އަޅުގަނޑުގެ އަނބިމީހާއަކީ އަބަދުހެން ފެންވަރައި ނަލަހެދިގެން ހުންނަ އަންހެނެކެވެ. ނަމަވެސް މިހާރު އެކަންކަމާއި ވަރަށް ދުރެވެ. އެކަމުގެ ވާހަކަދެއްކިޔަސް ސަމާލުކަމެއްވެސް ނުދެއެވެ. އެކުވެރިއަކު ބުނީ ސިޙުރު ނުވަތަ އެސްފީނާއިންވެސް އެފަދަ ގޮތެއް މެދުވެރިވެދާނެ ކަމަށެވެ. އެހެންވެ ލަފައަކަށް އަހައިލީއެވެ.
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ އެކުވެރިޔާ އެބުނީ ހަމަ ރަނގަޅަށެވެ. ރުޤްޔާކުރާ ރަނގަޅު މީހެއްގެ ލަފާ ހޯއްދެވުން އަވަސްކުރެއްވުން ބުއްދިވެރިއެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ރުޤްޔާ ކުރައްވާ ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ސިޙުރަށްވުރެ ދެނެގަންނަން އުނދަގޫވަނީ އަދި ފަރުވާކުރަން އުނދަގޫވަނީވެސް އެސްފީނާއަށެވެ. ސަބަބަކީ ފެނިދާނެ ބައެއް ޢަލާމަތްތަކަކީ ޢާންމު ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިފައި ހުންނަ ކަންކަން ކަމަށްވުމެވެ.
މިޘާލަކަށް ބުނާނަމަ ކުއްލިއަކަށް މީހާ ކަންނެތްވެ ކަންކަން ކުރާ ހިތްނުވުން، ފެންވަރައި ތާހިރުވެ ޒީނަތްތެރިވާހިތް ނުވުން، ހުވަނދުލާ މީހަކު ހުވަނދުލާހިތްނުވުން، ތިމާއަށް ކުށްތަކެއް ކުރެވޭހެން ހީވުން، އަދި މިފަދަ ކަންކަމުން އަރައިނުގަނެވޭނެ ކަމަށް ޤަބޫލުކުރެވުން ފަދަ ޙާލަތު ކުރިމަތިވާނަމަ ފަރުވާކުޑަނުކުރާށެވެ. އެއީ މިޒާޖަށް ނުވަތަ ޠަބީޢަތަށް އައި ބަދަލެއް ކަމަށް ހީކޮށް އަޅާނުލައި ނުހުންނާށެވެ.
ދިރިއުޅުމުގައި ކުރިމަތިވާ މާޔޫސްކަމަކާއި ގުޅިގެންވެސް މިފަދަ ކަންކަން ކުރިމަތިނުވާނެ ކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް ގިނަ ފަހަރު މިކަންކަން ކުރިމަތިވަނީ އެސްފީނާގެ ސަބަބުންނެވެ. ވީމާ އެއީ އަޅައިނުލައި ދޫކޮށްލައިގެންވާންއޮތް ކަމެއް ނޫނެވެ.
ބައެއް މީހުންގެ ކިބައިން އެސްފީނާގެ އަސަރު ވަރަށް ފަސޭހައިންވެސް ކުރެއެވެ. ތިބާއަށް ނިޢުމަތެއް ލިބުނުކަމުގެ ވާހަކަ ދެކެވުމުން އަޑުއަހަންތިބޭ ގާތް މީހުން މާޝާﷲ ނުބުނުމަކީވެސް އެސްފީނާގެ އަސަރުކުރާ ކަމެކެވެ. ޢާންމުގޮތެއްގައި އެސްފީނާ ޖެހެނީ އަނެކާއަށް ލިބޭ ނިޢުމަތަކަށް ޙަސަދަވެރިވުމުންނެވެ. އެއީ ބުނަން އެނގޭ ަކމެއް ނޫނެވެ. މީހެއްގެ ރީތިކަން ފެނުމުން އޭނާއަށްޓަކައި ހެޔޮ ދުޢާނުކޮށް ބެލުމަކީވެސް އެސްފީނާ ޖެހިދާނެ ކަމެކެވެ.
ވީމާ އަހުރެން ކުރިން މިބުނި ޒާތުގެ އެއްވެސް އުނދަގުލެއް ނުވަތަ ބަދަލެއް އިޙްޞާޞްކުރެވޭނަމަ އަވަހަށް ރުޤްޔާކުރަން ފަށާށެވެ. އެންމެ ރަނގަޅީ އަމިއްލައަށް ރުޤްޔާކުރުމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއިއެކު އެކަމަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން