ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް-

ބައެއް މީހުން އަޅުކަންކުރާއިރު ބަލަނީ އެހެން މީހުން ކުރާ ކަންކަމަށެވެ. ގިނަ ބައަކު ކުރާތީ ކުރަން ޝައުޤްވެރިވެވެނީއެވެ. މިއީ ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. އެހެނީ ﷲ ތަޢާލާ ފަރުޟު ކުރައްވަވާފައިވާ ހުރިހާ އަޅުކަން ރަސޫލް ﷺ ކުރެއްވެވިއެވެ. އިތުރަށް ކުރަންވީ އަޅުކަންވަނީ ބަޔާންކުރައްވަވައި ދެއްވަވައިފައެވެ. ވީމާ ސުންނަތުން ސާބިތުނުވާ އެއްވެސް ކަމަކީ އަޅުކަމަކަށް ނުވާނެއެވެ. ވާނީ ބިދުޢައަކަށެވެ. މިހެން މިބުނީ ކުރިން މިބުނިފަދައިން ﷲ ތަޢާލާ ފަރުޟް ކުރެއްވެވި ހުރިހާ ކަމެއްވެސް ސުންނަތުންވެސް ޘާބިތުވާތީއެވެ.

ބައެއް މީހުން ފަރުޟު ކަންކަމަށްވުރެ ގިނަ މީހުން ކުރާ ކަންކަން ކުރަން ސަމާލުކަން ދެއެވެ. އެކަން އެހެން އެވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއީ މީސްތަކުން އެކަންކަން ކުރަން ޝައިޠޯނާ ހިތްވަރުދޭތީއެވެ. ޝައުޤުވެރިކުރުވާތީއެވެ.

މިސާލަކަށް ޙަލާލުގޮތުގައި ޖިންސީ ބޭނުންތައް ފުއްދާ މީހުންނަށްވުރެ ޙަރާމް ގޮތުގައި ފުއްދާ މީހުން ގިނަވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެއް ސަބަބެކެވެ. ޝައިޠޯނާ ހިތްވަރުދޭތީއެވެ. ޝައުޤުވެރިކުރުވާތީއެވެ. ބުނާނެއެވެ! "ނިކަން ބަލއިބަލާށެވެ! ތިބާގެ ރައްޓެހިންގެ ތެރެއިންވެސް މިވެނި އެވެނި ބައަކު އެއުޅޭ ގޮތް ފެނޭ ނޫންހެއްޔެވެ؟ އެމީހުން ތިބޭ އުފާވެރިކަންވެސް ފެނޭ ނޫންހެއްޔެވެ؟ ކަލޭ އުފާވެރިކަން ބޭނުން ނުވަނީހެއްޔެވެ؟

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ރަސޫލް ﷺ ގެ ޝަފާޢަތް އަހަރެމެންނަށް ލިބުންވަނީ ސުންނަތަށް ޢަމަލުކުރިވަރަކުންނެވެ. އަޅުކަން އަމިއްލައަށް އުފައްދައިގެން ކުރުމުން ލިބޭނީ ގެއްލުމާއި ހަލާކެވެ.

އަހަރެމެންނަށް ސުވަރުގެ ލިބުންވަނީ ރަސޫލް ﷺ ގެ ޝަފާޢަތް ލިބިގެންނެވެ. އަލްކައުޘަރު ކޯރުން ފެން ލިބޭނީ ސުންނަތަށް ޢަމަލުކޮށްގެންނެވެ. މިއުންމަތުގެ ބައަކަށް ފެން ލިބުމަށް މަލާއިކަތުން ހުރަސް އަޅުއްވަވާނެތެވެ. އެއީ ސުންނަތަށް ޢަމަލުނުކުރީތީއެވެ. އަމިއްލައަށް އުފައްދައިގެން އަޅުކަންކުރީތީއެވެ. އަމިއްލައަށް އުފައްދާ ގޮތްތަކަށް އުޅުނީތީއެވެ.

ވީމާ ސުވަރުގެ ލިބުމަށް އެދޭމީހާ މިކަންކަމަށް ވިސްނާށެވެ! ނޫންނަމަ ވެއްޓޭނީ އަނދަވަޅަކަށެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން