޢާލާ ގަންދީ ހުވާވެސް ކުރެއެވެ.
މިއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވަނީ މީސްތަކުންނަށް މާފުކުރުމަށެވެ. އެކަމަކު ހުވާ މިކުރަނީ މާފުނުކުރާނެ ކަމަށެވެ. މިއީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އަބޫބަކުރުގެފާނަށް ވިދާޅުވެވުނު ބަސްފުޅަކާއި ގުޅިގެން ބާވައިލެއްވެވުނު އާޔަތަކުންނެވެ.
ދެން އޮތީ މާފުކުރުމަކީ މަޖުބޫރުކަމެއް ހެއްޔެވެ؟ އެއީ މަޖުބޫރުކަމެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވަނީ މާފުކުރުމަށެވެ. އެހެންކަމަށްވާއިރު މުހިންމީ ނުވަތަ ތިމާއަށް ފައިދާބޮޑުވާނީ މާފުކުރުމުން ހެއްޔެވެ؟ ނޫނީ މާފުނުކުރުމުން ހެއްޔެވެ؟
އަހުރެން ތަކުރާރުކޮށް އިލްތިމާސްކުރާނީ މާފުކުރުމަށެވެ. އެއީ ކޮންމެ މީހަކަށް ކަމުގައިވީނަމަވެސްމެއެވެ. ކިތަންމެ ގާތް މީހަކު ކަމުގައިވީނަމަވެސް އަދި ކިތަންމެ ދުރު މީހަކު ކަމުގައިވީނަމަވެސްމެއެވެ. އެކަމުން ތިމާއަށް ލިބޭނެ ފައިދާ މާބޮޑުވީމައެވެ.
މީސްތަކުންނަށް މާފުނުކުރަން ހުންނަ މީހަކާއި ބައްދަލުވާނެ މީހުންގެ ތެރޭގައި ހިތުގައި ހަސަދަވެރިކަން އޮތް މީހުން ހާދަގިނަވާނެއެވެ. އެހުރިހާ މީހުންނާއި ޙަސަދަލައިގެން ހުންނަ މީހެއްގެ ހިތް ހާދަހައިވާ ނުތާހިރުވާނެއެވެ. އެފަދަ ނުތާހިރު ހިތަކަށް ހެޔޮ ވިސްނުމެއް ލިބޭނީވެސް ކިހިނަކުން ހެއްޔެވެ؟ ވީމާ ތިމާ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން ބޭނުންނަމަވެސް ހިތް ޠޯހިރުކުރަން އެބަޖެހެއެވެ. އެކަން ކުރެވެން މިއޮތީ މީސްތަކުންނަށް މާފުކުރިވަރަކުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން