ބައިވެރިޔާއާއެކުގަ ސުވަރުގޭގަވުމަށް މަސައްކަތްފަށަންވީ ބައިވެރިޔާ މަރުވުމަކުން ނޫން! އެއީ ދެމީހުން ދުނިޔޭގަ އެކުގަ އުޅެމުން ކުރަންޖެހޭ މަސައްކަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބައިވެރިޔާއާއެކުގަ ސުވަރުގޭގަވުމަށް މަސައްކަތްފަށަންވީ ބައިވެރިޔާ މަރުވުމަކުން ނޫން! އެއީ ދެމީހުން ދުނިޔޭގަ އެކުގަ އުޅެމުން ކުރަންޖެހޭ މަސައްކަތެއް!

ގިނަ ބައަކަށް ބައިވެރިޔާ ތިމާދެކެ ވީލޯބީގެ އަގު ވަޒަންކުރެވެނީ ބައިވެރިޔާ ދުނިޔެއާއި ވަކިވުމުންނެވެ، އެޙާލަތުގައި ބުނެވެއެވެ. "ބައިވެރިޔާއަށްޓަކައި ވަރަށް ގިނަ ހެޔޮކަންކަން ކުރާނަމެވެ. ސުަވރުގެއިން ބައްދަލުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ކުރާނަމެވެ."  

އެވާހަކައަށް ދެކޮޅުހަދާކަށް ނެތީމެވެ. ފާޑުކިޔާކަށްވެސް ނެތީމެވެ. ނަމަވެސް ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. އެއީ ދެމަފިރިން ސުވަރުގެއިން ބައްދަލުވެ އެކުގައިވުމަށް، ދާއިމަށް ސުވަރުގޭގައި އެކުގައި ތިބުމަށް މަސައްކަތްކުރަން ފަށަންވީ ބައިވެރިޔާ މަރުވުމަކުން ނޫނެވެ. އެއީ ދެމަފިރިން އެކުގައި ދިރިއުޅެމުން ކުރަންޖެހޭ ކަމެކެވެ.  

ފުރަތަމަ ކަމަށްވެސް ދެމީހުން އެކަކު އަނެކަކު ދެކެ ޙަޤީޤީ ލޯބިވާށެވެ! ބޭވަފާތެރިވުމާއި މަކަރުހެދުމުގެ އެއްވެސް ޢަމަލެއް ނުހިންގާށެވެ! އަޅުކަންކުރުމުގައި އެކަކު އަނެކަކަށް އެހީތެރވާށެވެ! ދެމީހުން އެކުގައި ރޭއަޅުކަންކުރާށެވެ! ތިމާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ އަނެކާ އުފަލުގައި ހުންނަތަން ފެނުމުން ކަމަށް ޤަބޫލުކޮށް ޢަމަލުކުރާށެވެ! އެއިރުން ދެމީހުންނަށްވެސް އަބަދުވެސް ތިބެވޭނީ އުފަލުގައެވެ.  

ނަމަވެސް މިފެންނަނީ ދިމާ އިދިކޮޅެވެ. ކައުްނސިލިންގ ހޯދަން އަންނަ ގިނަ މީހުން ތިބެނީ ޤިޔާމަތް ނުވެގެން ލަސްވެފައެވެ. އެއީ ބައިވެރިޔާގެ ކިބައިން ބަދަލުހިފުމަށެވެ. ތިމާކުރާ އަނިޔާތަކަށާއި ދޭހިތްދަތިކަމަށެވެ. މިހިސާބަށް ކަންކަން ގެންދަން ހެޔޮވާނީވެސް ކިހިނަކުން ހެއްޔެވެ؟  

މިރޭވެސް ތަކުރާރުކޮށްލާނަމެވެ! އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް ދެމަފިރިން އެކަކުއަނެކަކު ދެކެ ޙަޤީޤީ ލޯބިވާށެވެ! އަދި މިބުނި މަގުން ކަންކަން ކުރާށެވެ! އެއިރުން ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން