ރުޅި ކޮންޓްރޯލް ނުކުރެވިގެން ޑޮކްޓަރަކަށް އެއްޗެތި ގޮވިފަހުން ޙަޤީޤަތް އެނގުނީމަ ވަޤުތުން ކަރުނައަޅައި ރޯންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ރުޅި ކޮންޓްރޯލް ނުކުރެވިގެން ޑޮކްޓަރަކަށް އެއްޗެތި ގޮވިފަހުން ޙަޤީޤަތް އެނގުނީމަ ވަޤުތުން ކަރުނައަޅައި ރޯންޖެހުނު ޙާދިސާއެއްގެ ވާހަކަ-

"މީހުން ބުނަނީ ބަސްބުނުމުގެ ކުރިން ކަމުގެ ޙަޤީޤަތް އޮޅުންފިލުވުމަށެވެ. އެކަމަކު އަޅުގަނޑުގެ ފިރިމީހާގެ އާދައަކީ އޭނާއަށް ކަމެއް ކުރިމަތިވާއިރަށް އެންމެންނަށް އެއްޗެތި ގޮވުމެވެ. ޙަޤީޤަތް އޮޅުންފިލުވަން އުޅޭނީވެސް ހިތްފުރެންދެން ކޮންމެވެސް މީހަކަށް އެއްޗެތި ގޮވުނީމައި އެއިގެ ފަހުންނެވެ." 

މިހުރީވެސް ބައެއް މީހުންގެ މިޒާޖެވެ! ޢަމަލުކުރާ ގޮތެވެ. ސުވާލަކީ މިފަދަ މީހަކަށް ޤަދަރުކުރާނީ ނުވަތަ އެފަދަ މީހަކު ދެކެ ލޯބިވެވޭނީވެސް ކާކަށް ހެއްޔެވެ؟ 

ނުތަނަވަސްކަމެއް ކުރިމަތިވެއްޖެނަމަ ނުވަތަ ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވިޔަސް ކެތްތެރިވެލައި ކަންކަމުގެ ޙަޤީޤަތް އޮޅުންފިލުވަން މަސައްކަތްކުރެވެނީ މަދުމީހަކަށެވެ. ގިނަ ބައަކަށް ރުޅި އިސްކުރެވި ދުލުން ނުބައި ބަސްތައް ބުނެވެނީއެވެ. 

ހޮސްޕިޓަލަށް ދަނީ ޞިއްޙީ ޚިދުމަތް ހޯދާށެވެ! ބަލިވެގެން ބޭސްފަރުވާކުރާށެވެ. އެހެންވެ ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހާއަވަކަށް ޚިދުމަތް ލިބުމަށެވެ. ނަމަވެސް އެގޮތަށް އެކަންކަން މެދުވެރިނުވާ ޙާލަތުވެސް އަންނާނެއެވެ. އަދި އަމިއްލަ ގޭގޭގައިވެސް ކެތްތެރިވާންޖެހޭ ޙާލަތާއި ކުރިމަތިލާންޖެހޭނެއެވެ. އަމިއްލަ ގޭގައި ނަމަވެސް ކޮންމެ ކަމެއް ތިމާ ބޭނުންވާއިރަށްއަދި ތިމާ ބޭނުންވާ ގޮތަށް ވަޤުތުން ޙާޞިލުނުކުރެވި ހިނގައިދާނެއެވެ. 

މިއީ މުޖުތަމަޢުން އިޞްލާޙްކުރަންޖެހިފައިވާ ވަރަށް މުހިންމު މައްސަލައަކަށްވާތީ މިގެނެސްދެނީ އަގުހުރި ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކައެކެވެ. ރުޅިއައިސް ނުބައިބަސްބުނެވުން ހުއްޓާލަން އެހީތެރިވެދޭނެއެވެ. އިން ޝާ ﷲ 

ހޮސްޕިޓަލުން އިމަރޖެންސީކޮށް ކުޑަކުއްޖަކު އޮޕަރޭޝަން ކުރަންޖެހިގެން ޑޮކްޓަރަށް ގުޅިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޑޮކްޓަރު ހުރީ ހޮސްޕިޓަލުގައެވެ. އޮޕަރޭޝަން ތިއޭޓަރަށް ދަނިކޮށް ހުއްޓުވާފައި ކުއްޖާގެ ބައްޕަ ގިނަ މައްސަލަތަކެއް ހުށަހެޅިއެވެ. 

"ޑޮކްޓަރު އައިލެއް ލަސްވުމުންނެވެ. ލަސްވެގެން މަރުވާން ދިމާވީ ޑޮކްޓަރުގެ ދަރިއެއް ނަމަ ކުރާނެ އަސަރެވެ. ޒިންމާދާރުވާން ނުޖެހޭނެތޯއެވެ؟ ދަރިފުޅު މަރުވެއްޖެނަމަ އަލުން ދުނިޔެއަށް ގެނެވޭނެތޯއެވެ؟" 

ޑޮކްޓަރު ހީނލާފައި ބުނީ ހޮސްޕިޓަލުން ގުޅުމުން އޭނާ ހޮސްޕިޓަލަށް އައީ ކުރަންހުރި ވަރަށް މުހިންމު ކަންކަން ނުކޮށް ކަމަށެވެ. ކެތްތެރިވުމަށެވެ. އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. 

4 ވަރަކަށް ގަޑިއރުގެ އޮޕަރޭޝަން ނިންމާލާފައި ނުކުމެ ޑޮކްޓަރު ބުނީ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ދަރިފުޅުގެ ފުރާނަ މާތް ﷲ ގެ ރަޙްމަތްފުޅުން ސަލާމަތްކުރެވިއްޖެ ކަމަށެވެ. އަދި އިތުރު ސުވާލެއް އޮތް ނަމަ ނަރުހުންނާއި ކުރުމަށެވެ. 

އެހެން ބުނެފައި މަޑުނުކޮށް ޑޮކްޓަރު ދިއުމުން ކުއްޖާގެ ބައްޕަގެ ކަންބޮޑުވުމަކަށްވީ އޭނާގެ ސުވާލުތަކަށް ޖަވާބުނުދީ ޑޮކްޓަރު ދިއަކަމެވެ. އެހެންވެ ނަރުހުންނާއި ބައްދަލުވުމުން ފުރަތަމަވެސް ކުރިކަމަކީ ޑޮކްޓަރަށް ނިކަމެތި ބަސްތައް ބުނުމެވެ. އެއްޗެތި ގޮވުމެވެ. 

ޖަވާބުގައި ނަހުން ބުންޏެވެ. "އަހަރެމެން ޑޮކްޓަރަށް ގުޅިއިރު ޑޮކްޓަރު ހުރީ ކުރީ ދުވަހު އެކްސިޑެންޓްވެ މަރުވި ޑޮކްޓަރުގެ ދަރިފުޅުގެ ޖަނާޒާގައެވެ. އެކަން ދޫކޮށްލާފައި އައިސް ޑޮކްޓަރު އެދިއައީ ނުހަނު ބުރަ މަސައްކަތުން މާތް ﷲ ވާގިފުޅާއިއެކު ތިބާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްފައެވެ. އެވަރުންވެސް ތިއަ އެއްޗެތި ގޮވަނީ އެޑޮކްޓަރަށެވެ." 

ކުއްޖާގެ ބައްޕައަށް ކުރި އަސަރުން، ބުނެވުނު ބަސްތަކާއިމެދު ވީދެރައިން ރޯންފެށުނެވެ. 

މީސްތަކުންނޭވެ! ތިމާއަށް ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވި ނަމަވެސް އަނެކުންނަށް ނުބައި ބަސްތައް ނުބުނާށެވެ. ކަމުގެ ޙަޤީޤަތް އޮޅުންފިލުވައިގެން ވާހަކަދައްކާށެވެ! ނޫންނަމަ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން