ނަފްސާނީ މައްސަލަތަކަށް ތިމާގެ މައްޗަށް ގަދަވެ ނުގަނެވޭނެ ގޮތް- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ނަފްސާނީ މައްސަލަތަކަށް ތިމާގެ މައްޗަށް ގަދަވެ ނުގަނެވޭނެ ގޮތް- އިން ޝާ ﷲ

ކޮންމެ ދުވަހަކު ތިމާއަށް ކުރިމަތިވާނީ އުފާވެރި ކަންކަމެއް ނޫނެވެ. އެއްގޮތަކަށްވެސް ބައްދަލުކުރަން ބޭނުންވެސް ނުވާ އެތައް ކަމަކާއިވެސް ބައްދަލުކުރަންޖެހޭނެއެވެ. އެފަދަ އެތައް ކަމެއް ކުރިމަތިވާނެއެވެ. މިފަދަ އެއްވެސް ކަމަކާއި ގުޅިގެން "ފޫހިވާވަރުން އެއްވެސް ކަމެއް ކުރާ ހިތް ނުވާ" ޙާލަތަށް މީހާ ގޮސްގެން ނުވާނެއެވެ! އެޙާލަތަށް ނުގޮސް ހެރެވޭނެއެވެ. އިން ޝާ ﷲ

ނަފްސާނީ ބަލީގައި އެންމެ ބޮޑަށް ކާމިޔާބީ ހޯދާފައިވަނީ ނަފްސާނީ ބަލި އެއީ ބައްޔެއް ކަމަށް ޤަބޫލު ނުކުރާ މީހުން ނެވެ. މާނައަކީ އުނދަގޫތައް ކުރިމަތިވުމުން އެއުދަގޫތަކާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ. އެފަދަ މީހުން ދެކޭ ގޮތުގައި ސިކުނޑީގައި މައްސަލައެއް ހުރި ނަމަ އެއީ ނަފްސާނީ ކަމެއް ނޫނެވެ. އެއީ ސިކުނޑީގެ ބައްޔެކެވެ. އެބައްޔަށް ފަރުވާ ކުރާނީއެވެ. އަދި ތިމާގެ އަމިއްލަ މައްސަލަތައް ސިކުނޑިއަށް ވައްދައި އެ މައްސަލަތަކުން ސިކުނޑި ފުރައިލުމުން ފޯރާ އުނދަގޫތަކަކީ އެއީ ތިމާ އަމިއްލައަށް ލިބިގަންނަ އުނދަގޫތަކެކެވެ. އެ ފަދަ އުނދަގޫތައް ފޯރިއަ ނުދިނީމާ ނުފޯރާނެއެވެ.

ކުޑަކުޑަ މިޘާލެއް ބުނެފާނަމެވެ. އެންމެ ގިނައިން ދިމާވާކަމަށް ބުނާ އެއް ކަމަކީ ގޭގައި އެކަނިވާވަގުތު ވެސް މީހުންގެ ތެރޭގައިވެސް ބައިވެރިޔާގެ ފަރާތުގެ މައިންބަފައިން ނިކަމެތި ބަސްތައް ބުނުމެވެ. މިފަދަ ކަންކަން ކުރިމަތިވީމާ އެކަމަށް ނުވިސްނައިބަލާށެވެ! ހިތަށް ގެނުވާށެވެ! ކާޅު އުޅޭރަށެއްނަމަ އަބަދުވެސް ކާޅުގޮވާއަޑު އިވޭނެއެވެ. އެއިރުން އެކިޔާ އެއްޗަކާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

ކޮންމެއަކަސް ތަޖުރިބާކުރި މީހުން ބުނަނީ ހަޔާތުގައި ދިމާވާ ކަންކަން އެއީ މައްސަލައެއް ކަމަށް ޤަބޫލު ނުކުރާ މީހުންގެ ސިކުނޑި އަބަދުވެސް ވަރަށް ތާޒާވާނެ ކަމަށެވެ. އެ ވިސްނުމުގައި ދުނިޔޭގައި އުޅޭ މީހުންނަށް ދުވަހަކުވެސް ނަފްސާނީ ބަލީގެ ފަރުވާ ދޭން ނުޖެހޭނެ ކަމަށެވެ. އެފަދަ މީހުންގެ ހުރިހާ ބޭހަކީ މިންވަރަށް އީމާންވުން ކަމަށެވެ. މިންވަރަށް އީމާންވެގެން ހުންނަ މީހާއަށް ނަފްސާނީ ބަލީގެ އެއްވެސް ބާވަތެއް ނުޖެހޭނެ ކަމަށެވެ.

ދުޢާ ކުރުމުން ޙާޞިލު ނުވާނެ ކަމެއް ނެތް ނުވަތަ ނުއޮންނާނެ ކަމަށް ބުނެވޭ ބަހުގެ މާނަ އޮޅުވައި ނުލާށެވެ! އެހެނީ ދުޢާ ކުރުމާއިއެކު އެކަމެއް ޙާޞިލުކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެއެވެ. ސަބަބުގައި ހިފަހައްޓައިގެން މަސައްކަތްކުރުމަކީ އެއީ އެވެ. ބަނޑުހައިވުމުންއުޑުން ދޮލަނގު ބާވައްލެއްވެވުން އެދި ދުޢާ ކުރަން ހުރުމަކުން ނުފުދޭނެއެވެ. ކާބޯތަކެތި ހޯދުމަށާއި ކާބޯތަކެތި ލިބުމުން ރޯފިލުވަން ޖެހޭނަމަ ރޯފިލުވައިގެން ކާން ވެސް މަސައްކަތްކުރަން ޖެހޭނެއެވެ.

ޚާއްޞަކޮށް ނަފްސާނީ މައްސަލަތައް ފަދަ ކަންކަމުގައެވެ. ނަފްސާނީ ބަލީގެ އެންމެ ރަނގަޅު ފަރުވާއަކީ އީމާންކަން ވަރުގަދަކުރުމެވެ. އެހެންކަމާއިއެކުވެސް ތިމާ އިތުރަށް ކުރަން ޖެހޭ ހިތްވަރެއް އޮންނާނެއެވެ. އެއީ ތިމާއަކީވެސް ކުޅަދާނަ ޤާބިލް މީހަކަށްވުމަށް އަމިއްލައަށް ކުރަން ޖެހޭ މަސައްކަތެވެ. އެކަނި ކޮޓަރިއަކަށް ވަދެ އިނުމުގެ ބަދަލުގައި ގޭތެރެއަށް ނުކުމެ ޢާއިލާ އާއިއެކު ވަގުތު ހޭދަކުރުން ފަދަ ކަންކަމަކީ ކުރަން ޖެހޭނެ ކަންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން