އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ޞަދަޤާތްކުރަން ޢަމަލުކުރަން އޮތްގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ޞަދަޤާތްކުރަން ޢަމަލުކުރަން އޮތްގޮތް-

ޙަދީޘްފުޅުގައި އޮތީ ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމަށެވެ. ހަމައެއާއިއެކު ޞަދަޤާތްކުރުމަކީ އެމީހަކަށް ނިޢުމަތްތައް އިތުރުކުރައްވަވާ ކަމެކެވެ. އިމެއް ނެތިއެވެ.

ތިމާ ހޭދަކުރަންޖެހޭ މީހުންނަށް އެހީތެރިވުމާއި ވީހާގިނަ ބައަކަށް އެހީތެރިވުމަށް ގިނަ ބައަކު މަސައްކަތްކުރެއެވެ. އެއީ ވަރަށް ފައިދާހުރި ކަމެކެވެ. ޢަދަދު ނުކުރެވޭނެ ވަރަށް ޘަވާބު ދެއްވަވާ ކަމެކެވެ. ވީމާ އެންމެ ގިނަ ޘަވާބު ދެއްވަވާނެ ގޮތަށް އެކަން ކުރަން މަސައްކަތްކުރަންވާނެއެވެ.

ތިމާ ހޭދަކުރަން ޖެހޭ މީހުންނަށް ހޭދަކުރުމުގައިވެސް ވިސްނަން ޖެހޭނެ ކަންކަން އެބަހުއްޓެވެ. އެގޮތުން ފުރަތަމަ ކަމަކަށް ތިމާ މިހޭދަކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކަމަށް ނިޔަތް ގަންނަން ޖެހޭނެއެވެ. އެއިގެ ބަދަލުގައި އެއްވެސް ކަމަކަށް އެމީހެއްގެ ކިބައިން އެދިގެންނުވާނެއެވެ. ހަމައެއާއިއެކު އެއްވެސް މީހަކު އެހީއެއް ވެއްޖެ ނަމަ ފުރަތަމަ ﷲ ތަޢާލާއަށް ޝުކުރުއަދާކުރާށެވެ! އެއަށްފަހު އެހީތެރިވި މީހާއަށްޓަކައި ހެޔޮ ދުޢާ ކުރާށެވެ.

ކިތަންމެ ގާތް މީހަކު އެހީއެއް ވީ ނަމަވެސް އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އެހީ ވީ އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް ދަރިއަކު ނަމަވެސް މަންމަ ނަމަވެސް ބައްޕަ ނަމަވެސް އަދި ކޮންމެ މީހަކު ނަމަވެސް އެމީހަކަށްޓަކައި ހެޔޮ ދުޢާކުރަންވާނެއެވެ. އަދި ކުރިން ބުނި ފަދައިން އަނބިދަރިންނަށާއި މައިންބަފައިންނަށް އެހީއެއްވީ ނަމަވެސް އެކަން ކުރަން ޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބަށް އެދެމުންނެވެ. ކުރާ ހޭދައިގައި ބަރަކާތް ލައްވަވާނީ އެއިރުންނެވެ.

ކުރާ ޞަދަޤާތް ޞަދަޤާތަކަށް ވާނީ އެއިގެ ބަދަލުގައި އެއްވެސް ކަމެއް އެމީހާގެ (ޞަދަޤާތް ލިބުނު މީހާގެ) ކިބައިން ލިބުމުގެ އެއްވެސް އުންމީދެއް ނެތް ނަމައެވެ. އެހެނީ ޞަދަޤާތް ވާން ޖެހޭނީ ﷲ ތަޢާލާގެ މަގުގައި ކުރެވޭ ކަމަކަށެވެ. ﷲ ތަޢާލާގެ މަގުގައި ދެވޭ އެއްޗަކަށެވެ. ﷲ ތަޢާލާގެ މަގުގައި ކުރެވޭ ހޭދައަކަށެވެ.

ދުނިޔޭގެ ބޮޑެތި ފައިސާވެރިން އެމީހުންގެ ފައިސާއިން ވަރަށް ބޮޑެތި ހޭދަތައް ދަނީ ކުރަމުންނެވެ. އިންސާނިއްޔަތަށްވެސް ގެންދަނީ ޚިދުމަތް ކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް ހޭދައަކީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ހޭދައަކަށް ވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ހޭދަކުރުމުންނެވެ. އެކަން ކުރަނީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ކަމަށް ނިޔަތް ގަނެގެން ހޭދަކުރުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން