މިއަދުން ފެށިގެން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ އިތުރުން މިހާތަނަށް މުސާރަ ބޮޑުނުވެ ތިބި ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިއީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ގެނެވުނު މުހިންމު ބަދަލެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާ ކަމެކެވެ. ރައީސް މުޢިއްޒު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފައިވާ ގޮތުގައި، އަންނަ 2026 ވަނަ އަހަރުގެ ނިޔަލަށް އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަވެގެންދާނެއެވެ. މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މުސާރަ އެއްހަމަކުރުމަށްޓަކައި ވަނީ 1.68 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަނޑައަޅާފައެވެ.
މިދައުރުގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން، މިހާރުވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރައްވާފައެވެ. މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ މެމްބަރުންނަށް ކުރިން ދެމުންދިޔަ އެލަވަންސަކީ ރަސްމީ މުސާރައިގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.
ދައުލަތުގެ ބައެއް އިދާރާތަކުގެ މުސާރައަށް އެކި ދުވަސްވަރު ގެނެވުނު ބަދަލުތަކާ އެކު، އެހެން ދާއިރާތަކުގެ މުސާރައިގެ ފަރަޤު ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ދައުލަތުގެ ޕޭފްރޭމް ވޯކް ހަރުދަނާކޮށް، މުސާރަ އެއްހަމަކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. މި މަސައްކަތް ނިމުމުން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރު ހިތްހަމަޖެހުމާއި ހިތްވަރު ލިބިގެންދާނެކަމަށް ބެލެވެއެވެ.