މިހައި ގިނަ ޢަދަދެއްގެ ޒުވާނުން މިބައްދަލުވުމުގައި ތިބުމުން ފުރަތަމަ ބޭނުންވަނީ ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާށެވެ! މިއީ ވަރަށް ގިނައިން ފާހަގަކުރެވޭ ކަމެކެވެ. ކުރަންޖެހޭވެސް ކަމެކެވެ.
މީސްތަކުން މިއަދު ޣާފިލުވެފައި މިތިބަވަރުން އެމީހުންނަސް ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގެއެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަމުގެ ވީޑިއޯތައްކޮށް ޢާންމުކުރަނީއެވެ. ﷲ ތައާލާ އާއި ދެކޮޅަށް (އިސްލާމް ދީނާއި ދެކޮޅަށް) މަކަރުވެރިރޭވުންތައް ރާވަނީއެވެ. ބޮޑެތި ފާފަތައް ކުރަނީއެވެ! ޤިޔާމަތް ދުވަހާއިމެދު ވިސްނައިލުމެއް ނެތެވެ.
ހަމައެކަނި މިކަންކަން ހިތަށް ގެނެސްބަލާށެވެ! ތިބާކުޅަ ޢަމަލުތަކުގެ ފަތް ތިބާގެއަތަށް ދެއްވަވާނެތެވެ. އެއިގައިވާ އެއްޗެއް ބަލައި އަމިއްލައަށް ހާމަކުރަން ވަޙީކުރައްވަވާނެތެވެ. އެކަން ޤުރްއާނުން އެނގެން އެބައޮތެވެ.
އެހިދު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ތިބާއަށް ޖެހޭނީ ތިބާކުޅަ ޢަމަލުތައް ބަލާށެވެ. ޢާންމުކުރި ވީޑިއޯތަކާއި ސިއްރުކުރި ވީޑިއޯތައްވެސް ބަލާށެވެ! ﷲ ތަޢާލާ އާއި ދެކޮޅަށް ތިބާ ރޭވި ރޭވުންތަކުގެ ވާހަކަތައްވެސް ހާމަކުރާށެވެ. ބަހަނާއެއް ނުދެއްކޭނެއެވެ. ދޮގެއް ނުހެދޭނެއެވެ. ގުނަވަންތައް ހެކިދޭނެއެވެ.
ނިކަން ހިތަށް ގެނެސްބަލާށެވެ! ތިއަކުރާ ފާފަވެރި ވީޑިއޯތަކާއި ނަގާފޮޓޯތައް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ބަލަންޖެހޭނެ ވަގުތެވެ. އިސްލާމް ދީނާ ދެކޮޅަށް ކުރާ ޢަމަލުތައް އަމިއްލަ ދުލުން ހާމަކުރަންޖެހޭނެ ވަގުތެވެ. ބުނި މުރުތައްދުބަސްތައް ބުނަންޖެހޭނެ ވަގުތެވެ. ކުރިފާފަތަކުގެ ވާހަކަ އަމިއްލައަށް ދައްކަންޖެހޭނެ ވަގުތެވެ. ކޮންމެ މީހަކުވެސް ނަރަކައަށް ވަންނާނީ އަމިއްލަ ކުށަށް އިޢްތިރާފްވާ ޙާލުގައި ކަމަށް އޮތީ މިސަބަބުތަކަށްޓަކައެވެ.
މީސްތަކުންނޭވެ! އަދިވެސް ވަގުތު އެބައޮތެވެ! ނޭވާލެވޭހައި ހިނދަކު (މަރުނުވާހައި ހިނދަކު/ މަލަކުލްމައުތު ފުރާނަ ނިއްޕަވަން ވަޑައިގަންނަވަންދެން) ވަގުތު އެބަ އޮތެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ! ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސްމެއެވެ. ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސްމެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން