ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ސަރުކާރުން ތަޢާރަފުކުރި "ޖެނަރޭޝަނަލް ބޭން" އާ ގުޅިގެން، ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ޚާއްސަ ޓެލެތޯންއެއް މިއަދު ފަށައިފިއެވެ. މި ޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހަންދެނެވެ. މި ބޭންގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުން މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެއެވެ.
މިއަދު ހަވީރު 3:45 ގައި ފެށި މި ޓެލެތޯންގެ މައިގަނޑު މަޤްޞަދަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމެވެ. މި ޓެލެތޯން މިރޭވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ 12 ޖަހާއިރު ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ޓެލެތޯންގެ ތެރެއިން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި، ދުންފަތުގެ އިސްތިއުމާލާ ގުޅޭގޮތުން ސިއްޙީ އަދި ދީނީ ގޮތުން މުހިންމު މަޢުލޫމާތުތައް ގެނެސްދެއެވެ. މީގެ އިތުރުން، ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢޫރުތައް ވެސް މި ޚާއްސަ ބައިގައި ހިމެނެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލު ޤާނޫނަކަށްވުމުން، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް ޤާނޫނާ ޚިލާފު ކަމެއްކަން މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ދުންފަތް މަނާކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން ބާއްވާ 24 ގަޑިއިރުގެ ދުވުމާ ގުޅޭ މަޢުލޫމާތުތައް ވެސް މި ޓެލެތޯންގެ ތެރެއިން ގެނެސްދެއެވެ. އެކުވެނި ޓްރެކްގައި މި ދުވުން ފެށީ މިއަދު ހަވީރު 4:00 ޖެހިއިރުއެވެ.