ހޭލުންތެރިވެވިއްޖެނަމަ ތިމާއަށް ކުރިމަތިވި މިޞީބާތަކީ ލެއްވެވި ރަޙްމަތަކަށްވެގެންދާނެ މަގު! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ހޭލުންތެރިވެވިއްޖެނަމަ ތިމާއަށް ކުރިމަތިވި މިޞީބާތަކީ ލެއްވެވި ރަޙްމަތަކަށްވެގެންދާނެ މަގު! އިން ޝާ ﷲ

ﷲ ތަޢާލާ މިންވަރު ކުރައްވަވާފައި ނުވާ ކަމެއް އެއްވެސް މީހަކަށް ކުރިމައްޗެއް ނުވާނެއެވެ. ކޮންމެ ކަމެއްވެސް ކުރިމަތިވާނީ އެމީހަކަށް އެކަމެއް ކުރިމަތިވުން މިންވަރު ކުރައްވަވާފައިވާނަމައެވެ. ވީމާ އެއްވެސް މުޞީބާތެއް ކުރިމަތިވުމުން އެއީ މުޞީބާތެއް ކަމަށް ނުވަތަ އެކްސިޑެންޓެއް ކަމަށް ހީނުކުރާށެވެ.

ލަހުން ނަމަވެސް އަވަހަށް ނަމަވެސް އެމީހަކަށް އެކަން ކުރިމަތިވި ސަބަބު އެނގޭނެއެވެ. ވިސްނޭނެއެވެ. ހަމައެއާއިއެކު އެއްވެސް ކަމެއް މެދުވެރިވީ ތިމާއަށް ދެރައަކަށް ކަމަށް ޤަބޫލުކުރުމެއް ނެތެވެ. އެކަމުގައި ފޮރުވިފައިވާ ޙިކުމަތް އަހަރެމެންނަށް ނުވިސްނެނީއެވެ. ވީމާ އޮތީ ޝުކުރުވެރިވުމެވެ.

ކުރިމަތިވި ކަމަކީ ލިބުނު އަނިޔާއެއް ކަމަށް ބައެއް ފަހަރު ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް އެއީ ތިމާއަށް ލިބުނު ފައިދާއެއް ކަމަށް މިދުނިޔޭގައިވެސް އެނގި އުފާކުރަން ޖެހިފައިވަނީ މަދަކުން ނޫނެވެ. މިދުނިޔޭގައި އެކަން ނުއެނގުނު ނަމަވެސް އާޚިރަތުގައި އެކަން އެނގިގެންދާނެއެވެ.

މިފަދައިން އެކަން މެދުވެރިވުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. އެއީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމެވެ. އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ކުރުމެވެ. އެމީހާގެ އަމަލުތައް ސީދާ ކުރުމެވެ. ޙައްޤުގެ މަގުގައި ސާބިތުވެ ހުރުމެވެ.

އެއްވެސް މީހަކަށް މުޞީބާތެއް ކުރިމަތިވާނީ ކޮން އިރަކު ކަމެއް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. ވީމާ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަމަކީ އަބަދުވެސް ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރުމެވެ. އެގޮތުގައި ހުންނަ މީހަކަށް ކުރިމަތިވާ ކޮންމެ މުޞީބާތެއްވެސް ވެގެންދާނީ އެމީހަކަށް ލެއްވެވި ވަރަށް ބޮޑު ހެޔޮ ރަޙްމަތަކަށެވެ.

ޔަޤީންކުރަންވީ ކޮންމެ މުޞީބާތަކާއިއެކުވެސް ރަޙްމަތެއްވާކަމަށް އޮތް ވަހީބަސްފުޅެވެ. ވީމާ ހިތްދަތިކަމެއް ނުވަތަ ތަކްލީފެއް ކުރިމަތިވެއްޖެނަމަ ހެޔޮ އަމަލުކުރުން އިތުރުކުރަން އަވަސްވެގަންނާށެވެ! އެއިރުން ރަޙްމަތް ތިބާ އާއި ބައްދަލުކުރުން އަވަސްވާނެ އެވެ! އިން ޝާ ﷲ

މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން