ދެމަފިރިން ގުޅިގެން ލޯބިން އުޅެން ކުރާ މަސައްކަތް ކާމިޔާބުނުވާނަމަ ބުއްދިވެރިގޮތަކީ ދުވަސްތައް ބޭކާރުނުކޮށް ދެމީހުން ވަކިވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދެމަފިރިން ގުޅިގެން ލޯބިން އުޅެން ކުރާ މަސައްކަތް ކާމިޔާބުނުވާނަމަ ބުއްދިވެރިގޮތަކީ ދުވަސްތައް ބޭކާރުނުކޮށް ދެމީހުން ވަކިވުން!

ޒަވާޖީ ޙަޔާތުގައި ހިތްހަމަނުޖެހުމާ އަނިޔާ ލިބެމުންދާނަމަ ކެތްތެރިވުމަކީ ޙައްލެއް ނޫނެވެ. ކެތްތެރިވާންވާނީ ވިސްނައިދިނުމުން ކަންކަން އިޞްލާޙްވާނަމައެވެ. އިޞްލާޙްވަމުން ނުދާނަމަ ކެތްތެރިވާން މަސައްކަތްކުރުން ވާނީ އަމިއްލައަށް ލިބިގަންނަ އަނިޔާއަކަށެވެ.  

އެހެނަސް ވިސްނާލަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. ދެމީހުން ދިރިއުޅެމުން އައީ މައްސަލަތަކާއިއެކުގައެވެ. ދިރިއުޅެމުން އައިސް އަނެކާ އާއި ނުލައި ތިމާއަށް އަމިއްލައަށް ދިރިއުޅެވޭނެ މަގު ފެނުމުން ކުރިން ޖެހެމުން އައި މައްސަލަތައް ބަހަނާއަކަށް ދައްކައި ވަކިވުމަކީ އަދި މިބަޔާންކުރި ޙާލަތެއް ނޫނެވެ. އެކަންވާނީ ތިމާގެ އަމިއްލަ އެދުމަށް ކުރި ކަމަކަށެވެ.  

ފިރިމީހާގެ ކިބައިން ލިބޭ ފައިދާއަށް ބަލައިގެން ބައެއް އަންހެނުން ކެތްތެރިވާން މަސައްކަތްކުރެއެވެ. އެއީވެސް ކުރުން ރަނގަޅުކަމެއް ނޫނެވެ. އެފަދަ ސަބަބެއް އޮވެގެން ކެތްތެރިވާނަމަ ހުންނަވާނީ ހިތް ސާފުކޮށްގެންނެވެ. އެހެނީ އެއިރުން އެމީހަކު ކެތްތެރިވެގެން އެހުންނަނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި އޭނާ އަމިއްލައަށެވެ. އެގޮތަށް ހުންނަނަމަ ފިރިމީހާއަށް ހިތްބުރަކަމެއް ބާއްވައިގެން ނުވާނެއެވެ.  

ކޮންމެ ދެމީހެއްގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. މައްސަލައެއް ޖެހޭއިރަށް ވަކިވުމަކީވެސް އޮތްކަމެއް ނޫނެވެ. ފުރަތަމަ ކަމަކަށް އޮތީ މައްސަލަ ޙައްލުކުރަން މަސައްކަތްކުރުމެވެ. އަނބިމީހާގެ ވިޔަސް ފިރިމީހާގެ ވިޔަސް ބައިވެރިޔާގެ ހުރި މައްސަލަތައް އިޞްލާޙްކުރަން ފުރުޞަތުދީ ނަޞޭޙަތް ދިނުމެވެ. އެކުގައި ދިރިނުއުޅެވޭނެކަމަށް ނިންމަންވާނީ އެކަންކަން ކުރުމަށްފަހުގައެވެ.  

މިކަންކަން ފާހަގަކޮށްލަން މިޖެހުނީ މައްސަލަތައް ޙައްލުނުވާއިރުވެސް ކެތްތެރިވާން މަސައްކަތްކުރަމުން ގޮސް ނަފްސާނީ ބައްޔަކަށް ބަދަލުވެ ބޮޑެތި ގެއްލުންތައް ލިބޭހިސާބަށް ކަންކަންދާތީއެވެ. އެފަދަ ޙާލަތުގައި ދެވަނައަށް ކުރާ ކައިވެންޏަށްވެސް އެކަމުގެ އަސަރުކޮށް އުފާވެރި ދިރިއުޅުމެއް އުޅެން ހުރަސްތައް އެޅޭތީއެވެ. އެއިރުން މީހާގެ މުޅި ޙަޔާތައް އެކަމުގެ ނޭދެވޭ އަސަރުކުރާތީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން