ފިރިމީހާއަށް ކުރިން ލިބިފައިވާ ދަރިންނަށް ޚަރަދުކުރާކަން ބަލާ އަނބިންނަށް ރަޙްމަތް އިތުރުކުރައްވަވާނެ! ޚަރަދުކުރަން ދެކޮޅުހަދާނަމަ ލިބޭނެ ހިތްދަތިކަން ވަރަށް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ފިރިމީހާއަށް ކުރިން ލިބިފައިވާ ދަރިންނަށް ޚަރަދުކުރާކަން ބަލާ އަނބިންނަށް ރަޙްމަތް އިތުރުކުރައްވަވާނެ! ޚަރަދުކުރަން ދެކޮޅުހަދާނަމަ ލިބޭނެ ހިތްދަތިކަން ވަރަށް ބޮޑުވާނެ!

ދަރިން ތިބި އަންހެނަކާއި ކައިވެނިކުރަންވާނީ އޭނާގެ ދަރިންނަށް އަޅާލައި ޚަރަދުކުރަންޖެހޭނެކަން އެނގިހުރެއެވެ. ހަމައެގޮތަށް ދަރިން ތިބި ފިރިހެނަކާއި ކައިވެނިކުރަންވާނީ އޭނާއަށް ލިބޭ މިންވަރަކުން ކުރިން ލިބިފައި ތިބި ދަރިންނަށްވެސް ޚަރަދުކުރަންޖެހޭނެކަން ޤަބޫލުކޮށްގެންނެވެ. އެހެނަސް ކައިވެންޏަށްފަހު މިކަންކަން މިގޮތަށް ދެމެހެއްޓެނީ މަދުމީހަކަށެވެ.  

ކުރިން ކައިވެންޏެއްކޮށް ދަރިން ލިބިފައި ތިބޭ ފިރިހެނުންނާއި ކައިވެނިކުރުމަށްފަހު އޭނާއަށް ކުރިން ލިބިފައިވާ ދަރިންގެ ކަންކަން ބެލެހެއްޓުމަށާއި ޚަރަދުކުރުމަށް ބައެއް އަނބިން ހުރަސް އަޅައެވެ. އެދަރިން ދެކެން ނުދާން ދައްކާ ބަހަނާއަކީ ކުރީގެ އަނބިމީހާއާއި ބައްދަލުވާނަމަ އެކަމުގެ އަސަރު ކައިވެންޏަށް ކުރާނެ ކަމެވެ. ކުރީގެ އަނބިމީހާ ފިރިމީހާގެ މައްޗަށް ގަދަވެގެންފާނެ ކަމެވެ.  

މިއީ ވަރަށް ޢާންމު މައްސަލައެކެވެ. އެހެންކަމުން މިކަމުން ދެން ނުކުންނަ ނަތީޖާއަށްވެސް ބަލައިލަން އެބަޖެހެއެވެ.  

ފިރިމީހާއަކީ ފުރަތަމަ އަނބިމީހާ ވަރިކުރިނަމަވެސް ދަރިންގެ ކަންކަން ގާތުން ބަލައި ޚަރަދުކުރަމުން އައި މީހެކެވެ. އެކަމަށް ހުރަސް އަޅައި އެކަން ހުއްޓުވީއެވެ. ފިރިމީހާ އެގޮތަށް ކަންކަންކުރަން ހޭނުނީއެވެ.  

ދުވަސްކޮޅެއް ފަހުން ދެވަނަ އަނބިމީހާވެސް ވަރިކުރީއެވެ. 2 ދަރިންވެސް ލިބުނު ފަހުންނެވެ. ދެން ކަންކަންވާނީ ކިހިނަކުން ހެއްޔެވެ؟ ފަހުން ލިބުނު 2 ދަރިންނާއި އަޅައިލާނެ ހެއްޔެވެ؟ އެދެދަރިންނަށް ޚަރަދުކުރާނެ ހެއްޔެވެ؟ އަނބިމީހާ އޭނާއަށް ދަސްކޮށްދިން ނުބައި އާދަ ބަދަލުކުރާނެހެއްޔެވެ؟ ޖަވާބަކީ ވަރަށް މަދު މީހަކު ނޫނީ ބަދަލެއް ނުކުރާނެއެވެ. ފަހުން ލިބުނު 2 ދަރިންނަކީ އެއްވެސް މައްސަލައެއް ކަމަކަށް އޭނާ ނުދެކޭނެއެވެ.  

މިއީ އަންހެނުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. ދަރިން ތިބި ފިރިހެނަކާއި ކައިވެނިކޮށްފިނަމަ ކުރިން ލިބިފައިވާ ދަރިންނަށް އެހީތެރިވެ، އެކުދިންގެ ކަންކަން ގާތުން ބަލަހައްޓައި އަދި ޚަރަދުކުރަން ހުރަސް ނާޅާށެވެ! އެއިރުން ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އެއިގެ ބަދަލުގައި އެދަރިންނަށް ޚަރަދުކުރަން ހުރަސްއަޅާނަމަ އެކަމުގެ ހިތިކަން ތިމާއަށްވެސް ތަޖުރިބާކުރަން ޖެހުން އޮންނާނީ ދާދިގާތުގައިކަން ދަންނާށެވެ!  

އެއިގެ ބަދަލުގައި ކުރިން ލިބިފައިވާ ދަރިން ބަލަނީ އެދަރިންގެ މަންމަ ނަމަވެސް ތިމާއަކީވެސް އެދަރިންގެ މަންމައެއްގެ ގޮތުގައި ވިސްނާށެވެ! އެދަރިންނަށް އަޅާލައި ޚަރަދުކުރަން ފިރިމީހާއަށް ހިތްވަރުދޭށެވެ! ނަތީޖާ ފޮނިވާނެއެވެ! އިން ޝާ ﷲ. އަދި ކީއްހެއްޔެވެ؟ އެގޮތަށް ކަންކަން ކުރާނަމަ ފިރިމީހާގެ ހިތުގައި ތިބާއަށް ލޯބިވެސް އިތުރުވާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން