މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ޔަންމާ ގުޅިގެން، ރާއްޖޭގެ މަސްވެރިކަމަށް ޚާއްސަކުރެވިގެން އުފައްދާފައިވާ ޔަންމާ ރެފްރިޖެރޭޓެޑް ސީވޯޓަރ (އާރްއެސްޑަބްލިޔު) ނިޒާމު ރަސްމީކޮށް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު މިއަދު ގދ. މަޑަވެލީގައި ބާއްވައިފިއެވެ. މި ނިޒާމަކީ ދިވެހި މަސްދޯނިފަހަރުގެ ބޭނުންތަކަށް ފުރަތަމަ ފަހަރަށް ޚާއްސަކޮށް ތައާރަފުކުރެވުނު ނިޒާމެވެ.
މި ނިޒާމު ރަސްމީކޮށް ދިވެހި މަސްދޯންޏެއްގައި ހަރުކޮށް، ކޮމިޝަންކުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރ،ު އޮނަރަބަލް އަޙްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ، ޖެކްސަން ޓާން އާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީގެ އިތުރުން މަޑަވެލީ ކައުންސިލް ރައީސްއާއި މެންބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ނިޒާމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ. ލޮނުފެން ފިނިކޮށްދިނުމަށް މި އުފެއްދުމުގައި ބޭނުންކުރާ ސީ.އޯ.ޓޫ ރެފްރިޖަރަންޓަކީ ތިމާވެއްޓާ ރައްޓެހި ކެމިކަލެކެވެ. މިރޭގެ ރަސްމިއްޔާތުގައި، އާރްއެސްޑަބްލިޔު ނިޒާމު އެންމެ ފުރަތަމަ ހަރުކުރި މަސްވެރި އުޅަނދު 'ކަމަނަ އޮޑި'ގެ ވެރިފަރާތް އަލްފާޟިލް ޞޯދިޤް ހަސަނަށް ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ.
މި އާރްއެސްޑަބްލިޔު ނިޒާމު އުޅަނދުތަކުގައި ހަރުކުރުމުން މަސްވެރީންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން އައިސް ނުލިބުމުގެ ދަތިކަން ނައްތާލެވޭނެއެވެ. އަދި އުޅަނދު ހިންގަން ކުރާ ޚަރަދު ކުޑަކުރެވޭނެއިރު، އިސްރާފު މަދުވެގެންދާނެއެވެ. މަސް ފިނިކޮށްދީ މަހުގެ ތާޒާކަން ހިފަހައްޓައިދޭ މި ނިޒާމުގެ ސަބަބުން މަހަށް ހަމަ އަގު ލިބި މަސްވެރިންގެ އާމްދަނީވެސް އިތުރުވާނެއެވެ. މީގެ އިތުރުން، އާރްއެސްޑަބްލިޔުގައި އެކުލެވޭ ޓެކްނޮލޮޖީއާއި ކޮންޓްރޯލް ޔުނިޓްގެ ޔޫޒާ އިންޓަރފޭސްގެ ސަބަބުން ކަސްޓަމަރުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހަވާނެއެވެ.
އާރްއެސްޑަބްލިޔު ނިޒާމެއް ތަޢާރަފުކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ، މި މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް މި ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާ ދިވެހި ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވައިފައެވެ. މީގެ އިތުރުން، މިދިޔަ އަހަރު ސަރުކާރުން ވަނީ މި ނިޒާމު ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފައިނޭންސިން ސްކީމެއް އިފްތިތާޙުކޮށްދެއްވައިފައެވެ. އެ ސްކީމްގެ ދަށުން އާރްއެސްޑަބްލިޔު ޔުނިޓް، ޖެނެރޭޓަރު އަދި ސޯލާރ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެސް.ޑީ.އެފް.ސީ. މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވައިދެއްވާފައެވެ.