ﷲ އެންމެ މަތިވެރިކުރެއްވެވި މަލާއިކަތާ ހުރިހާ އިންސާނުންގެ ތެރެއިން ﷲ އެންމެ މާތްކުރައްވަވައި އަދި އެންމެ މަތިވެރިކުރެއްވެވި އިންސާނާއަށް ކުރެއްވެވި 5 ވަޞިއްޔަތްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ﷲ އެންމެ މަތިވެރިކުރެއްވެވި މަލާއިކަތާ ހުރިހާ އިންސާނުންގެ ތެރެއިން ﷲ އެންމެ މާތްކުރައްވަވައި އަދި އެންމެ މަތިވެރިކުރެއްވެވި އިންސާނާއަށް ކުރެއްވެވި 5 ވަޞިއްޔަތްފުޅު-

އެކުވެރިއަކަށް ދޭނެ ހެޔޮ ނަޞީޙަތް ނުވިސްނެނީ ޤުރްއާނާއި ސުންނަތުން ޘާބިތުވާންހުރި މިފަދަ ކަންކަން ކިޔައި، އޮޅުންނުފިލުވާތީއެވެ. މިގެނެސްދެނީ ﷲ ތަޢާލާ އެންމެ މަތިވެރިކުރެއްވެވި މަލާއިކަތާ، ޖިބްރީލްގެފާނު ހުރިހާ އިންސާނުންގެ ތެރެއިން ﷲ ތަޢާލާ އެންމެ މާތްކުރައްވަވައި އަދި އެންމެ މަތިވެރިކުރެއްވެވި އިންސާނާ، ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމައަށް ކުރެއްވެވި 5 ވަޞިއްޔަތްފުޅުގެ ވާހަކައެވެ. ނަޞީޙަތުގެ އެންމެ އަގުހުރި ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެކެވެ އިން ޝާ ﷲ  

ޖިބްރީލްގެފާނަކީ ﷲ ތަޢާލާގެ ވަޙީގެ މަލާއިކަތާއެވެ. ވަޙީ ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. އަދި މަލާއިކަތް ބޭކަލުންނަށް މީސްތަކުންގެ ކަންކަން އަންގަވަނީވެސް ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. މިސާލަކަށް މީހަކާއިމެދު ރުހިވޮޑިގެންފިނަމަ އެކަން މަލާއިކަތުންނަށް އަންގަވަނީވެސް ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. ވީމާ ޖިބްރީލްގެފާނަކީ ﷲ ތަޢާލާގެ އެންމެ އަރިސް މަލާއިކަތާކަމަށް ބުނެވެން އެބައޮތެވެ.  

ރަސޫލް () އަކީ ﷲ ތަޢާލާ މީސްތަކުންގެ ތެރެއިން އެންމެ މާތް ކުރެއްވެވި ޞާޙިބާއެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނީ ރަސޫލް () އަށެވެ. ވީމާ ޖިބްރީލްގެފާނާއި ރަސޫލް () ގެ މާތްކަމާއި މަތިވެރިކަން މިވަނީ ވަރަށް ރަނގަޅަށް އެނގިފައެވެ.  

ވީމާ ޖިބްރީލްގެފާނު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްވަވާނެ ނަޞީޙަތްފުޅު ނުވަތަ ކުރައްވަވާނެ ވަޞިއްޔަތްފުޅުގައި ހުންނާނެ ބުރަދަން ނިކަން އިޙްޞާޞްކޮށްލަބަލާށެވެ! މިބަޔާންކުރަނީ އެންމެ މާތް މަލާއިކަތާ ޖިބްރީލްގެފާނު އެންމެ މާތް އިންސާނާ ރަސޫލް () އަށް ކުރެއްވެވި 5 ވަޞިއްޔަތްފުޅެވެ.  

ޖިބްރީލްގެފާނު ރަސޫލް () އަށް 5 ކަމަކަށް ވަސިއްޔަތްޕުޅު ކުރެއްވެވިއެވެ. އަދި މިކަންކަން ބަޔާން ކުރެއްވެވީ "ޔާ މުޙައްމަދު" އެވެ ވިދާޅުވެއެވެ. ވީމާ މިއީ ވަޙީގެ ބޭރުން ޖިބްރީލްގެފާނުގެ އަމިއްލަފުޅު ހައިޞައްޔަތުން ކުރެއްވެވި 5 ވަޞިއްޔަތްފުޅުކަން އެނގިގެން ދެއެވެ. ކީރިތި ޤްރުއާނުގައި އަބަދުވެސް އޮންނާނީ "ޔާ ރަސޫލުﷲ" ނުވަތަ "ޔާ ނަބިއްޔުﷲ" އެވެ. (ﷲ ގެ ރަސޫލާ ނުވަތަ ﷲ ގެ ނަބިއްޔާ) މިފަދައިންނެވެ.  

1 ދުނިޔޭގައި ބޭނުންފުޅު ގޮތަކަށް އުޅުއްވާށެވެ! ނަމަވެސް އެއް ދުވަހު ނުވަތަ ކޮންމެވެސް ދުވަހަކު ސުވަރުގެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ޤަބޫލުފުޅު ކުރައްވަވާށެވެ.  

މިބަސްފުޅުގެ މާނައަކީ ދުނިޔޭގައި އެމީހަކު ބޭނުން ގޮތަކަށް އުޅެވިދާނެ ކަމާއި ނަމަވެސް ކޮންމެވެސް ދުވަހަކުން ނުވަތަ ޢުމުރު ހަމަވުމުން މަރުވާނެކަން ޤަބޫލުކުރަން ޖެހޭނެ ކަމެވެ. ދުނިޔޭގައި އެމީހަކު ބޭނުން ގޮތަކަށް އުޅެމުން ގެންދާއިރު މަރުވާނެ ކަމާއި ﷲ ތަޢާލާގެ ޙަޟްރަތަށް ދާން ޖެހޭނެކަން ޤަބޫލުކުރަން ޖެހޭނެ ކަމެވެ. ދުނިޔޭގައި އުޅެން ޖެހޭނީ މަރަށް ބިރުވެތިވެގެން ކަމެވެ.  

2 އެމީހުންނާއި ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ޤަބޫލުފުޅު ކުރައްވައިގެން މީހުން ދެކެ ލޯބިވެވަޑައިގަންނަވާށެވެ!  

މާނައަކީ އެއްވެސް މީހަކާއި ވަކި ނުވެވޭނެ ވަރަށް ލޯބި ނުވުމެވެ. ދިމާވާ ސަބަބަކުން ވެސް ވަކިވާން ޖެހިދާނެއެވެ. އަދި އެކަކު މަރުވުމުންވެސް ވަކިވާން ޖެހިދާނެއެވެ.  

3 ކޮންމެ ކަމެއް ވެސް ކުރައްވަންވާނީ އެކަމަށް ޙައްޤު ޖަޒާ ޤިޔާމަތް ދުވަހު ލިބިވަޑައިގަންނަވާނެކަން އެނގިވަޑައިގެން، ޤަބޫލުފުޅު ކުރައްވަވައި ހުންނަވައިގެންނެވެ.  

މާނައަކީ ހެޔޮ އަމަލުކުރަންވީ ޤިޔާމަތް ދުވަހު އެކަމަށް ސަވާބު ދެއްވަވާނެ ކަމަށް އުންމީދުކޮށްގެން ހުރެއެވެ. އަދި ނުބައި އަމަލުކުރާއިރު ޤިޔާމަތް ދުވަހު އެކަމަށް ޙައްޤު ޢަޛާބު ދެއްވަވާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. ޢަޛާބު ނުދެއްވަވާނެ ކަމަށް ބަލައި ފާފަ ނުކުރާށެވެ!  

4 މީހާގެ މަތިވެރިކަން ވަނީ ލިބޭ ދުނިޔޭގެ މަތިވެރިކަމަކުން ނޫނެވެ. ލިބޭ ރަސްކަމުގެ ޢިއްޒަތަކުން ވެސް ނޫނެވެ. ރޭގަނޑުގެ ނަމާދުކުރުމުންނެވެ. މާނައަކީ ދަމުނަމާދުކުރުމުންނެވެ.

މިއީ ދަމު ނަމާދުކުރުމުގެ މުހިންމުކަން ބަޔާންކުރައްވަވައި ދަމުދަމާދުކުރުމަށް ކުރައްވަވާފައިވާ ވަޞިއްޔަތްޕުޅެކެވެ.  

5 މީހާގެ ޢިއްޒަތްތެރިކަމަކީ އެހެން މީހުންގެ ކައިރިން ކަންކަމު ނުއެދި ﷲ ތަޢާލާ ދެއްވަވާ ވަރަށް ފުދިގެން އުޅުމެވެ.  

މިބަސްފުޅުން އެނގިގެންދަނީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ މީސްމީހުންގެ ގާތަށް ގޮސް ކަންކަމުގައި އެދުމެއް ނެތްކަމާއި ބޭނުންވާ ކަންކަމަށް ދުޢާކޮށް ދަންނަވަންވީ ﷲ ތަޢާލާއަށް ކަމެވެ.

 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން