މުސްލިމް އަޚުންނޭވެ! އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތެވެ. މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައެވެ. އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެވެ. މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތެވެ. އިސްލާމްދީނުގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރްއާން ފެށިފައިވަނީ އޯގާވެރި އޯގާވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުންނެވެ.
މުސްލިމް އަޚުންނޭވެ! މަތިވެރި އަޚުލާޤާއި ރަޙުމަތާ ދެމެދުގައި ވަނީ ގިނަގުނަ މާތް ސިފަތަކެވެ. އެ ސިފަތަކުން، ލޯބިވުމަށާއި ރަޙުމުކުރުމަށް ބާރުއަޅައެވެ. ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައެވެ. އެ ދީނަށް ތަބަޢަވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ހަރުކަށި ބަޔެއްގެ ގޮތުގައެވެ. އެހެނަސް ޙަޤީޤަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ. އެ ދީނުގެ ނަބިއްޔާ މުޙައްމަދު zއަކީ ރަޙުމަތުގެ ނަބިއްޔާއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި عالمތަކަށް رحمةއެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ." އެހެންކަމުން އިސްލާމްދީނަކީ، ކުފުރުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމަށް، މީސްތަކުން ނެރުއްވި ދީނެވެ.
މުސްލިމް އަޚުންނޭވެ! އިސްލާމް ދީނުގައި ރިވެތި އަޚުލާޤަށް ވަރަށް މަތިވެރި ދަރަޖައެއް ދީފައިވެއެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ އެ ކަމުގެ ނަމޫނާ ދެއްކެވިއެވެ. އެކަލޭގެފާނުގެ ޚުލްޤުފުޅާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلقފުޅެއްގެ މަތީގައިކަން ކަށަވަރެވެ." ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނާއި އުންމަތް، މި މަތިވެރި ސިފަ އަށަގެންނެވުމުގެ މައްޗަށް ތަރުބިޔަތުކުރެއްވިއެވެ. އެއީ ހުރިހައި ގުޅުންތަކެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ރިވެތި އަޚުލާޤާއި، ރަޙުމަތާއި، އޯގާތެރިކަންކަމުގައިވާތީއެވެ. ރިވެތި އަޚުލާޤަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ الْـمُؤْمِنَ لَيُدْرِكُ بِـحُسْنِ خُلُقِهِ دَرَجَةَ الصَّائِمِ الْقَائِمِ.)[1] މާނައީ: "ހަމަކަށަވަރުން، މުއުމިނު އަޅާ އޭނާގެ ރިވެތި އަޚުލާޤުގެ ސަބަބުން ސުންނަތް ރޯދަހިފައި ރޭއަޅުކަންކުރުންމަތީ ޤާއިމުވެ ހުންނަ މީހާގެ ދަރަޖައަށް ވާޞިލުވާނޭކަން ކަށަވަރެވެ."
މުސްލިމް އަޚުންނޭވެ! މި ޙަދީޘުގައި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ އަހަރެމެންނަށް އަންގަވަނީ ރިވެތި އަޚުލާޤުގެ ވެރިޔަކަށް ވުމަށެވެ. އެއީ، ޤިޔާމަތްދުވަހުގައި އެ މީހާގެ ދަރަޖަ އުފުލޭނޭ ކަމެކެވެ. ރިވެތި އަޚުލާޤު ސިފަކުރައްވަމުން عَبْدُ اللَّهِ بْنُ الْمُبَارَك رَحِمَهُ اللّه ވިދާޅުވެފައި ވެއެވެ. "އެއީ ހިނިތުންވުމާއި، ހެޔޮފޯރުވުމާއި، މީސްތަކުންނަށް އުނދަގޫނުކުރުމެވެ."[2] މި ފަދަ ކަންކަމުން އަހަރެމެންނަށް އެނގެނީ އިސްލާމްދީނަކީ ލޯތްބާއި، ހަމްދަރުދީއާއި، އޯގާވެރިކަމާއި، އަޅައިލުމާއި، ހެޔޮފޯރުވުމުގެ ދީންކަމެވެ. މުޖުތަމަޢުގެ ހުރިހައި އަފުރާދުންގެ މެދުގައި ހެޔޮ ގޮތުގައި ގުޅުންތައް ބިނާކޮށް، ދެމެހެއްޓުމުގެ މައްޗަށް ބާރުއަޅާ ދީންކަމެވެ. އެހެންކަމުން، އިސްލާމްދީނާ މެދު، މި ދީނުގެ ޢަދުއްވުން ކުރަހައިފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ޙަޤީޤަތާ ޚިލާފަށް ކުރަހައިފައިވާ މަންޒަރެކެވެ. ޙަޤީޤަތުގައި އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ދީނެވެ. އަދި އެއީ ފަރުދުންނާއި މުޖުތަމަޢުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާ ދީނެވެ.
މުސްލިމް އަޚުންނޭވެ! މުއުމިނުންގެ މެދުގައި އޮންނަ މި ގުޅުމަށް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ ބާރުއަޅުއްވައިފައިވަނީ އެއީ މުސްލިމު ޖަމާޢަތަށް ބާރާއި ވަރުގަދަކަން ލިއްބައިދޭ ކަމަކަށް ވާތީއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَثَلُ الْـمُؤْمِنِيْنَ فِيْ تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى.)[3] މާނައީ: "އެކަކު އަނެކަކަށް ލޯބިވުމާއި، އޯގާތެރިވުމާއި، ރަޙުމްކުރުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އޭގެ ގުނަވަނަކަށް އުނދަގުލެއް ތުރާލެއް ކުރިމަތިވެއްޖެ ނަމަ، ހަށިގަނޑުގެ އެހެން ގުނަވަންތައް ހުންއައުމުންނާއި ނިދިނަގައިލުމުން، އެ ގުނަވަނަކަށް އިޖާބަދީ ބައިވެރިއެވެ." އީމާންކަމުގެ އަހުލުވެރީންނަކީ، ދޯހަޅިކަމެއް ނެތް ބަދަހި ޢިމާރާތެއް ފަދަ ބަޔެކެވެ. އޭގެ އެއް ބައި އަނެއް ބަޔަށް ގަދަކަން ދެއެވެ. އެ ކަން ބަޔާންކުރައްވައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْـمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا، وَشَبَّكَ بَيْنَ أَصَابِعِهِ)[4] މާނައީ: "އެއް މުއުމިނަކު އަނެއް މުއުމިނަކާ ދެމެދުވާ ގުޅުމުގެ މިސާލަކީ ބިނާއެއްގެ މިސާލެވެ. އެ ބިނާގެ އެއް ގައުގަނޑު އަނެއް ގައުގަނޑަށް ގަދަކަން ދެއެވެ." އަދި މިހެން ޙަދީޘްކުރެއްވުމަށް ފަހު އެ ގަދަކަމުގެ މިސާލު ދައްކަވައިދެއްވުމުގެ ގޮތުން އެކަލޭގެފާނު އެއް އަތްޕުޅުގެ އިނގިލިފުޅުތައް އަނެއް އަތްޕުޅުގެ އިނގިލިފުޅުތަކުގެ ތެރެއަށް މައްސަވައިލެއްވިއެވެ.
މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ ފޮނުއްވުނީ މި ރަޙުމަތާއި އޯގާތެރިކަން ފެތުރުއްވުމަށެވެ. އެކަލޭގެފާނަކީ މަތިވެރި އަޚުލާޤާއި ތަނަވަސް ހިތްޕުޅެއްގެ ވެރި ބޭކަލެކެވެ. މައްކާގެ މުޝްރިކުން އެކަލޭގެފާނު އަވަހާރަކޮށްލުމަށް މަސައްކަތްކުރަމުން ދިޔަ އިރު، އެކަލޭގެފާނު އެމީހުންނާ މެދު އޯގާތެރިވެވަޑައިގަތެވެ. އެކަލޭގެފާނު މައްކާއިން ނެރެލައި އަނިޔާދިން މީހުންނާ މެދު ޢަމަލުކުރެއްވީ ނުހަނު އޯގާތެރިކަމާއި ރަޙުމާއި ކުލުނާ އެކުގައެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކޮންމެ ކަމަކުން ވެސް ފެނިފައިވަނީ ރަޙުމަތާއި އޯގާވެރިކަމެވެ. އެކަލޭގެފާނު ކުޑަކުދީންނަށް ލޯބިދެއްވައި، މުސްކުޅީންނަށް އިޙުތިރާމުކުރައްވައި، ބަލިމީހުންނަށް ޒިޔާރަތްކުރައްވައި، އަޅުންނަށް ހެޔޮކޮށް ހިއްތެވިއެވެ.
މުސްލިމް އަޚުންނޭވެ! އިސްލާމްދީނަކީ ހިތްތިރިކަމާއި މަޑުމައިތިރިކަމަށް ގޮވައިލާ ދީނެވެ. އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް އިސްލާމްދީން ބާރުއަޅައެވެ. މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބެއެވެ. ތިޔަބައިމީހުން އެކުވެރިވެ، އެކަލާނގެ ދީނުގައި ވަރުގަދައަށް ހިފަހައްޓާށެވެ! ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވާށެވެ!