ލޯބިވުމަކީ ކޮބައިކަން ބުނެދޭން ގިނަ ބައަކު ވަރަށް ގިނަ މަސައްކަތްކުރެއެވެ. ޚާއްޞަކޮށް ދީނީ ޢިލްމްވެރިންނާއި ނަފްސާނީ ޢިލްމްވެރިންގެ ތެރެއިން ތަޤްވާވެރި ޢިލްމްވެރިން އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ. ނަމަވެސް އެކަށީގެންވާ ވަރުގެ ކާމިޔާބީއެއް ލިބޭކަމަށް ބުނެވޭކަށް ނެތެވެ. އެހެންކަމުން މިގެނެސްދެނީވެސް ވަރަށް އަގުހުރި ފިލާވަޅެކެވެ. އިން ޝަ ﷲ
އަންހެންކުއްޖާއަކީ ކެންސަރާއި ހަނގުރާމަކުރަމުން ދިއަ ކުއްޖެކެވެ. ނަމަވެސް އޭނާގެ ލޯބިވެރިޔާ އޭނާ ދޫކޮށެއް ނުލިއެވެ. އުންމީދުކުރަމުން އައީ ގަދަވާނެ ދުވަހަކަށެވެ. ކައިވެނިކޮށް ދެމީހުން އެކުގައި އުފަލުގައި އުޅެވޭނެ ދުވަހަކަށެވެ.
އެއް ދުވަހަކު އަންހެންކުއްޖާ ބުނީ އޭނާ ދެކެ ލޯބިވާނަމަ އޭނާއަށް ނުގުޅައި ބައްދަލުނުކޮށް އެއްދުވަސް ހޭދަކުރުމަށެވެ. ފިރިހެން ކުއްޖާ އެކަމަށް އެއްބަސްވެ އެކަން ކުރިއެވެ. ޖެހިގެން އައިދުވަހު އެތައް ފަހަރަކު ފޯނުކުރުމުންވެސް ފޯނުނުނެގުމުން ކަންބޮޑުވެ ހުރެގެން ބައްދަލުކުރަން ދިއައިރު ލޯބިވެރިޔާ އޮތީ މަރުވެފައެވެ. ސަންދޯކަށްވެސް ލައިފައެވެ. ވަޅުނުލައި ބާއްވާފައި އޮތީ އޭނާގެ އެދުމަށެވެ. ލޯބިވެރިޔާ އަންނަންދެންނެވެ.
މަންޒަރުފެނުމުން "ގަނޑުވެފައި" ހުއްޓައި މަންމަ ދިއްކޮށްލީ ނޯޓެކެވެ. "ކަލާ އަހުރެންދެކެ ލޯބިވާކަން ޘާބިތުކޮށްދީފީމުއެވެ. އަހުރެންވެސް ދުނިޔެ ދޫކޮށް މިދަނީ ކަލާގެ ލޯބީގެ ހަނދާންތަކާއިއެކުގައެވެ. ދެންވެސް އަހުރެން ދެކެ ލޯބިވުންމަތީގައި ދެމިހުންނާށެވެ! އެކުގައި ސުވަރުގޭގައިވުމަށް އެދިގެން މަސައްކަތްކުރާށެވެ! އެއިރުން ދުވަހަކުވެސް ވަކިވާކަށް ނުޖެހޭނެއެވެ. ދާއިމަށް އެކުގައި ތިބެވޭނެއެވެ."
މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯ ކްލިޕެއްގައިވާ ވާހަކަކޮޅެކެވެ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ ކޮންމެ ދެލޯބިވެރިއަކުވެސް އަދި ދެމަފިރިއަކުވެސް އެކުގައި ސުވަރުގޭގައި ވުމަށް އެދޭނެ ނަމަ ކޮންފަދަހެއްޔެވެ؟
އެއިރުން ދުނިޔޭގެ ހުރިހާ މައްސަލަތަކެއް ޙައްލުކުރެވުނީއެވެ. މުޅި ދުނިޔެއަށް ހަމަޖެހުން ލިބުނީއެވެ. ބިކަވެގެން މަގުމަތީގައި އުޅެންޖެހޭ ދަރިންނެއް ނުތިބޭނެއެވެ. އެކަނިވެރިވުމުން ދަރިން ނުބެލި، ދަރިން ބަނޑަށް ޖެހޭތީ ކަންބޮޑުވާންޖެހޭ މައިންނެއްވެސް ނުތިބޭނެއެވެ. ހުރިހާ ދަރިން ބޮޑެތިވާނީ މަންމައާއި ބައްޕަގެ ލޯބިލިބިގެންނެވެ.
އަދި ކީއްހެއްޔެވެ؟ ބައިވެރިޔާ ގެއްލިދާނެތީ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ބައިވެރިޔާގެ ލޯބި ނުލިބިގެން، ބޭވަފާތެރިވާތީ، އަޅައިނުލާތީ ހަމައެކަކަށްވެސް ކަރުނައަޅާކަށް ނުޖެހޭނެއެވެ.
އަދިވެސް ކީއްހެއްޔެވެ؟ ކުށްކޮށްގެން ޖަލަށްލާންޖެހޭނެ ބައަކުވެސް ނުތިބޭނެއެވެ. އަދަބުދޭންޖެހޭނެ ބައަކުވެސް ނުތިބޭނެއެވެ. ލޯބިވެގެން ތިބެ ފާފަކުރާނެ ބައަކުވެސް ނުތިބޭނެއެވެ. ހުރިހާ ލޯބިވެރިންނާ ހުރިހާ ދެމަފިރިންވެސް ސުވަރުގޭގައި އެކުގައިވުމަށް އެދޭނަމަ ދުނިޔޭގެ ހުރިހާ މައްސަލަތަކެއް ޙައްލުވެގެންދާނެ ކަމަށް މިބުނަނީ އެހެންވެގެންނެވެ.
- އަލަފް / މިއަދުނޫސް