ތިއަކަނބަލުންގެ އަންހެން އެކުވެރިންގެ ތެރޭގައިވެސް އިބިލީހުގެ އެޖެންޓުން ތިބޭނެ! ދެނެނުގަނެވިއްޖެނަމަ ދިރިއުޅުން ހަލާކުކޮށްލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ތިއަކަނބަލުންގެ އަންހެން އެކުވެރިންގެ ތެރޭގައިވެސް އިބިލީހުގެ އެޖެންޓުން ތިބޭނެ! ދެނެނުގަނެވިއްޖެނަމަ ދިރިއުޅުން ހަލާކުކޮށްލާނެ!

މިހާރަކަށް އައިސް މީސްތަކުން މަގުފުރެއްދުމުގައި އިސްކޮށް ތިބޭ ގިނަ ޢަދަދެއްގެ ޝައިޠޯނުންތަކެއް އިންސާނުންގެ ސިފައިގައި ތިބެއެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައިވެސް ތިބެއެވެ. ތިއަ ކަނަބލުންގެ އެކުވެރި އަންހެނުންގެ ތެރޭގައިވެސް ތިބެއެވެ. އެމީހުންގެ ނިތްކުރީގައި "އިބިލީހުގެ އެޖެންޓް" މިފަދައިން ލިޔެވިފައި ނުއިންނާތީ ވަކިކުރަން ނުއެނގެނީއެވެ. އެއެޖެންޓުން ދެނެގަންނަން ޖެހޭނީ އެމީހުންގެ ޢަމަލުތަކުންނެވެ.

ލޮބުވެތި ކަނބަލުންނަށް ބުނެލަމެވެ! ތިއަ ކަނބަލުންނަށް ހަދާނީ ހަމަ މިހެންނެވެ. ފުރަތަމަ ގެންދާނީ ކޮންމެވެސް ރެސްޓޯރަންޓެއް ފަދަ ތަނަކަށެވެ. ދެފަހަރަކު ގެންދާތަނުން ކޮންމެވެސް ފިރިހެނަކާ ބޮޑު "އިއްތިފާޤުން" ދިމާވާނެއެވެ. އެހިސާބުން ކަންކަން ކުރިފަޅައި ހެދެން ފަށާނެއެވެ. އާޚިރު ނަތީޖާއަކަށް ވެގެންދާނީ އަބުރުވެރިކަން ގެއްލިގެން ދިއުމެވެ. ކައިވެނިކޮށްގެން ހުރި އަންހެނެއްގެ ނަމަ ކައިވެނިވެސް ރޫޅިގެން ދިއުމެވެ.

ކެހިވެރިންގެ މަޅީގައި ޖެހި ޢާއިލީ ދިރިއުޅުން ނަގާލައި އާޚިރަތްވެސް ގެއްލިގެން ދިއުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތާމައެވެ. ހިތްދަތިކަމެވެ. ދުނިޔޭގެ ވަގުތީ އަރާމުކޮޅަކަށްޓަކައި ޢާއިލީ ދިރިއުޅުމާއި އާޚިރަތް ދޫކޮށް ނުލާށެވެ! އެފަދައިން އަމަލުކުރާ މީހުންނަށް މިދުނިޔޭގައިވެސް ލިބޭނެ ހަޤީޤީ ކުރިއެރުމެއް ނުއޮންނާނެއެވެ! އެފަދައިން އަމަލުކުރާ ގިނަ މީހުން ދުނިޔެ ދޫކުރާނީ އެތައް އަހަރެއް ވަންދެން ނޯށުން ރޮއިފައެވެ.

ފާފަ ކުރެވޭ މީހުންނަށް ހިތްވަރުދީ ފާފަކުރުވަން ބާރުއަޅައި ވާގިވެރިވާ ބައަކު ތިބޭނެއެވެ. އެއީ މުނާފިޤުންނެވެ. ޝައިޠާނާގެ ބައިވެރިންނެވެ. ޝައިޠާނާގެ އެޖެންޓުންނެވެ. އެފަދަ މީހުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ މީހުން ފާފަކުރުމުންނެވެ. ހިތާމައަކީ މިފަދަ މީހުން، އެމީހާގެ އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނޭ ކަމެވެ. އަދި އެފަދަ މީހުންގެ ބަސް ޤަބޫލުކުރެވޭ ކަމެވެ.

މީސްތަކުންނޭވެ! ރަނގަޅަށް ވިސްނާށެވެ! އެމީހަކީ މިބުނި ފަދަ ޝައިޠާނުންގެ ބަސް ޤަބޫލުކޮށްފާނެ މީހެއްކަމަށް ހީވި ނަމަވެސް އެމީހަކާއި އަވަލާނެއެވެ. ފުރަތަމަ ގެންދާނީ ކޮފީއަށެވެ. ދެން ގެންދާނީ ނައިޓް ކްލަބަށެވެ. އެހިސާބުން އެއޮތީ ހުރިހާ ދޮރުތަކެއް ހުޅުވިފައެވެ. ފުރަތަމަކޮޅު އެމީހުން ޚަރަދުވެސް ކުރާނެއެވެ. މަޅީގައި ޖެހުމުން އެމީހާ ލައްވައި ޚަރަދުކުރުވަމުން ގޮސް ދަރަނިވެރިވެސް ކުރުވާނެއެވެ.

މީސްތަކުންނޭވެ! ފާފަ ބަލަން ޖެހޭނީ ހަމައެކަނި ފާހިޝް އަމަލަކުން ނޫނެވެ. ވައްކަމާއި އެނޫންވެސް ﷲ ތަޢާލާ ހަރާމް ކުރެއްވެވި ކޮނަމެ ކަމަކީ ފާފައެވެ. އެއްވެސް ބާވަތެއްގެ ފާފައެއް ކުރަން ހިތްވަރުދީ ވާގިވެރިވާނަމަ އެމީހަކާއި ދުރުވާށެވެ! އެމީހެއްގެ ސަލާމަތް ހޯދުމަކީ އެމީހެއްގެ ކަމެކެވެ. ފާފަތައް ކުރުމަށްފަހު ފާފަކުރެވުނީ މިވެނި ސަބަބެއް މެދުވެރިވެގެން ކަމަށް ބުނުމަކުން ނުފުދޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބަހަނާއެއެއް ނުދެއްކޭނެއެވެ. އެމީހަކު ކުރި ކަމަށް ޒިންމާވާން ޖެހޭނީ އެމީހެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން