އެނގިހުރެ ގުޅެން ހެޔޮނުވާނެ މީހުންނަށް ސަމާލުކަން ނުދީ ގުޅިގެން ނުއުޅޭށެވެ! އެކުގަ އުޅެން ހެޔޮނުވާނެ މީހަކުކަން އެނގޭއިރަށް ގުޅިގެން ތިއްބަސް ވަކިވާންވެސްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
އެނގިހުރެ ގުޅެން ހެޔޮނުވާނެ މީހުންނަށް ސަމާލުކަން ނުދީ ގުޅިގެން ނުއުޅޭށެވެ! އެކުގަ އުޅެން ހެޔޮނުވާނެ މީހަކުކަން އެނގޭއިރަށް ގުޅިގެން ތިއްބަސް ވަކިވާންވެސްވާނެ!

ކޮންމެ މީހަކުވެސް ގުޅެން ބޭނުންވާނީ އަޚްލާޤް ރަނގަޅު ބައިވެރިއަކާއިއެވެ. އަޚްލާޤް ނުބައިމީހުންވެސް އެމީހުން ފަދަ އަޚްލާޤް ނުބައި މީހަކާއި ގުޅޭކަށް ބޭނުމެއް ނުވާނެއެވެ. އެހެންވެ މީހާގެ އަޚްލާޤް ދެނެގަތުމަށްޓަކައި ސަމާލުކަންދޭންޖެހޭނެ ކަމެއް ފާހަގަކޮށްލާނަމެވެ.  

މިޘާލަކަށް ތިބާ އާއި ލޯބިވެރިޔާ އާއި ބައްދަލުވީއެވެ. އެއިރު އޭނާހުރީ މީހަކަށް ނުބައިބަސްބުނެ އެއްޗެތިގޮވާށެވެ. ނުވަތަ އަނިޔާވެރި ޢަމަލެއްކުރާށެވެ. ތިބާ ފެނުމުން ނިކަން ބާރަށް އައިސް ބުނާނެއެވެ. "އެކަމާއި ނުވިސްނާށެވެ! އަޅައިނުލާށެވެ! ކަންބޮޑުނުވާށެވެ! ރުޅިނާންނާށެވެ! އެއީ އަހުރެންގެ އަޞްލު ސިފައެއް ނޫނެވެ. އަހުރެން ކަންކަންކުރާ ގޮތެއް ނޫނެވެ. މިފަހަރު ދިމާވިގޮތަކުން (ނުވަތަ އޭނާކުރި ކަމަކުން) ރުޅި އާދެވުނީއެވެ."  

ބުނަންހެއްޔެވެ؟ މިމޭރުމުން އޭނާ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ! ސަބަބަކީ އެއްވެސް މީހަކީ ހަމަހުރެފައި އެފަދަ ނުބައި ޢަމަލުތައް ކުރެވޭނެ މީހެއް ނޫނެވެ. އެފަދަ ޢަމަލުތައް ކުރެވޭނީ އެމީހެއްގެ ކިބައިގައި އެސިފަހަރުލާފައި ހުރީތީއެވެ. މިނޫން ގޮތަކަށް އެކަން ކުރިމަތިވާނީ ހަމަ ހާހަކުން ފަހަރަކުއެވެ. ވީމާ އެއީ ގުނަންވެސް ޖެހޭނެ ނިޞްބަތެއް ނޫނެވެ.  

ހަމަ އެއާއިއެކު ލޯބިވެރިޔާގެ ޙަޤީޤީ ސިފަ ތިބާއަށް ކުރިއާލައި ދެއްކެވިކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުކުރަންވާނެއެވެ. އެކަން ބަލައިގަންނަންވާނެއެވެ. ބަލައިގަނެ ޝުކުރުވެރިވުމަކީ ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަޤުތުން އެޅުމެވެ. އެގޮތުން އަހުރެން ބުރަވާނީ އެފަދަ މީހަކާއިއެކު ގުޅުން ކުރިއަށް ނުގެންދިއުމެވެ.  

ދިރިއުޅުމުގައި އެބާވަތުގެ ރިސްކް ނެގުމަކީ ދެން އެހެން ގޮތެއް ނެތި މަޖުބޫރުވެގެން ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކައިވެނިކޮށް ދަރިން ނުލިބޭނަމަ ރިސްކް ނަގަންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. އޮތީ އޭނާގެ ކިބައިން އެފަދަ އަނިޔާއެއް ލިބުމުގެ ކުރިން އަމިއްލަ ނަފްސް ނުރައްކަލުން ރައްކައުތެރިކުރުމެވެ. 

ގިނަ ފަހަރަށް ކުރިން މިބަޔާންކުރިފަދަ ނުވަތަ އެނޫންވެސް އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކަންކަން ފެނުނަސް އޭނާގެ ދަރަޖައާއި ތަނަވަސްކަމަށް ބަލައި ސަމާލުކަން ނުދެވެނީއެވެ. އަދި ބައެއް ފަހަރު ވާލޯބި ބޮޑުކަމުން ތިމާއަށް އެފަދަ ކަމެއް ނުކުރާނެ ކަމަށް ބަލައިގެން މަޑުކުރަނީއެވެ. މިއީ ހެދޭ އެންމެ ބޮޑު އެއް ގޯހެވެ. އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤެއް ނެތް މީހަކީ އެއްވެސް އެއްވެސް ކަމެއް ކުރަން ޖެހިލުންވާނެ މީހެއް ނޫނެވެ. ޚުދު އޭނާގެ ަމއިންބަފައިންނާއިމެދުގައިވެސް ކަންކަން ކުރާނީ ހަމައެގޮތަށެވެ. އެމީހުންނަކީ ވަކިގޮތަކަށް ވަކިކަމެއް ކުރާނެ ބައެއް ނޫނެވެ. އެފަހަރަކު ކުރަން ބޭނުންވާ ގޮތަކަށް ކަންކަން ކުރާނެ ބައެކެވެ.  

ވީމާ ޒަވާޖީ ޙަޔާތެއްގައި މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ޚާއްޞަކޮށް ދިރިއުޅުމަށް ފަށާއިރުގައެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

މިއަދު އޮންލައިން