ކިތަންމެ ކުޑަކަމެއް އަދި ބޮޑުކަމެއް ނަމަވެސް އެކަމުގަ ބަރަކާތް ލެއްވެވުމުގެ އިތުރުން ޘަވާބުވެސް ދެއްވަވާނެ މަގުން ކުރަން ފަށަން ކުރަން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކިތަންމެ ކުޑަކަމެއް އަދި ބޮޑުކަމެއް ނަމަވެސް އެކަމުގަ ބަރަކާތް ލެއްވެވުމުގެ އިތުރުން ޘަވާބުވެސް ދެއްވަވާނެ މަގުން ކުރަން ފަށަން ކުރަން އޮތް ޢަމަލު-

ކޮންމެ މީހަކުވެސް އެދޭނީ އެމީހަކުކުރާ ކަންކަމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމަށެވެ. އަދި ވީހާގިނަ ޘަވާބުވެސް ލިބުމަށެވެ. ނަމަވެސް ބަރަކާތާއި ޘަވާބަށް އެދިގެން ކުރަން އޮތް ކުޑަކުޑަކުޑަ ޢަމަލުކޮށްލަންވެސް ހަނދާނެއް ނުހުރެއެވެ. 

ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ކުރާ ކަންކަމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނީ ﷲ ތަޢާލާގެ ނަންފުޅުން އެކަމެއް ކުރަން ފެށުމުންނެވެ. އެކަމަށްޓަކައި ކުރަން އޮތް ކަމަކީ ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔުމެވެ. 

އެހެނަސް ގިނަ ބައަކަށް ޤަބޫލުކުރާ ގޮތުގައި އެއީ ހަމައެކަނި ކާންފެށުމުގެ ކުރިން ކުރަން އޮތް ކަމެކެވެ. ކާން ނުވަތަ ފެންބޯން ފެށުމުގެ ކުރިން ކޮންމެހެންވެސް ބިސްމިﷲ ކިޔަންވާނެއެވެ. އެހެންކަމާއިއެކުގައިވެސް ބިސްމިﷲ ކިޔުމަކީ ތިމާ ކުރާ ކޮންމެ ކަމެއް ކުރަންފެށުމުގެ ކުރިން ކުރަން އޮތް ކަމެކެވެ. 

މިޘާލަކަށް އޮފީހުގައި މަސައްކަތްކުރާ މީހަކު ކޮމްޕިޔުޓަރު ބޭނުންކުރުން އިރުކޮޅަކަށް މެދުކަނޑާލުމަށްފަހު އަލުން ފަށާނަމަވެސް ބިސްމިﷲ ކިޔައިގެން ފަށާށެވެ. ބުނަން ބޭނުންވަނީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ ރަޙްމަތާއި ބަރަކާތަށް އެދޭށެވެ. 

ހެދުންލަމުން، ހެދުން ބާލަމުން ކިޔާ ޛިކުރު ފަދަ ޢާންމު ޛިކުރުތައް ކިޔުމުގެ ކުރިންވެސް ފުރަތަމަ ކަމަކަށް ބިސްމިﷲ ކިޔާށެވެ. އެއިގެ ފަހުން ޛިކުރު ކިޔާށެވެ. 

ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔުމަކީ ކުރެވޭ މަތިވެރި ޛިކުރެއްވެސް މެއެވެ. އެކަމުން އެނގިގެންދަނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ދެވިފައިވާ މަތިވެރި ޤަދަރެވެ. އެމީހަކީ އަބަދުވެސް ﷲ ތަޢާލާ ހަނދުމަކުރާ މީހެއް ކަމެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހަކު ވެގެންދާނީ ކާމިޔުބު ލިބިގެންވާ މީހަކު ކަމުގައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން