ސިފަ ހުތުރުވުމުން ކުރާ ބޮޑު ފައިދާއާ މިޙަޤީޤަތްތައް ވިސްނޭނަމަ އެއްވެސް އަންހެނަކު ގިނަބައަކަށް ތިމާ ހުތުރުވާތީ ކަންބޮޑެއް ނުވާނެ! ކުރާނީ އުފާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ސިފަ ހުތުރުވުމުން ކުރާ ބޮޑު ފައިދާއާ މިޙަޤީޤަތްތައް ވިސްނޭނަމަ އެއްވެސް އަންހެނަކު ގިނަބައަކަށް ތިމާ ހުތުރުވާތީ ކަންބޮޑެއް ނުވާނެ! ކުރާނީ އުފާ!

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "އަންހެނުން ނިޤާބް އަޅައި ފޮރުވެންވީ އެއީ ކުރަން ދީނުގައި މަޖުބޫރުކަމަކަށްވެގެނެއް ނޫނެވެ. އެއީ އެކަނބަލުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށްވާތީއެވެ. ޚާއްޞަކޮށް ސިފަރީތިވެ އެހެން މީހުންގެ ސަމާލުކަން ލިބޭ އަންހެނުންނަށެވެ.

ސިފަރީތިވެ އެހެން މީހުން އަޅައިގަންނަވަރުގެ އަންހެނަކު ބައަކަށް ފެނުމުން އޭނާގެ ގައަށް އަމާޒުވާ ތީރުތައް ވަރަށް ގިނަވާނެއެވެ. ފުލުފުލުގައި ތީރުތައް އަމާޒުވާނެއެވެ. ގިނަވާނީ ހަސަދައާ އެސްފީނާއިން ފުރިގެންވާ ތީރުތަކެވެ."  

އަހުރެން ޤަބޫލުކުރާ ގޮތުގައި މިއީ ވަރަށް ބުއްދިވެރި ބަސްކޮޅެކެވެ. އަދި ޢިލްމްވެރިޔާ އެވިދާޅުވަނީ ވަރަށް ގިނަ ވާހަކަތަކެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!  

ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ސިފަ ރީތިވެ، ކުލަދޮންވެ، ދިގު އިސްކޮޅެއް ލިބި ގިނަމީހުން އަޅައިގަންނަފަދަ ގުނަވަންތަކެއް ލިބިފައިވާނަމަ އެއީ އެންމެ ބޮޑު އުފާ ކަމުގައެވެ. ނަމަވެސް އެކަންކަމުން ކުރިމަތިވާ މައްސަލަތަކަށް ބަލައިފިނަމަ އެއީ ތިމާއަށް ލިބޭ އެންމެ ބޮޑު ދެރައެވެ. އަދި އަނިޔާވެސްމެއެވެ.  

އެހެނީ އެފަދަ މީހުންނަށް ގިނަ ބައެއްގެ ތަޢްރީފް ލިބުނަސް އެފަދަ މީހުންގެ ކުށްތައް ހޯދައި ފަޟީޙަތްކުރަން ބޭނުންވާ މީހުން ގިނަވާނެއެވެ. އަދި ޙަސަދަވެރިވެ އެސްފީނާލާ މީހުންވެސް ގިނަވާނެއެވެ. ހަމަ އެއާއިއެކު އެއީ އަންހެނަކުނަމަވެސް ފިރިހެނަކު ނަމަވެސް ބޭނުންކޮށްލަން ބޭނުންވާ މީހުން ވަރަށް ގިނަވާނެއެވެ.  

ވީމާ ތިމާގެ ބޭރުފުށުގެ ސިފައަށް ބަލައި، އަދި ތިމާއަށް އެހެން މީހުންގެ ސަމާލުކަން ނުލިބޭތީ ދެރަނުވާށެވެ! ސިފަ ހުތުރުވެގެން ކަންބޮޑުނުވާށެވެ! އެއީ ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތެކެވެ. ރައްކައުތެރިކަމެކެވެ. އޮތީ އުފާކުރުމެވެ.  

ޒަވާޖީ ހަޔާތަށް ބެލިނަމަވެސް މިކަން ފެނިގެންދާނެއެވެ. ރީތި މީހުންނާއި ކުރެވޭ ކައިވެނިތައް ރޫޅޭ ނިޞްބަތަށްވުރެ ބޭރުފުށުގެ ސިފަ ހުތުރު މީހުންނާއި ކުރާ ކައިވެނި ރޫޅުން މަދުވާނެއެވެ. އެއީ ގިނަ ބައެއްގެ ސަމާލުކަން ރީތި މީހުންނަށް ދެވޭތީއެވެ. ވަރިކުރިނަމަވެސް ކައިވެނިކުރާނެ މީހުން އަބަދުވެސް ތައްޔާރަށް ތިބޭތީ ބައިވެރިޔާއަށް ދޭ ސަމާލުކަން ކުޑަވާތީއެވެ.

އެއިގެ ބަދަލުގައި ސިފަ ހުތުރުނަމަ ކުރެވުނު ކައިވެނީގައި ދެމިހުންނަން ކުރާ މަސައްކަތް އިތުރުވާނެއެވެ. ކައިވެނި ރޫޅިދާނެތީ ކަންބޮޑުވާނެއެވެ. ބައިވެރިޔާއަށް އަޅާލައި ކިޔަމަންތެރިވާ މިންވަރުވެސް ބޮޑުވާނެއެވެ!  

މަސައްކަތްކުރަންވީ ދޮންވެ، ބޭރުފުށުގެ ސިފަ ރީތިކުރަން ނޫންކަމަށާއި ރިވެތި އަޚްލާޤެއް ލިބިގަންނަން ކަމަށް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ މި ސަބަބުތަކަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން